ސީރިއާގެ ރައްގާ އަށް ކޯލީޝަނުގެ މަދަދު ލިބޭ ސިފައިން ވަދެއްޖެ
ސީރިއާގެ ރައްގާ އަށް ކޯލީޝަނުގެ މަދަދު ލިބޭ ސިފައިން ވަދެއްޖެ

ދިމިޝްގު (ޖުލައި 3) - ސީރިއާގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވެރިރަށުގެ ގޮތުގައި ބަލާ ރައްގާ އަށް އެމެރިކާ ކޯލީޝަނުގެ މަދަދު ލިބޭ ހަނގުރާމަވެރިން ވަދެގެންފި އެވެ.

އެމެރިކާ ސިފައިން ބުނީ ރައްގާގެ އޯލްޑް ސިޓީގެ ރަފިގާ ފާރު ހުރަސްކޮށް ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) ގެ ހަނގުރާމަވެރިން އެތެރެވެފައިވާ ކަމަށެވެ. ކޯލީޝަނުގެ ވައިގެ ހަމަލާތަކުގެ އެހީއާ އެކު އެސްޑީއެފް އިން ރައްގާ ވަށާލާފައިވާތާ މަސްތަކެއް ވެއްޖެ އެވެ. ރައްގާ އެކުގައި ބަންދުކޮށްލާފައިވާ ކަމަށް އެސްޑީއެފް އިން މިދިޔަ ހަފުތާގައި ބުނެފައިވެ އެވެ. އެސްޑީއެފަކީ 2015 ވަނަ އަހަރު އުފެއްދި އަރަބި-ކުރުދީ އެލަޔަންސެކެވެ.

އައިއެސް އިން ރައްގާ ހިފާފައި ވަނީ 2014 ވަނަ އަހަރު އެވެ. ރައްގާ އަކީ އައިއެސް އަށް ވަރަށް މުހިންމު ސިޓީއެކެވެ. އެ ސިޓީ ދިފާއު ކުރުމުގައި އައިއެސްގެ 4،000 ގެ ހަނގުރާމަ ތިބި ކަމަށްވެ އެވެ.

"ރައްގާގެ އޯލްޑް ސިޓީ ހިމާޔަތް ކުރުމަށް ލާފައިވާ ރަފީގާ ފާރުން ދެ ދިމާއަކުން ފޫއަޅުވާލުމަށް ފަހު އެސްޑީއެފްގެ ސިފައިން ވަނީ އެތެރެއަށް ވަދެފައި،" އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވެ އެވެ.

އެމެރިކާގެ މަދަދު ލިބޭ ހަނގުރާމަވެރިން ރައްގާ ހިފުމުގެ އޮޕަރޭޝަން ފެށީ މިދިޔަ ނޮވެމްބަރު މަހު އެވެ. އޭގެ ފަހުން ޖޫން 6 ވަނަ ދުވަހު ވަނީ ހަމަލާތައް ވަރުގަދަކޮށްފަ އެވެ.

ކޯލީޝަނުން ބުނެފައި ވަނީ އައިއެސްގެ ބާރުގެ ދަށުނަ ރައްގާ ހިފައިފި ނަމަ ސީރިއާގައި އެ ޖަމާއަތުގެ ބާރު އެކުގައި ނެތިގެންދާނެ ކަމަށެވެ. އިރާގުން އައިއެސްގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި ސިޓީ ކަމަށްވާ މޫސަލް ވެސް މިހާރު ވަނީ އެ ޖަމާއަތުގެ ބާރުގެ ދަށުން އަތުލުމުގެ އެންމެ ފަހު މަރުހަލާގަ އެވެ.