ޓްރަމްޕުގެ ސިޔާސަތުގެ ސަބަބުން ދުނިޔެ ހަލާކުވެދާނެ: ހޯކިން
ޓްރަމްޕުގެ ސިޔާސަތުގެ ސަބަބުން ދުނިޔެ ހަލާކުވެދާނެ: ހޯކިން

ލަންޑަން (ޖުލައި 3) - ޕެރިސް ތިމާވެށި އެއްބަސްވުމުން ވަކިވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމަކީ ދުނިޔެ އަށް ހުރި ގެއްލުމެއް ކަމަށް ދުނިޔޭގެ އެންމެ މަޝްހޫރު އެއް ސައެންސްވެރިޔާ ސްޓެފަން ހޯކިން ވިދާޅުވެއްޖެ އެވެ.

ޕްރޮފެސާ ހޯކިން ވިދާޅުވީ އެ ނިންމުމުގެ ސަބަބުން ދުނިޔެ އަކީ ހޫނު ޕްލެނެޓަކަށް ވާނެ ކަމަށެވެ. ކެމްބްރިޖުގެ ޕްރޮފެސަރު މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ އެމަނިކުފާނުގެ 75 ވަނަ އުފަން ދުވަހު ބީބީސީ އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގަ އެވެ.

ޕްރޮފެސާ ހޯކިން ވިދާޅުވީ ޓްރަމްޕުގެ ތިމާވެށި ސިޔާސަތުގެ ސަބަބުން ދުނިޔެ ނުރައްކަލުގެ ތުންފަތް މައްޗަށް ވެއްޓޭނެ ކަމަށެވެ. އަދި ދުނިޔެ އަކީ ވީނަސް ކަހަލަ ހޫނު ތަނަކަށް ވެދާނެ ކަމަށް ވިދާޅުވި އެވެ.

"މޫސުމަށް ބަދަލު އައުމަކީ އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކާ. އަދި އެއީ އަޅުގަނޑުމެން މިހާރު ފިޔަވަޅު އަޅައިފި ނަމަ ސަލާމަތް ވެވިދާނެ ކަމެއް. އެކަމަކު މި ހަގީގަތާ ދެކޮޅު ހަދާ ޕެރިސް އެއްބަސްވުމުން ޑޮނަލްޑް ޓްރަމްޕް ވަކިވުމަކީ މި ރީތި ދުނިޔޭގެ ތިމާވެށި ހަލާކުކޮށްލުން،" ޕްރޮފެސާ ހޯކިން ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ސައެންސްވެރިޔާ ކަމަށް ބުނާ ހޯކިން އަށް ޖެހުނު މޮޓޯ ނިއުރޯން ބަލީގެ ސަބަބުން އުމުރުގެ ބޮޑުބައި ހޭދަކުރައްވަން ޖެހިފައި ވަނީ ނުކުޅެދޭ ހާލަތުގަ އެވެ. އެކަމަކު ވެސް އެމަނިކުފާނަކީ މި ފަހަކަށް އައިސް ދުނިޔެ ދުށް އެންމެ ވަރުގަދަ ސިކުނޑި އެވެ. ބްލެކް ހޯލާ ބެހޭ ގޮތުން ހޯކިންގެ ތިއަރީއާ އަދި ޔުނިވާސްއާ ބެހޭ ގޮތުން ހޯކިންގެ ހޯދުންތަކުގެ ސަބަބުން ކޮސްމޯސްއާ ބެހޭ ހޯދުން ކުރިން ގަބޫލްކުރެވިފައިވާ ގަބޫލް ކުރުންތަކަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ. ހޯކިން ވެސް ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އެންމެ ބޮޑު ހޯދުމަކީ ބްލެކް ހޯލްއާ ބެހޭ ގޮތުން ހޯދި ހޯދުން ކަމަށެވެ.

"އަޅުގަނޑުގެ އުމުރުން 75 އަހަރު ވަންދެން ދުނިޔޭގައި ހުންނާނެ ކަމަށް އުއްމީދެއް ނުކުރަން. އުމުރުން 21 އަހަރުގައި ބަލިވުމާ އެކު ވަނީ ދެ ތިން އަހަރު ތެރޭ މަރުވެދާނެ ކަމަށް ބުނެފައި. އެކަމަކު އޭގެ 54 އަހަރު ފަހުން ފުރޮޅުލީ ގޮނޑިއެއްގައި އިނދެ ނަމަވެސް މަސައްކަތްކޮށް، ސައެންސްގެ ކަރުދާސްތައް ތައްޔާރު ކުރަމުން މިދަނީ. މިއީ ވަރަށް ބޮޑު ގުރުބާނީއެއް. މިކަމަށް އާއިލާ އާއި ރައްޓެހިންގެ ވަރަށް ބޮޑު އެހީތެރިކަން ލިބޭ،" ޕްރޮފެސާ ހޯކިން ވިދާޅުވި އެވެ.