05 ޖުލައި 2017 - 06:36

އުމުރުން އެންމެ ތިން އަހަރުގައި ޕްރީ ސްކޫލުން ދިމާވެގެން ހިތް ދެވުނު އަންހެންކުއްޖާއާ، ބޮޑުވެގެން ކައިވެނިކުރަން އެ ވަގުތު ވެސް އޭނާ ނިންމި އެވެ. އަދި އޭގެ 20 އަހަރު ފަހުން އޭނާ ވަނީ މި ހުވަފެން ހަގީގަތަކަށް ހަދައި ކުޑައިރުގެ ލޯބިވެރިޔާއާ ކައިވެނި ކޮށްފަ އެވެ.
މެޓް ގްރޮޑްސްކީ އާއި ލޯރާ ޝީލް ކައިވެނިކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ. މެޓް ބުނާ ގޮތުގައި އޭނާގެ އެންމެ ދުރު ހަނދާނަކަށް ހުންނަނީ އުމުރުން އެންމެ ތިން އަހަރުގައި ޕްރީ ސްކޫލްގައި އުޅުނުއިރު ކްލާހުގެ ކުރިމަތީގައި ހުރެގެން ކޮންމެވެސް ދުވަހަކުން ލޯރާއާ ކައިވެނިކުރާނެ ކަމަށް ބުނި ދުވަސް ކަމަށެވެ.
މި ދެ ޒުވާނުންގެ ލޯބީގެ ވާހަކަ ސޯޝަލް މީޑިއާގައި މަޝްހޫރުވީ އެމީހުން އިންސްޓަގްރާމްގައި "ދަ ވޭ ވީ މެޓް" ގެ ކެޕްޝަންގެ ދަށުން ޕޯސްޓްކުރި ފޮޓޯތަކުގެ ސަބަބުންނެވެ.
މެޓް އޭނާގެ ޒަމާންވީ ލޯބިވެރިޔާއަށް ރަސްމީކޮށް ކައިވެނި ހުށަހެޅީ ވެސް ޕްރީ ސްކޫލްގައި އޭނާ ކިޔެވި ކްލާހުގެ ދޮރުމަތީގައި ހުރެގެންނެވެ. އޭނާ ބުނި ގޮތުގައި ކުޑައިރު އުނދޯލި ހެއްލާށާއި ވެލި ފަރުބަދަ ކުރަހާށާއި ޗީޒް ސްޓްރިންގް ކާނެ ގޮތް ދަސްކޮށްދިނީ ލޯރާ ކަމަށެވެ.
ކުޑައިރު ލޯރާއާ އެކު ފީކޯތް ކުޅޭ ހަނދާނާއި ނިދަން ބައިތިއްބާ ގަޑިތަކުގައި ވެސް ނުނިދޭ ހޭލާ ތިބޭ ހަނދާން މެޓް އެބަހުއްޓެވެ. ނަމަވެސް އެމީހުން އެލެމެންޓްރީ ސްކޫލަށް ބަދަލުވި ހިސާބުން އެކަކު އަނެކަކަށް ވީނުވީ ތަނެއް ނޭނގި ގެއްލުނީ އެވެ. އޭގެ ފަހުން ޖެހިގެން އައި ހަތް އަހަރު ވެސް އެމީހުންނަށް އެކަކު އަނެކަކު ފެންނަނީ ދެ މީހުންގެ އާއިލާއިން ބަދަލުކުރީ ގްރީޓިން ކާޑުތަކުގެ ޒަރިއްޔާއިންނެވެ.
ހައި ސްކޫލްގައި އުޅުނުއިރު އެ ދެ މީހުން އެކަކު އަނެކަކަށް އަލުން ތައާރަފްކޮށްދިނީ ދެ މީހުންގެ ވެސް ގާތް އެކުވެރިއެކެވެ. އޭރުއްސުރެ ދެ މީހުންނަކީ ދެ ލޯބިވެރިންނެވެ. އަދި މޭ 2015 ގައި ޕްރީ ސްކޫލްގައި އޭނާ ކަނޑައެޅި އަޒުމް ފުރިހަމަކޮށް ލޯރާ ކުރެން ކައިވެންޏަށް އަހަން މެޓް ނިންމި އެވެ. ޕްރީ ސްކޫލްގައި އޭނާ ކޮންމެވެސް ދުވަހަކުން ލޯރާއާ ކައިވެނިކުރާނެ ކަމަށް ބުނި ކްލާހުގެ ހަމަ އެ ތަނުގައި ހުރެގެންނެވެ.
ލޯރާ ހީކުރީ އެމީހުން ޕްރީ ސްކޫލަށް ދިޔައީ ޕިކްނިކަށް ކަމަށެވެ. ނަަމަވެސް މެޓް ކުއްލިއަކަށް އެއްފައި ބިންމަތީގައި ޖައްސައި ތިރިވެފައި ޕްރޮޕޯސްކުރުމުން ލޯރާ އަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ.
ހަފިންހަމް ޕޯސްޓަށް މެޓް ކިޔައިދީފައިވާ ގޮތުގައި އެންމެ ތިން އަހަރުގައި ވެސް ލޯރާއަށް ދައްކަން އޭނާ ވަރަށް ގިނަ ކަންތައްތައް ކުރެ އެވެ. ނަސީބަކުން ލޯރާގެ ސަމާލުކަން ލިބުނު ހަމައެކަނި ކުއްޖަކީ ވެސް އޭނާ ކަމަށް އޭރު ވެސް ވި އެވެ.