ފަގީރުންގެ ގޮތުގައި މިއަހަރު 16،000އަށްވުރެ ގިނަ މީހުން
ފަގީރުންގެ ގޮތުގައި މިއަހަރު 16،000އަށްވުރެ ގިނަ މީހުން

ފަގީރުންގެ ގޮތުގައި މި އަހަރު މުޅި ރާއްޖެއިން 16،000އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިި އެވެ.

އެ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު އަހުސަން ވިދާޅުވީ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވާން ހުށަހެޅި ފޯމުތައް ބެލުމަށްފަހު އެކަމަށް ޝަރުތު ހަމަވާ ކަމަށް ކަނޑައެޅީ 16،355 މީހުން ކަމަށެވެ.

އަހުސަން ވިދާޅުވީ ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީވި މީހުންނަށް ޒަކާތް ބަހާފައިވާ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުން އެކަނި 3180 މީހުން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާއިރު ޒަކާތުގެ ގޮތުގައި ބޮލަކަށް ވަނީ 1250ރ. ބަހައިފަ އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި މުޅި ރާއްޖެއިން ލިބުނު ފައިސާގެ އަދަދެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު މާލެ އާއި ހުޅުމާލެ އަދި ވިލިނގިލީން ޒަކާތުގެ ގޮތުގައި ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައި ވެ އެވެ.

ފަގީރެއްގެ ގޮތުގައި ބަލަނީ ދުވާލަކަށް 44.ރ ނުލިބޭ ނަމަ އެވެ. މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި 12،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކުރި އެވެ.