04 ޖުލައި 2017 - 10:50

ލިވަޕޫލް (ޖުލައި 4) - މެންޗެސްޓާ ޔުނައިޓެޑް ކެޕްޓަން ވޭން ރޫނީ ގެންދަން އޭނާގެ ކުރީގެ ކްލަބް އެވަޓަން އިން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އެވަޓަން ދޫކޮށް ރޫނީ ޔުނައިޓެޑަށް 2004 ވަނަ ބަދަލުވީ އޭރުގެ އެންމެ އަގުބޮޑު ޒުވާން ކުޅުންތެރިޔާގެ ގޮތުގައި 25.6 މިލިއަން ޕައުންޑަށެވެ. ފާއިތުވި 13 އަހަރު ޔުނައިޓެޑުގައި ރޫނީ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭނާ އަކީ އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއާ ވެސް މެ އެވެ.
މިދިޔަ ސީޒަނުގައި ހޯސޭ މޮރީނިއޯ ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވި ފަހުން ރޫނީ އަށް ޓީމުގެ ފުރަތަމަ އެގާރައިން ގަވާއިދުން ފުރުސަތު ހޯދުމަކީ އުނދަގޫ ކަމަކަށް ވަނީ ވެފަ އެވެ. އަދި އުމުރުން 31 އަހަރުގެ ރޫނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެހެން ކްލަބަކާ ގުޅޭނެ ކަމަށް ބެލެވުނެވެ.
ރޫނީ މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ޔުނައިޓެޑް ނޫން ކްލަބަކަށް ޕްރިމިއާ ލީގުގައި ކުޅެފިނަމަ އޭނާ ފެނުން އެންމެ ގާތީ ކުރީގެ ކްލަބް އެވަޓަން އިން ކަމަށެވެ.
ކުރިއަށް އޮތީ ވޯލްޑް ކަޕް އަހަރަކަށް ވުމުން ޔުނައިޓެޑްގައި މަޑުކޮށްފިނަމަ ރޫނީ އަށް އިންގްލެންޑް ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުމަށް އޮތީ ހަނި ފުރުސަތެކެވެ. އިންގްލެންޑް ގައުމީ ޓީމުގެ ކެޕްޓަން ރޫނީ އަށް ގަވާއިދުން ކްލަބް ލެވެލްގައި ކުޅުމުގެ ފުރުސަތު ނުލިބޭނަމަ ކެޕްޓަން ބޭންޑް އެހެން ކުޅުންތެރިއަކާ ހަވާލުކުރުމާ މެދު ވިސްނާނެ ކަމަށް އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ވަނީ ބުނެފަ އެވެ.
އެންމެ ފަހުން އިންގްލެންޑް ކުޅުނު މެޗުތަކުގައި ޓީމުގެ ކެޕްޓަންކަން ކުރީ ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން އެވެ.
ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން ކޯޗުކަމުގައި ކުޅެމުން އަންނަ އެވަޓަން އިން އަންނަ ސީޒަނަށް އަންނަނީ ޓީމު ވަރުގަދަ ކުރަމުންނެވެ. އެގޮތުން އެ ޓީމުން ވަނީ ބެލްޖިއަމްގެ ޒުވާން ފޯވާޑް ހެންރީ އޮންޔެކޫރޫ އާއި މަލާގާ އަށް ކުޅޭ ސްޕެއިނުގެ ޒުވާން ޓީމުގެ ފޯވާޑް ސަންޑްރޯ ރަމިރޭޒާއި އަޔެކްސްގެ ކެޕްޓަން ޑޭވީ ކްލާސެން އާއި ބާންލީ އަށް ކުޅޭ އިންގްލެންޑް ގައުމީ ޓީމުގެ ޑިފެންޑަރު މައިކަލް ކީން ގެނެސްފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން އެވަޓަން އިން ރޫނީ ގެންދަން ރަސްމީކޮށް މަސައްކަތް ފަށާނީ އެ ޓީމަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ވިއްކާލުމަށް ފަހު އެވެ. ލުކާކޫ ބަދަލުވާނެ ކަމަށް ބެލެވެނީ އޭނާގެ ކުރީގެ ކްލަބް ޗެލްސީ އަށެވެ.