04 ޖުލައި 2017 - 11:24

ޓިއުރިން، އިޓަލީ (ޖުލައި 4) - ޔުވެންޓަސް އަށް ކުޅޭ އިޓަލީގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ ހޯދުމުގެ ރޭހުގައި ބާސެލޯނާ ކުރިހޯދާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އިޓަލީގެ ކުޅިވަރު ނޫހެއް ކަމަށްވާ ޓޫޓޯ ސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި އުމުރުން 30 އަހަރުގެ ބޮނޫޗީ ހޯދުމަށް ގިނަ ކްލަބްތަކުން މަސައްކަތް ކުރަމުން އަންނައިރު މި ވަގުތު އެންމެ ކުރީގައި އުޅެނީ ބާސެލޯނާ އެވެ.
ޔުވެންޓަސް އިން ބޮނުޗީ ނުވިއްކާނެ ކަމަށް ބުނަމުން އައި ނަމަވެސް ކޮންޓްރެކްޓްގައިވާ ގޮތުން 70 މިލިއަން ޔޫރޯ ހުށަހަޅުމެއް އައިސްފިނަމަ ކްލަބް ބަދަލުކުރުމުގެ އިހުތިޔާރް ބޮނޫޗީ އަށް ލިބެ އެވެ. މުސްތަގުބަލާ ގުޅޭގޮތުން މީޑިއާގައި އަދި މިހާތަނަށް ބޮނުޗީ ވާހަކަ ދައްކާފައިނުވި ނަމަވެސް މިިދިޔަ އަހަރު އޭނާ ވަނީ ކެރިއަރު ނިމުމުގެ ކުރިން އެހެން ލީގެއް ތަޖުރިބާ ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
ބޮނުޗީ ހޯދަން ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ އާއި ޔުވެންޓަސްގެ ކުރީގެ ކޯޗު ކަމަށްވާ އެންޓޯނިއޯ ކޮންޓޭގެ ޗެލްސީން ވެސް އަންނަނީ މަސައްކަތް ކުރި އެވެ. ސިޓީން އަދި ވެސް ބޮނޫޗީ ހޯދުމުގެ ރޭހުގައި ވާދަކުރަމުން އަންނައިރު، ޗެލްސީން މިހާރު ފާރަލަމުން އަންނަނީ ރޯމާ އަށް ކުޅެމުން އަންނަ ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑީގާ އަށެވެ.
ބާސެލޯނާ އިން ވަނީ އެ ޓީމަށް ކުރިން ކުޅުނު ޖެރާޑް ޑެލަފޭއު އަލުން ގެންނަން ނިންމައިފަ އެވެ. އަދި ޕީއެސްޖީ އަށް ކުޅޭ އިޓަލީގެ މިޑްފީލްޑަރު މާކޯ ވެރާޓީ އަކީ ވެސް ބާސެލޯނާ އިން ޝައުގުވެރިވާ ކުޅުންތެރިއެކެވެ. ވެރާޓީ ބާސެލޯނާ އަށް ބަދަލުވުމުގެ ކަންތައްތައް މަޑުޖެހިފައި އޮތީ ޕީއެސްޖީން ކިޔާ އަގު ދޭން ބާސެލޯނާ އިން ދެކޮޅު ހެދުމުންނެވެ.
ވެރާޓީ ވިއްކަން ޕީއެސްޖީން ބޭނުންވަނީ 80 މިލިއަން ޔޫރޯ އަށް ވުރެ ބޮޑުކޮށެވެ. ބާސެލޯނާ އިން ވެރާޓީ އަށް ހުށަހަޅާފައިވަނީ 65 މިލިއަން ޔޫރޯ އެވެ.