ޑިމާންޑްތަކަށް ގަތަރުގެ ޖަވާބު ކުވޭތާ ހަވާލުކޮށްފި
ޑިމާންޑްތަކަށް ގަތަރުގެ ޖަވާބު ކުވޭތާ ހަވާލުކޮށްފި

ދޯހާ (ޖުލައި 3) - ގަތަރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ކުރިމަތިކުރި 13 ޝަރުތަށް ދިން ޖަވާބު ކުވޭތަށް ހަވާލުކޮށްފި އެވެ.

ގަތަރުގެ ޖަވާބު އެ ގައުމުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީގެ ފަރާތްޕުޅުން ކުވޭތުގެ އަމީރު ޝެއިޚް ސަބާހު އަލް އަހުމަދު އަލް ސަބާހަށް ހަވާލު ކުރުމަށް ގަތަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަަދު ބިން އަބްދުއްރަހުމާން އަލް ސާނީ މިއަދު ހެނދުނު ވަނީ ކުރު ދަތުރުފުޅެއް ކުވޭތަށް ކުރައްވައިފަ އެވެ. ގަތަރުން ދިން ޖަވާބުގެ ތަފްސީލް އަދި ހާމަކޮށްފައެއް ނުވެ އެވެ. ގަތަރު މައްސަލައިގައި މެދުވެރިއެއްގެ ރޯލު އަދާކުރަމުން ދަނީ ކުވޭތުންނެވެ.

ގަތަރުގެ ޚާރިޖީ ވަޒީރު ހޮނިހިރު ދުވަހު ވިދާޅުވެފައި ވަނީ އެ ގައުމަށް ކޮށްފައިވާ ޑިމާންޑްތައް ގަބޫލް ނުކުރެވޭނެ ކަމަށެވެ. ގަތަރަށް ކުރި ޑިމާންޑްތަކުގެ ތެރޭގައި އަލް ޖަޒީރާ ބަންދުކުރުމާއި އިރާނާ ގުޅުން ބަދަހި ނުކުރުމާ އަދި ތުރުކީގެ އަސްކަރީ މަރުކަޒު ބަންދު ކުރުން ހިމެނެ އެވެ.

ގަތަރުން ޖަވާބު ދިން އިރު ވަނީ އެ ގައުމަށް ދިން 10 ދުވަހުގެ މުހުލަތު ހަމަވުމުން 48 ގަޑިއިރަށް އިތުރުކޮށްފަ އެވެ. މި މުހުލަތު އިއްޔެ ހަމަވެފައިވާތީ 48 ގަޑިއިރު އިތުރަށް ދިނުމަށް ސައުދީ އަރަބިއާ، ޔޫއޭއީ އަދި ބަހުރޭނުގެ ކިބައިން އެދިފައި ވަނީ ކުވޭތުގެ އަމީރެވެ.