ޕެރިސިޗް ހޯދުމަށް ޔުނައިޓެޑުން އަނެއްކާ ވެސް މަސައްކަތް ފަށައިފި
ޕެރިސިޗް ހޯދުމަށް ޔުނައިޓެޑުން އަނެއްކާ ވެސް މަސައްކަތް ފަށައިފި

މިލާން (ޖުލައި 4) – އިންޓަ މިލާނުގެ ކްރޮއޭޝިއާ ވިންގާ އިވާން ޕެރިސިޗް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން އިއްޔެ ވެސް މަޝްވަރާކޮށްފައިވާ ކަމަށާއި އެކަމަކު އަދިވެސް އިންޓަ އިން ކިޔާ އަގާ ގާތަށް ޔުނައިޓެޑުން ގޮސްފައިނުވާ ކަމަށް ސްކައި ސްޕޯޓްސް އިޓާލިއާ އިން ބުނެފި އެވެ.

ޕެރިސިޗް ގެންދަން ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ވަރަށް ބޮޑަށް ބޭނުންވެ އެވެ. އިންޓަ އިން ވެސް ކުރިން އޮތީ ޔުއެފާގެ މާލީ މިންގަނޑަށް ފެއްތުމަށްޓަކައި ކްލަބުގެ ހަރަދު ދެކޮޅު ޖެއްސުމަށް ޕެރިސިޗް ވިއްކާލަން ތައްޔާރަށެވެ. އެކަމަކު މިހާރު އެ މައްސަލަ ހައްލުވެފައިވާތީ އިންޓަ އަށް ޕެރިސިޗް ވިއްކާލުން މިވަގުތު އެއްވެސް ޕްރެޝަރެއް ނެތެވެ. އެހެންވުމާ އެކު އެ ޓީމުން އަގުކުޑަކުރާނެ ކަމަށް ނުބެލެވެ އެވެ. އިންޓަ އިން އޭނާ ވިއްކާލަން ބޭނުންވަނީ މަދުވެގެން 50 މިލިއަން ޔޫރޯ އަށެވެ.

ސްކައި ސްޕޯޓްސް އިޓާލިއާ އިން ބުނާ ގޮތުގައި ޔުނައިޓެޑުން މިހާރު ވަނީ 40 މިލިއަން ޔޫރޯ ހުށަހަޅައިފަ އެވެ. އެކަމަކު އަދިވެސް އިންޓަ އިން ކިޔާ އަގާ ދެމެދު 10 މިލިއަން ޔޫރޯގެ ފަރަގެއް އެބައޮތެވެ.

ޕެރިސިޗް މަޑުކުރުވަން އިންޓަގެ އާ ކޯޗު ލޫސިއާނޯ ސްޕެލެއްޓީ ވެސް ބޭނުންވާތީ އިންޓަ އިން މިހާރު އޭނާ ވިއްކިޔަސް ވިއްކާނީ ވީހާ ވެސް ބޮޑު ފައިދާއަކަށެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޕެރިސިޗް ނުލިބިއްޖެ ނަމަ ޔުނައިޓެޑުން ދެން ވިސްނާނީ ފިއޮރެންޓީނާ އަށް ކުޅޭ އިޓަލީ ވިންގާ ފެޑެރިކޯ ބާނަޑެސްކީ ހޯދުމަށެވެ.