03 ޖުލައި 2017 - 19:35

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ކްލަބް ވެލެންސިއާ އަތުން 1-0 އިން މޮޅުވެ ތާވަލުގެ ތިން ވަނަ އަށް އަރައި ގަދަ ހަތަރެއްގެ ފުރުސަތު ކްލަބް އީގަލްސް އިން ބޮޑުކޮށްފި އެވެ.
އީގަލްސް 20 ޕޮއިންޓް ހަމަކޮށް ތިން ވަނަ އަށް އެރިއިރު ކުރިން ތިން ވަނައިގައި 18 ޕޮއިންޓާ އެކު އޮތް ގްރީން ސްޓްރީޓްސް ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. އެކަމަކު މާދަމާރޭ ވިކްޓަރީ އަތުން މޮޅުވެގެން އެ ޓީމަށް އަލުން މަގާމް ހޯދޭނެ އެވެ. އެއް ވަނައިގައި 24 ޕޮއިންޓާ އެކު މާޒިޔާ އޮތްއިރު ދެ ވަނައިގައި 21 ޕޮއިންޓާ އެކު އޮތީ ނިއު ރޭޑިއަންޓެވެ.
ވަރަށް މުހިއްމު ތިން ޕޮއިންޓް މި ލިބުނީ. ގަދަ ހަތަރަކަށް އެރުމުގެ މުހިއްމު ހަރުފަތެއް މި ގިރާކުރެވުނީ. ކުރިއަށް އޮތް ތިން މެޗުން ހަތަރު ޕޮއިންޓް ހޯދިއްޖެއްޔާ ހަމަޖެހައިލެގެން ދިވެހި ޕްރިމިއާ ލީގަށް ދެވޭނެ،" އީގަލްސްގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ބުންޏެވެ.
މިއަދުގެ މެޗުގައި އީގަލްސްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ 14 ވަނަ މިނެޓުގައި އަހުމަދު ނާޝިދު (ނައްޓޭ) އެވެ. އަހުމަދު ރިޒްވާން (ރިޒޭ ކޯނަރަކުން ހުރަސްކުރި ބޯޅަ ނައްޓޭ ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ.
މެޗުގެ 22 ވަނަ މިނެޓުގައި އީގަލްސް އިން ލީޑު ފުޅާކުރުމާ ގާތަށް ދިޔަ އެވެ. އެކަމަކު ނައްޓޭ އަށް އޭރިއާ ތެރެއިން ލިބުނު ބޯޅަ އޭނާ ގޯލް ކުރީމަތީ ހުސްކޮށް ހުރި މުހައްމަދު ނާއިމަށް ދިން ނަމަވެސް ފައިގައި ލައްވާލާ ގޮތެއް ނުވި އެވެ. އޭގެ ފަހުން 26 ވަނަ މިނެޓުގައި ރިޒޭ ދިން ބޯޅަ އޭރިއާ ތެރެއިން ނާއިމް ފޮނުވާލުމުން ދިޔައީ ގޯލް މަތިންނެވެ.
ދެ ވަނަ ހާފުގައި ވެސް ނާއިމަށް ގޯލް ޖަހާނެ ހުސް ދެ ފުރުސަތު ލިބި ބޭކާރުވި އެވެ. އެގޮތުން 50 ވަނަ މިނެޓުގައި ބޮލުން ޖެހި ބޯޅަ ދަނޑީގައި ޖެހުނުއިރު 63 ވަނަ މިނެޓުގައި ފޮނުވާލި ޝޮޓް ވެލެންސިއާގެ ގޯލްކީޕަރު މުހައްމަދު ފައިސަލް މަތަކުރި އެވެ. އަދި 73 ވަނަ މިނެޓުގައި އީގަލްސްގެ ރިޒޭ ފޮނުވާލި ބާރު ބޯޅައެއް ވަނީ ދަނޑީގައި ޖެހިފަ އެވެ.
ވެލެންސިއާ އިން އެއްވަރުކުރުމާ ވަރަށް ގާތަށް ދިޔަ އެވެ. އެކަމަކު 76 ވަނަ މިނެޓުގައި ކަކާ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ނުކުތީ އެވެ.
އީގަލްސްގެ ކޯޗު ސާންތީ ވަނީ މި މެޗުގައި ޒުވާން ފޯވާޑް ނާއިމް ދެއްކި ކުޅުމަށް ތައުރީފްކޮށްފަ އެވެ. ސާންތީ ބުނީ އޭނާ އަކީ ގޮތްދޫކުރާ ކުޅުންތެރިއެއް ނޫން ކަމަށާއި އޭނާގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެއީ ކަމަށެވެ.
"ވަރަށް އުފާވޭ އަނެއްކާ ވެސް އާ ކުޅުންތެރިއަކަށް ފުރުސަތު ދެވޭތީ. އޭނާ އަކީ މުސްތަގުބަލް އުޖާލާ ކުޅުންތެރިއެއް،" ސާންތީ ބުންޏެވެ.
ގަދަ ހަތަރަކުން ފުރުސަތު ގެއްލިފައިވާ ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި ވެލެންސިއާގެ މިހާރުގެ ބޭނުމަކީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުން ކަމަށެވެ.
"މިއަދު ވެސް އަލަށް ފުރުސަތު ދިން ދެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ،" ފެސްކޯ ބުންޏެވެ.