ޓީއެފްޖީ ދުވުން އައްޑު އާއި ލ. އަތޮޅަށް
ޓީއެފްޖީ ދުވުން އައްޑު އާއި ލ. އަތޮޅަށް

ހުޅުމާލޭގައި 2013 ވަނަ އަހަރުން ފެށިގެން ލޯންގް ރަންގެ ނަމުގައި ރާއްޖޭގެ އެންމެ ބޮޑު އެއް ދުވުމުގެ ހަރަކާތް އިންތިޒާމްކުރަމުން އަންނަ ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީން) އެ ކުންފުނީގެ ހަތް ވަނަ އަހަރީ ދުވަހާ ދިމާކޮށް އައްޑު އަތޮޅާއި ލ. އަތޮޅުގައި ދުވުމުގެ އިވެންޓްތަކެއް އިއުލާންކޮށްފި އެވެ.

"ރަން އިން މޯލްޑިވްސް" ގެ ނަމުގައި ޓީއެފްޖީން މިއަދު ފެށި ސިލްސިލާގެ ދަށުން މުޅި ރާއްޖެ އަށް މި އިވެންޓްތައް ފުޅާކުރާނެ އެވެ. އެގޮތުން މި އަހަރުގެ ސެޕްޓެމްބަރު 15 އަދި 16 ވަނަ ދުވަހު އައްޑޫގައި "ރަން އިން އައްޑޫ" ހަރަކާތް ބާއްވާއިރު ލ. އަތޮޅުގެ ހަރަކާތް އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ 26/27 ގަ އެވެ. އަދި ހުޅުމާލޭގައި ބާއްވާ ރަސްމީ އިވެންޓް ކަމަށްވާ ކޮކޯކޯލާ ލޯންގް ރަން އަންނަ އަހަރުގެ އޭޕްރިލް 13 ގައި އޮންނާނެ އެވެ.

އައްޑޫ އާއި ލ. އަތޮޅުގައި ބާއްވާ ރޭހުގައި ވެސް ލޯންގް ރަންގެ ހުރިހާ ސިފަތަކެއް ހުންނާނެ އެވެ. އެގޮތުން ފަސް ކިލޯމީޓަރު ދުވުމާއި 10 ކިލޯމީޓަރު ދުވުމުގެ އިތުރުން ހާފް މެރެތަން އާއި މެރެރަން ރޭސް އޮންނާނެ އެވެ. ދިވެހިންނާއި ބައިނަލްއަގްވާމީ ދުވުންތެރިންނަށް ފުރުސަތު ހުޅުވާލާއިރު ރޭސް ނިންމާ ކޮންމެ ދުވުންތެރިއަކަށް މެޑެއްޔެއް ދޭނެ އެވެ. ޓައިމިން ބަލާނީ ބައިނަލްއަގްވާމީ މިންގަނޑަށް، ޓައިމިން ޗިޕް ބޭނުންކޮށްގެންނެވެ.

މި ދެ ހަރަކާތް ވެސް ބާއްވާނީ ވާދަވެރި ރޭސްތަކެއްގެ ބަދަލުގައި ކޮމިއުނިޓީ ހަރަކާތެއްގެ ގޮތުގައި، ދުޅަހެޔޮ ސިއްހަތު ޕްރޮމޯޓްކުރުމަށެވެ. އެގޮތުން އައްޑޫގައި އަދި ލ. އަތޮޅުގައި ވެސް ރޭހުގެ ކުރީ ދުވަހު ކޮމިއުނިޓީއާ ގުޅިގެން ހަރަކާތްތަކެއް ބާއްވާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުޑަކުދިންގެ ހަވީރަކާއި އުމުރުންދުވަސްވީ މީހުންގެ ހިނގާލުމެކެވެ.

"ވަރަށް ބޮޑަށް ކޮމިއުނިޓީ ހަރަކާތެއްގެ ގޮތުގައި އައްޑޫ އާއި ލާމުގައި މި ހަރަކާތް ކުރިއަށް ގެންދާނީ. އެކަމަކު ލޯންގް ރަންގެ ހުރިހާ ކަމެއް ވެސް މި ރޭހުގައި ވެސް ފުރިހަމަވާނެ،" ޓީއެފްޖީން ބުނެފައިވެ އެވެ.

އައްޑޫގައި ބާއްވާ ރޭހުގައި ދުވާނެ ރޫޓް މި މަހުގެ 20 ވަނަ ދުވަހު ޓީއެފްޖީން އިއުލާންކުރާނެ އެވެ. އަދި ބައިވެރިވުމުގެ ފުރުސަތު އޮގަސްޓް 1 ވަނަ ދުވަހު ހުޅުވާލާނެ އެވެ.

"ރަން އިން އައްޑޫ" ގެ ބައިވެރިންގެ ތެރޭގައި ޓީއެފްޖީގެ ޑިރެކްޓަރު މުހައްމަދު މިސްތޯގެ ބައްޕަ އަދި އައްޑު އަތޮޅުގެ އަތޮޅުވެރިކަން ކުރައްވާފައިވާ އަހުމަދު ޔޫސުފް (ހައިވަކަރު އަހުމަދު ފުޅު) ހިމެނޭނެ އެވެ. ކުރިން ފުޓްބޯޅަ ވެސް ކުޅުއްވި ކައިވަރު އަހުމަދު ފުޅަކީ މިސްތޯ ބުނި ގޮތުގައި ޓީއެފްޖީގެ މި ރޭސް އަތޮޅުތެރެއަށް ފުޅާކުރުމަށް އެންމެ ބޮޑަށް ބާރު އެޅި ފަރާތެވެ.

މިސްތޯ ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި "ރަން އިން މޯލްޑިވްސް" ގެ ކުޑައިގެ ދަށުން ކުރިއަށް އޮތްތަނުގައި މުޅި ރާއްޖޭގެ އެކި ރަށްރަށަށް މި އިވެންޓް ފުޅާކުރާނެ ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށްގެންދާނީ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމާ ވެސް ގުޅުވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގާތު ދުވުންތެރިން އެބަ ބުނޭ ރާއްޖޭގެ ރަށްރަށުގައި ދުވާނެ ވަރަށް ރަނގަޅު މާހައުލުތަކެއް އެބައޮތޭ. ވަރަށް ފުރިހަމަ ރޫޓްތަކެއް އެބަހުއްޓޭ. ރަށްރަށުގައި މިކަން ކުރަންޏާ ވެސް ކުރެވޭނީ ޓީއެފްޖީ އަށޭ. މިއީ އެ ދުވުންތެރިންގެ އެ އިންތިޒާރުގެ ނިމުން. އަދި މިއީ މުހިއްމު ހަރަކާތްތަކެއްގެ ފެށުން،" ޓީއެފްޖީން ބުނެފައިވެ އެވެ.

ޖުމްލަ 210 ދުވުންތެރިންނާ އެކު 2013 ވަނަ އަހަރު 10 ކިލޯމީޓަރު އަދި ހާފް މެރެތަން އިވެންޓާ އެކު ފެށި ޓީއެފްޖީ ރޭސް އައީ އަހަރަކަށް ވުރެ އަހަރެއް ފެންވަރު ރަނގަޅުވަމުންނެވެ. އެ ދެ އިވެންޓާ އެކު ދެ އަހަރު ރޭސް ބޭއްވުމަށް ފަހު 2015 ވަނަ އަހަރު ވަނީ ފުލް މެރެތަން (42 ކިލޯމީޓަރު ރޭސް) އިތުރުކޮށްފަ އެވެ. އަދި ބައިނަލްއަގްވާމީ ދުވުންތެރިން ވެސް އައީ ރޭހުގައި ބައިވެރިވަމުންނެވެ. ފުރަތަމަ ދެ އަހަރު ހަވީރު ބޭއްވި ރޭސް 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަނީ މެންދަމު 3:20 އިން ފަށައިގެންނެވެ.