04 ޖުލައި 2017 - 12:04

އަންނަ ސެޕްޓެމްބަރު މަހު ވިލާ ކޮލެޖުން ފަށާ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ތަފާތު ދާއިރާތަކުން 53 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ އަންނަ އޮގަސްޓް މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ. އެއީ މާލޭގެ އިތުރުން އެކި ރަށްރަށުގައި ހުރި އެ ކޮލެޖްގެ ކެމްޕަސްތައް ވެސް ހިމަނައިގެންނެވެ.
އޮގަސްޓް މަހުގެ އިންޓޭކުގެ ތެރޭގައި މާސްޓަސް ފެންވަރުގެ ހަ ކޯހަކާއި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ސެޓްފިކެޓް ފެންވަރުގެ ތިން ކޯހަކާއިި ޑިގްރީ ފެންވަރުގެ 16 ކޯހަކާއި އެޑްވާންސްޑް ޑިޕްލޮމާގެ ތިން ކޯހަކާއި ޑިޕްލޮމާ ފެންވަރުގެ ތިން ކޯހެއް ހިމެނެ އެވެ. މީގެ އިތުރުން ފައުންޑޭޝަން ފެންވަރުގެ ނުވަ ކޯހަކާއި ސެޓްފިކެޓް ތިނެއްގެ ފެންވަރުގެ 8 ކޯހެއް ފަށަން ވަނީ ހަމަޖައްސައިފަ އެވެ.
ވިލާ ކޮލެޖުން ބުނީ އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑުގެ މާސްޓާސް އަދި ޑިގްރީ ކޯސްތައް ހިމެނޭ ކަމަށެވެ.
ކޯސްތަކުގެ ކިޔެވުން ފަށަން ހަމަޖައްސާފައި ވަނީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގަ އެެވެ.
ވިލާ ކޮލެޖުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފައިނޭންޝަލް ފެސިލިޓީސްގައި ބައިވެރިވުމުގެ ފުރުސަތު ވެސް އޮންނާނެކަމަށް ވިލާ ކޮލެޖުން ބުންޏެވެ.