ދޫނިދޫ ޖަލުގައި އަދީބު އޮންނެވި ފޮޓޯއެއް އާންމުވެއްޖެ
ދޫނިދޫ ޖަލުގައި އަދީބު އޮންނެވި ފޮޓޯއެއް އާންމުވެއްޖެ

ދިގު މުއްދަތުގެ އެތައް ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ދޫނިދޫ ޖަލުގައި އޮންނެވި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ "މިހާރު" އަށް މިރޭ ވިދާޅުވި ގޮތުގައި ފޮޓޯއިން އެ ފެންނަނީ އަދީބުކަން ވަރަށް ބޮޑަށް ޔަގީންވާ ކަމަށެވެ. އަދި އަދީބު އަވަހާރަފުޅުލައްޕަވަން އާންމު ގޮތެއްގައި އޮންނަވަނީ ފޮޓޯ އިން ފެންނަ ގޮތަށް ކަމަށް ވެސް ނަޝްވާ ވިދާޅުވި އެވެ.

"އަޅުގަނޑަށް އަދީބު އޮންނަވާ ޖަލަށް ވަނުމުގެ ފުރުސަތެއް ނެތް ލިބިފައެއް، އެކަމަކު ޔަގީނާ ގާތަށް ބުނަން އެނގޭ ފޮޓޯ އިން ފެންނަނީ އަދީބުކަން،" ނަޝްވާ ވިދާޅުވި އެވެ.

"ހަމަ ޔަގީނުން ވެސް އަދީބު ކިޔައިދީފައި އޮންނަ ގޮތާ ދާދި އެއްގޮތް އެ ގޮޅި."

ނަޝްވާ ވިދާޅުވީ ފޮޓޯ ފެނިފައި ވަރަށް ބޮޑަށް މާޔޫސްވެވަޑައިގެންފައިވާ ކަމަށާއި އަދީބަށް ލިބެން ޖެހޭ ބޭސްފަރުވާ އާއި އެހެނިހެން ހައްގުތައް ހޯދުމަށް ކުރާ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެ.

"ފޮޓޯ އިން ފެންނަނީ އަދީބުގެ ގޮޅިކަން އެޗްއާރުސީއެމަށް ކަށަވަރުވާނެ. އެއީ އެޗްއާރުސީއެމްގެ ބައެއް ބޭފުޅުން އެ ގޮޅިއަށް ވަދެ ޗެކް ވެސް ކުރި. އެހެންވެ، އެ މައްސަލަ އެ ކޮމިޝަނުން އަވަހަށް ބަލައި ރަނގަޅު ގޮތެއް ހަދާނެ ކަމަށް އުންމީދު ކުރަނީ،" ނަޝްވާ ވިދާޅުވި އެވެ.

ދޫނިދޫ ޖަލުގައި އަދީބު އޮންނެވި ހާލު ފެނުމާ ގުޅިގެން ސޯޝަލް މީޑިއާގައި ދަނީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، އަދީބަށް އަނިޔާވެރި ނުވުމަށް ގޮވާލަމުންނެވެ.

އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ފޮޓޯއިން ފެންނަނީ ދޫނިދޫ ކުޑަގޮޅިއެއްގައި އަދީބު ބާއްވާފައި އޮންނަ ނިކަމެތި ހާލު ކަމަށެވެ. އަދި އަދީބު އަވަހާރަކޮށްލަފާނެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސޯޝަލް މީޑީއާގައި ޝުއޫރު ފާޅުކުރި އެކަކު ބުނި ގޮތުގައި އަދީބާ މެދު އަމަލު ކުރަނީ އިންސާނިއްޔަތާ މުޅިން ހިލާފަށެވެ. އިންސާނީ ހައްގުތައް ކަށަވަރުވާ ގޮތަށް ކޮންމެ މީހަކަށް ވެސް ދިރިއުޅުމުގެ ހައްގު ލިބިގެންވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯގައިވާ ގޮތުން އަދީބު އޮންނަވަނީ އުސްކޮށް ހަދާފައި އޮންނަ އައްޓެއްގަ އެވެ. ބާލީހެއްގައި ބައްދާލައްވާއިގެން އަދީބު އޮންނަވާއިރު، ގޮޅީގައި މޭޒެއް ފެންނަން ހުރެ އެވެ. އަދި މޭޒު މަތީގައި ގިނަ އަދަދެއްގެ ފޮތްތަކެއް ބަހައްޓާފައި ހުރެ އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ތިން ކުށެއް ސާބިތުވެ 33 އަހަރަށް ޖަލަށް ލާފައިވާ އަދީބުގެ އެތެރެ ހަށީގައި ސިސްޓު އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލޮކޮމާ" ޖެހިފައިވާ ކަމަށް އާއިލާއިން ބުނެ އެވެ. އެހެންވެ، އެމަނިކުފާނު ރާއްޖޭން ބޭރުން ފަރުވާ ކުރުމުގެ ހުއްދައަކަށް ވަނީ އެދިފަ އެވެ.

އެކަމަކު އެ ހުއްދައެއް އަދީބަކަށް އަދިވެސް ލިބިފައެއް ނުވެ އެވެ. ސަރުކާރުން ބުނެފައިވަނީ އަދީބު ރާއްޖޭން ބޭރަށް ފޮނުވައިފިނަމަ، ފިއްލެވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. ނަމަވެސް ސަރުކާރުން ކުރަމުން އަންނަ ތުހުމަތުތައް އަދީބުގެ ވަކީލުން ދޮގުކުރެ އެވެ.