04 ޖުލައި 2017 - 11:49

ޕިއޮންޔޮން (ޖުލައި 4) - އެމެރިކާގެ މިނިވަން ދުވަސް މިއަދު ފާހަގަ ކުރަމުން ދަނިކޮށް ނޯތު ކޮރެއާ އިން ބެލެސްޓިކް މިސައިލެއް ޓެސްޓްކޮށްފި އެވެ.
ތަޖްރިބާކާރުން ބުނަނީ މިއީ އެމެރިކާގެ އެލެސްކާ ސްޓޭޓާ ހަމައަށް ފޯރުމުގެ ރާސްތާއެއް ލިބިގެންވާ މިސައިލެއް ކަމަށެވެ. އެމެރިކާގެ މިނިވަން ދުވަހާ ދިމާކޮށް ނޯތު ކޮރެއާ އިން މިސައިލް ޓެސްޓް ކުރީ އެމެރިކާ ރުޅި އަރުވާލަން ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.
ނޯތު ކޮރެއާގެ އެންމެ ފަހުގެ މިސައިލް ޓެސްޓާ ގުޅިގެން ކޯފާ އިސްކުރައްވާ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ "މިކަން ހުއްޓައިދިނުމަށް" ޗައިނާގެ ކިބައިން ޓްވިޓާ މެސެޖެއްގައި އެދިވަޑައިގެންފަ އެވެ.
ނޯތު ކޮރެއާ އިން މިސައިލް ޓެސްޓް ކުރިއިރު ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިން ވަނީ އެމެރިކާ އަށް ވަޑައިގެން ނޯތު ކޮރެއާ މައްސަލަ ހައްލު ކުރުމާ ބެހޭ ގޮތުން ރައީސް ޓްރަމްޕާ އެކު މަޝްވަރާ ކުރައްވައިފަ އެވެ.
ސައުތު ކޮރެއާގެ ޖޮއިންޓް ޗީފް ސްޓާފުން ނެރުނު ބަޔާނެއްގައި ބުނީ ނޯތު ކޮރެއާ އިން މިސައިލް ޓެސްޓްކޮށްފައި ވަނީ އުތުރުގެ ޕިއޮންގަން ޕްރޮވިންސް އިން ކަމަށެވެ. އަދި އެ މިސައިލް ޖަޕާން ކަނޑަށް ވެއްޓިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. މިސައިލް ވެއްޓުމުގެ ކުރިން 930 ކިލޯ މީޓަރަށް ދަތުރު ކުރި ކަމަށް ވެސް ސައުތު ކޮރެއާ އިން ބުންޏެވެ.
ޖަޕާނުގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ މިސައިލް ވެއްޓިފައިވާ ކަމަށް ބެލެނީ އެ ގައުމުގެ އިގްތިސާދީ ސަރަހައްދުގެ ތެރެއަށް ކަމަށެވެ.
ޖަޕާނުގެ ކެބިނެޓް ސެކްރެޓަރީ ޔޮޝިހިދާ ސުގާ ވިދާޅުވީ ނޯތު ކޮރެއާ އިން ފޮނުވާލި މިސައިލް 40 މިނިޓަށް ދަތުރު ކުރި ކަމަށެވެ. އެއީ ފުދޭވަރަކަށް ގިނަ ވަގުތު ކަމަށް ވުމުން ބޮޑު ވަޒީރު ޝިންޒޯ އަބޭ ނޫސްވެރިންނަށް ވިދާޅުވީ "ނޯތު ކޮރެއާގެ ބިރު ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ" ކަމަށެވެ.
އެމެރިކާގެ ޕެސިފިކް ކޮމާންޑުން ވެސް ވަނީ ނޯތު ކޮރެއާ އިން މިސައިލް ޓެސްޓް ކުރިކަން ޔަގީންކޮށްދީފަ އެވެ. އަދި އެ މިސައިލް 37 މިނިޓް ވަންދެން ދަތުރުކުރި ކަމަށް ވެސް ބުނެފައިވެ އެވެ. ޕެސިފިކް ކޮމާންޑުން ބުނީ އުތުރު ކޮރެއާ އިން ފޮނުވާލި މިސައިލުގެ ނުރައްކަލެއް ނޯތު އެމެރިކާ އަށް ނެތް ކަމަށެވެ.
އެކަމަކު ޔޫނިއަން ކޮންސާންޑް ސައެންޓިސްޓްސްގެ ޑޭވިޑް ރައިޓް ވިދާޅުވީ ޚަބަރުތަކަކީ ސައްހަ އެއްޗެއް ނަމަ ނޯތު ކޮރެއާގެ މިސައިލް 6،700 ކިލޯ މީޓަރަށް ދަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވާ ކަމަށެވެ. އެހެންވެއްޖެ ނަމަ އެއީ އެމެރިކާގެ ބައެއް ސްޓޭޓްތަކަށް ފޯރާވަރުގެ މިސައިލެއް ކަމަށް އޭނާ ވިދާޅުވި އެވެ.