ލިސްޓުގައި އޭޑީކޭ ނާޝިދު ސޮއެއް ނުކުރައްވާ
ލިސްޓުގައި އޭޑީކޭ ނާޝިދު ސޮއެއް ނުކުރައްވާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހަންމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅި އިރު އެ ލިސްޓުގައި ކޮމަންޑޫ ދާއިރާގެ މެމްބަރު އޭޑީކޭ އަހުމަދު ނާޝިދު ސޮއެއް ނުކުރައްވަ އެވެ. އޭނާ ހިމެނި ވަޑައިގަންނަވަނީ، މި ލިސްޓުގައި އެމްޑީޕީން ސޮއިނުކުރައްވާ ހަމައެކަނި މެމްބަރުގެ ގޮތުގަ އެވެ.

ސާޅީސް ފަސް މެމްބަރުން ސޮއިކުރެއްވި ލިސްޓުގައި ނާޝިދު ސޮއި ނުކުރެއްވީ ކީއްވެގެން ކަން އަދި ސާފެއް ނުވެ އެވެ. ނާޝިދުގެ ފޯނު އޮތީ ނިއްވާލައިފަ އެވެ. އަދި އެމްޑީޕީން ވެސް އެކަމާ އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ. އެހެން ނަމަވެސް ޖުމްހޫރީ ޕާޓީގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ލީޑަރު އިބްރާހިމް މުހަންމަދު ސޯލިހު ވިދާޅުވީ މަސީހާ ދެކޮޅަށް ވޯޓު ދެއްވާނެ މެމްބަރުން އަދިވެސް އެބަތިއްބެވި ކަމަށެވެ.

މަސީހު ވަކިކުރަން ޖޭޕީގެ ހުރިހާ މެމްބަރުން ސޮއިކުރެއްވި އެވެ. މީގެ އިތުރުން ޕީޕީއެމްގެ 10 މެމްބަރަކާއި އެއްވެސް ޕާޓީއެއްގައި ހިމެނިވަޑައިނުގަންނަވާ ހުރިހާ މެމްބަރުން ވެސް ވަނީ ސޮއިކުރައްވައިފަ އެވެ.