04 ޖުލައި 2017 - 14:54

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައަކީ ވިޔަފާރިވެރިންތަކެއް ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކަންވެގެން ދައްކާ ބަހަނާއެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ 10 މެމްބަރަކު ހިމެނޭ ގޮތަށް 45 މެމްބަރުންގެ ސޮޔާ އެކު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް އިއްޔެ ވައްދާފައިވާތީ އެކަމާ ގުޅޭ ގޮތުން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިމާވެގެން އުޅެނީ މަސީހުގެ މައްސަލައެއް ނޫން ކަމަށެވެ. އަދި އެއީ މަދު ވިޔަފާރިވެރިންތަކެއް ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކަން އާދައިގެ މަތިން ދައްކާ ބަހަނާއެއް ކަމަށް އެ ޓްވީޓްގައި އޭނާ ވިދާޅުވެފައިވެ އެވެ.
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު
- ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު
- މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން
- އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ
- ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ
- ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު
- ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު
- މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް)
- ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ
- އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމް (ގާރީ)
ސައީދު އެގޮތަށް ވިދާޅުވި އިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏާއި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ހޯދަން ދައުލަތުން ވަނީ އެ ކުންފުނިތަކާ ދެކޮޅަށް ދައުވާކޮށްފަ އެވެ.
އިކޮނޮމިކް މިނިސްޓަރު ކަމަށް ސައީދު އައްޔަން ކުރެއްވި އިރު ވެސް އޭނާ އަކީ ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ. އެކަމަކު ފަހުން އޭނާ ވަނީ އެ ޕާޓީން ވަކިވެ، ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ.
މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ފުރަތަމަ މައްސަލަ ފެއިލް ކޮށްލުމުން ދެ ވަނަ ފަހަރަށް އެ މައްސަލަ ހުށަހެޅީ ޕީޕީއެމްގެ ބައެއް މެމްބަރުންގެ ސޮޔާ ވެސް އެކު އެވެ. އެ މައްސަލައިގައި ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވެ، ބައެއް މެމްބަރުން ވަނީ ޕީޕީއެމަށް ފާޑު ވިދާޅުވެފަ އެވެ.