ކެޓުރީނާގެ އެކްޓިންއަށް ރަންބީރު މަލާމާތްކޮށްފި
ކެޓުރީނާގެ އެކްޓިންއަށް ރަންބީރު މަލާމާތްކޮށްފި

ރަންބީރު ކަޕޫރާއި ކެޓުރީނާ ކައިފް ލޯބީގެ ރޯލު ކުޅެފައިވާ "ޖައްގާ ޖާސޫސް" މިމަހުގެ 14 ވަނަ ދުވަހު ރިިލީޒްކުރުމަށް ވަނީ ތައްޔާރުވެފަ އެވެ. ފިލްމު އުފެއްދުމުގައި ގިނަ ދުވަސްތަކެއް ހޭދަވެފައިވާ މި ފިލްމު ވުޖޫދަށް އަތުވެދާނެކަމުގެ ޔަގީންކަން ފިލްމުގެ ޕްރޮޑިއުސަރުންނަށް ނެތި ވެސް ގިނަ ދުވަސްތަކަކު އޮތުމަށްފަހު އެންމެ ފަހުން މިހާރު ފިލްމު ނިމި ރިލިޒްކުރާ ދުވަސް ކައިރިވެފައިވާއިރު ފިލްމުގެ ލީޑް ތަރިން ކަމަށްވާ ރަންބީރާއި ކެޓުރީނާ މިހާރުު އުޅެނީ ފިލްމު ޕްރޮމޯޓްކުރުމުގެ މަަސައްކަތުގަ އެވެ.

ނަމަވެސް ޕްރޮމޯޝަނަލް އިވެންޓުތަކުގައި ގިނަ ބައެއްގެ ސަމާލުކަން ފިލްމަށް ހުއްޓެނީ ފިލްމަކަށް ނޫނެވެ. އެންމެން ވެސް ބަލަނީ ރަންބީރާއި ކެޓުރީނާގެ ހަރަކާތްތަކަށެވެ. މި ދެ އެކްޓަރުންނަކީ ހަގީގީ ދެ ލޯބިވެރިންގެ ގޮތުގައި ހައެއްކަ އަހަރު އުޅެފައި ވަރަށް ފަހުން ރުޅިވި ދެ މީހުންނަށް ވާތީ ދެ މީހުންގެ ހަރަކާތްތައް ހުންނަ ގޮތް ވަރަށް ރަނގަޅަށް އެންމެން ވެސް މޮނީޓާ ކުރެ އެވެ.

ބައެއް އިވެންޓުތަކުގައި ދެ މީހުންގެ ގުޅުން ވަަރަށް ރަނގަޅުހެން ހީވާ ފަހަރު ވެސް އާދެ އެވެ. ނަަމަވެސް އަނެއްބައި އިވެންޓުތަކުގައި ދެ މީހުން އުޅެނީ އެކުވެރިންކަމަށް ހެދިގެން ހެން ހީވާ ފަހަރު ވެސް ދެ އެވެ. އަދި ރަންބީރު ވަރަށް ގިނައިން ކެޓުރީނާ އަށް މަލާމާތްކޮށް ޖެއްސުން ކުރާ ތަން ވެސް ބައެއް ފަހަރު ފެނެ އެވެ.

މިފަދަ ގިނަ ކަންތައްތައް ރަންބީރު ކުރަނީ ސަމާސާއަކަށް ހަދާފައި ނަމަވެސް އެ މަންޒަރުތައް ފެންނަ ނޫސްވެރިން ވެސް ބުނަނީ ރަންބީރުގެ އަމަލުތައް ހުންނަނީ ސަމާސާއަށް މީހުން ކަންތައްކުރާ ގޮތަށް ވުރެ ތަންކޮޅެއް ހިތްހަމަނުޖެހޭ ގޮތަކަށް ކަމަށެވެ. އެގޮތުން ވަރަށް ފަހުން ބޭއްވި އިވެންޓެއްގައި ކެޓުރީނާ އަށް ވާހަކަ ދައްކާނެ ފުރުސަތު ރަންބީރު އެއްގޮތަކަށް ވެސް ނުދިނެވެ. އަދި އެކަމާ ކެޓުރީނާ ވަރަށް ހިތްހަމަނުޖެހިފައި އިން ކަން ވަރަށް ބޮޑަށް ހާމަވެގެން ދިޔަ އެވެ. ނަމަވެސް ފަހުން ދެ މީހުން ބެސްޓް ފްރެންޑުންނޭ ކިޔާފައި މައްސަލަ އޮއްބާލާފައި ވެއެވެ. ރައްޓެހިންގެ ތެރޭގައި މިކަހަލަ ސަމާސާތައް ހުންނާނެ ކަމަށް އެންމެން ވެސް އެއްބަސްވެ އެވެ. ނަމަވެސް ރަންބީރަކަށް ސަމާސާ ވިހަވާ ހިސާބަކަށް ދާއިރު ވެސް އެނގޭ ކަމަކަށް ނުވެ އެވެ.

އެގޮތުން ދާދި ފަހުން އެމީހުން ބައިވެރިވި ޝޯއެއްގައި ރަންބީރު ވަނީ ކެޓުރީނާއަށް އެކްޓްކުރަން ނޭނގޭ ކަމަށް ބުނެ ޖޯކް ޖަހާފަ އެވެ.

ޒީޓީވީގެ ސިގިން ރިއަލިޓީ ޝޯ "ސާރޭގާމާޕާ ލިލް ޗޭމްޕްސް" ގައި ބައިވެރިވެ އެމީހުން ގުޅުނު ގޭމެއްގައި ޝޯގެ ހޯސްޓް އަދިތުޔާ ނާރަޔަން ބައެއް ސުވާލުތައް ރަންބީރާއި ކެޓުރީނާއާ ކުރި އެވެ. މި ސުވާލުތަކަށް އެމީހުންނަށް ޖަވާބު ދޭން ޖެހެނީ އާނއެކޭ ނުވަތަ ނޫނެކޭ ބުނެގެންނެވެ. މިއިން އެއް ސުވާލަކީ އެ ދެ މީހުން ކުރެ އެކަކުވެސް ދުވަހަކު ވެސް އޯވައެކްޓިން ކުރިންތޯ އެވެ. މި ސުވާލުގެ ޖަވާބުގައި ދެ މީހުން ވެސް ބުނީ އާނއެކޭ އެވެ. ރަންބީރު ބުނި ގޮތުގައި "ބޮމްބޭ ވެލްވެޓް" އާއި "ބޭޝަރަމް"ގައި އޭނާ އޯވައެކްޓިން ކޮށްފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަދި ކެޓުރީނާ އޯވައެކްޓިން ކުރާކަމަށް ދޭހަވާ ގޮތަށް އޭނާގެ ހަރަކާތްތަކަށް ބަލަން ރަންބީރު އަދިތުޔާގެ ކިބައިން އެދުނެވެ.

މި ސަމާސާ ކެޓުރީނާއަށް ކަމުނުދިޔަ ކަމާއި އޭނާ ވަރަށް ރުޅިއައިކަން ކެޓުރީނާގެ މޫނުމަތިން ފެނުނެވެ. ފަހަރެއްގައި މިއީ "ޖައްގާ ޖާސޫސް"ގައި މި ދެ މީހުން އުޅޭ ގޮތް ވީމާ އެ ފިލްމު ޕްރޮމޯޓްކުރުމުގެ ގޮތުން ރަންބީރު ކެޓުރީނާއާ ދޭތެރޭ ކަންތައް ކުރާ ގޮތް ކަމަށް ވެދާނެ އެވެ. އެހެން ނޫންނަމަ ކެޓުރީނާ އާ ދޭތެރޭ ރަންބީރު މިހާ ދަށު ދަރަޖައިގެ ކަންތައްތައް ކުރާނެ ކަމަކަށް ނުބެލެވެ އެވެ.