24 ޖޫން 2016 - 07:53

400 ގުރާމު ފާގަ (މެދުން ފަޅައިފައި، އޮށް ނަގައި ތުނިކޮށް ކޮށައިފައި)
2 ޓޮމާޓޯ (ބޮޑު، އަރިމަތިން ބޯކޮށް ކޮށާފައި)
1 ފިޔާ (ބޮޑު، މެދުން ފަޅައިފައި ބޯކޮށް ކޮށައިފައި)
2 ލޮނުމެދު (ފަޅައިފައި، ދިގަށް ކޮށައިފައި)
½ ސައިސަމުސާ އަސޭމިރުސް
½ ސައިސަމުސާ ރީނދޫ
½ ސައިސަމުސާ އިނގުރު (ގާނައިފައި)
1 ސައިސަމުސާ ހަވާދު (ފުއްލާ ޖެހި ރީނދޫ ދަޅު) – ބޭނުން ނަމަ
1 މޭޒުމަތީސަމުސާ ހިކިމަސް (މުގުރައިފައި)
1 މޭޒުމަތީސަމުސާ ލޮނު
ހިކަނދިފަތް، ތެޔޮ، ރޯމިރުސް
ފާގަކޮޅު ލޮނާ އެއްކުރުމަށް ފަހު ތަށްޓެއްގައި ފަތުރައިލައިފައި ވިހި މިނެޓު ވަންދެން ބެހެއްޓުން. އެ އަށް ފަހު ފާގަކޮޅު ފުން ތަށްޓަކަށް އެޅުމަށް ފަހު، ރަނގަޅަށް ދޮވެލެވޭ ވަރަށް ފެންއަޅައިގެން ފާގަކޮޅު ދޮވެލައިފައި ފެންފޮދު އޮއްސައިލުން. މި ގޮތަށް ހަތް ފަހަރު ދޮވެލުމަށް ފަހު، ހަލަންޏަކަށް އަޅައިފައި ބެހެއްޓުން. ތެޔޮ ހޫނުކޮށްފައި (ކުޑަކޮށް މުރަނަވަންދެން) ފާގަކޮޅު ތެއްލައިފައި، ޓިޝޫއެއް މަތީގައި ފަތުރައިލުން.
ލޮނުމެދު އަޅައިގެން، ވަރަށް ކުޑަ ތެޔޮފޮދެއްގައި ފިޔާ މީރުކޮށްފައި، އޭގެ ތެރެއަށް ޓޮމާޓޯ، އަސޭމިރުސް، ރީނދޫ، އިނގުރު، (ބޭނުން ނަމަ) ހަވާދު، ހިކިމަސް، ރޯމިރުސް ލައިގެން ރަނގަޅަށް އެއްކޮށްފައި، ފާގަކޮޅު އޭގެ ތެރެއަށް އަޅައިލުން. ދެ މިނެޓު ވަންދެން ކައްކައިލުމަށް ފަހު ހިކަނދިފަތް ލުން.
ލޮނު މަޑުކޮށް އެއްޗެހި ކާއިރު، ރަހަތައް ނެރެލަން މި ފާގަ ހިކި ރިހަ ވަރަށް ކަމުދާނެ.
މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.