04 ޖުލައި 2017 - 11:08

ފާތުމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަންޓްގެ ކުރިއަށް އޮތް ފިލްމް "ބޮސް" ގެ ލޯންޗިން އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާތީ އެ ހަފުލާއާ އެކު، ނަހުލާ އެންމެ ފަހުން ގެނެސް ދިން ބިރުވެރި ފިލްމް 4426 (ފޯފޯޓޫސިކްސް) ގެ ޝޯއެއް ދައްކަން ނިންމައި، އެ ޝޯގެ ޓިކެޓް މިއަދު އޮލިމްޕަހުން ވިއްކަން ފަށައިފި އެވެ.
އެ ފިލްމުގެ ވެބްސައިޓުން ޓިކެޓް ބުކްކުރުމުގެ ފުރުސަތު ވެސް މިދިޔަ މަހު ހުޅުވާލުމަށް ފަހު، މިއަދު ހެނދުނު 10:00 އިން ފެށިގެން ޓިކެޓް ވިއްކަމުން ގެންދާނެ ކަމަށް ނަހުލާ ބުންޏެވެ. އެގޮތުން ރޭގަނޑު 10:00 އާ ހަމައަށް އޮލިމްޕަސް ކައުންޓަރުން ޓިކެޓް 100ރ. އަށް ވިއްކާނެ އެވެ.
"ވަރަށް ގިނަ ބަޔަކު ފިލްމް އަޅުވައިދޭން ރިކްއެސްޓްވެސްކޮށްފައި އޮތީމަ ބޮސްގެ ލޯންޗިންއާ އެކު ފޯފޯޓޫސިކްސްގެ އެއް ޝޯ ދައްކަން ނިންމީ. މީގެ އެންމެ ހާއްސަ ކަމަކަށްވާނީ ޝޯ އަށް އަންނަ އޯޑިއަންސަށް ބޮސްގެ ލޯންޗިންގައި ވެސް ބައިވެރިވެވުން،" ނަހުލާ ބުންޏެވެ.
އޭނާ ބުނީ އޮކްޓޯބަރު 24 ގައި ރިލީޒް ކުރާ "ބޮސް" ގެ ލޯންޗިންގައި ފިލްމާ ބެހޭ ވަރަށް ގިނަ މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ. އެގޮތުން ކާސްޓުން ވެސް ބައިވެރިވާ ހަފުލާގައި ފިލްމްގެ ރަސްމީ ޕޯސްޓަރު ވެސް ދައްކައިލާނެ އެވެ.
މި ފިލްމްގެ ޑައިރެކްޓަރަކީ ބަތަލާ އައިޝަތު ރިޝްމީ އެވެ.
ނަހުލާ އާއި އަހުމަދު ސިނާން ގުޅިގެން ޑައިރެކްޓް ކުރި "4426" އަކީ މިދިޔަ އަހަރު އޮކްޓޯބަރު 18 ގައި ރިލީޒްކޮށް، އޮލިމްޕަހުގައި ހައުސްފުލް 27 ޝޯ ދެއްކި ފިލްމެކެވެ. އަދި މި ފިލްމް މި އަހަރުގެ ފެބްރުއަރީ މަހު ވެސް އޮލިމްޕަހުގައި ދެއްކި އެވެ.
ފަޅު ގެއެއްގެ ތެރޭގައި ތާށިވާ ބަޔަކަށް ދިމާވާ ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ ފިލްމުގެ ކާސްޓުންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، މަރިޔަމް އަައްޒަ، ޖުމައްޔިލް ނިމާލް، ޝީލާ ނަޖީބް، އިބްރާހީމް ޖިހާދު (ޖިމީ)، މުހައްމަދު ފައިސަލް، އިސްމާއީލް ޖުމައިހް (ޖުމާ) އަދި އަލީ ފާރޫގް ހިމެނެ އެވެ.