މިހާރުގެ ރެސިޕީ: މޭވާ އާއި ކޭކު ކަސްޓަޑް
މިހާރުގެ ރެސިޕީ: މޭވާ އާއި ކޭކު ކަސްޓަޑް

2 މޭޒުމަތީސަމުސާ ކަސްޓަޑް (އާދައިގެ)

½ ދަޅު ގެރިކިރު (ޑަބަލް ޕީޗު)

1 މޭޒުމަތީސަމުސާ ހަކުރު

1 ދަޅު ފުރުޓުކޮކްޓޭލް (ކުޑަ)

4 ޖޯޑު ފެން

1 ކޭކު (އާދައިގެ)

އެސެންސު (ބޭނުން ވައްތަރެއްގެ)

ބައި އިންޗި ސައިޒަށް ކޭކު ފޮތިކޮށްފައި (ކަސްޓަޑް އަޅާ) ތަށީގައި އެއް ފަށަލައަށް އަތުރާލުން. ތެއްޔަކަށް ހަކުރާއި ކަސްޓަޑް އަޅައިފައި، އެއް ޖޯޑު (އާދައިގެ) ފެން އަޅައިގެން ގިރައިލުން. ރަނގަޅަށް ގިރުނީމައި އިތުރު ތިން ޖޯޑު ފެން އަޅައިފައި ކައްކާލުން. ކައްކާއިރު ރަނގަޅަށް އެއްކުރަމުންގެންދިޔުން. އެހެންނޫނީ ފުލުގައި ހިފާނެ. ބޮކިޖަހައި ކެކެން ފެށުމުން (ކަސްޓަޑުގެ ކުލަ ގަދަވާން ފެށުމުން) ގެރިކިރު އަޅައިފައި ކެކިގަތީމައި، ރަނގަޅަށް އެއްކުރަމުން މޭވާކޮޅު (ދަޅުގައި ހުރި ފެނާ ނުލައި) އަޅައިފައި، ބޮކިޖަހައި ކެކެން ފެށުމުން އުނދުން ނިއްވައިލައިފައި އެސެންސް އެޅުން. ކޭކު އަތުރައިފައި ހުރި ތަށީގެ ތެރެއަށް ކަސްޓަޑް އަޅައިފައި ހިހޫކުރަން ބެހެއްޓުން.

ފިނިކޮށް ނުވަތަ ހޫނުކޮށް ވެސް މި ކަސްޓަޑް މީރު ވާނެ.

މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.