04 ޖުލައި 2017 - 13:47

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނަށް ދައުލަތުން ކުރާ ދައުވާއާ ގުޅޭ ލިޔުންތައް އޭނާއާ ކްރިމިނަލް ކޯޓުން މިއަދު ހަވާލުކޮށްފި އެވެ.
ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސްގެ މައްޗަށް ކުރަނީ ޝަހްސު އޮޅުވައިލުމުގެ ދައުވާ އެވެ. އެ ދައުވާކުރަނީ ޕީޕީއެމްގެ ދިދަ އޭނާ ބޭނުން ކުރި މައްސަލައިގަ އެވެ. އެ މައްސަލައިގައި ފާރިސް މިއަދު ކޯޓަށް ހާޒިރުކޮށް، މައްސަލައިގެ ލިޔުންތައް ހަވާލުކުރީ އާންމު އުސޫލުގެ މަތިން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
"ވަކި ފާރިސް ވެގެންނެއް ނޫން. ކޮންމެ މައްސަލައެއް ވެސް ހުށަހެޅީމަ އެ މައްސަލައެއްގެ ލިޔުންތައް ހަވާލު ކުރާނެ އެ މައްސަލަ އަށް ތައްޔާރުވާން ފުރުސަތު ދިނުމުގެ ގޮތުން،" ކްރިމިނަލް ކޯޓުގެ ތަރުޖަމާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ލިޔުންތައް ހަވާލު ކުރިޔަސް އެ މައްސަލައިގެ ޝަރީއަތް ފަށާނެ ދުވަހެއް އަދި ތާވަލެއް ނުކުރެ އެވެ.
މައުމޫންގެ ވެރިކަމުގައި ތީމުގޭގެ ބަޖެޓުން ގަވާއިދާ ޚިލާފަށް ޚަރަދުކުރި ފައިސާތަކެއްގެ މައްސަލައިގައި ފާރިސްގެ މައްޗަށް ދައުވާކުރަން ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި އެވެ. އެކަމަކު އެ މައްސަލައިގައި ދައުވާ ކުރެވެން ނެތް ކަމަށް އެ އޮފީހުން ވަނީ ނިންމައިފަ އެވެ.