ތޯރިގް ކޮމެޓީން ބަދަލުކުރީ ވަކި ސަބަބެއް އޮވެގެނެއް ނޫން: ނިހާނު
ތޯރިގް ކޮމެޓީން ބަދަލުކުރީ ވަކި ސަބަބެއް އޮވެގެނެއް ނޫން: ނިހާނު

ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމެޓީން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް ބަދަލުކުރީ ވަކި ސަބަބެއް އޮވެގެން ނޫން ކަމަށް ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ވިދާޅުވެއްޖެ އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި އިއުލާން ކުރި ގޮތުން މާލިއްޔަތު ކޮމެޓީގައި ތިއްބެވި ތޯރިގާއި ނިލަންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ހަލީލާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ސިނާންގެ ބަދަލުގައި އާ މެމްބަރުންތަކެއް އެ ކޮމެޓީ އަށް ވަނީ ހަމަޖައްސައިފަ އެވެ.

ތިން މެމްބަރުންގެ ބަދަލުގައި އެ ކޮމެޓީގައި ތިއްބަވާނީ ތިނަދޫ ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ އަހުމަދާއި ގެމަނަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖަމީލް އުސްމާނާއި ގައްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ރަޝީދެވެ. އެކަމަކު ތޯރިގާއި ސިނާން އާއި ހަލީލް ހަމަޖެއްސި ކޮމެޓީއެއް އިއުލާނެއް ނުކުރެ އެވެ.

ނިހާނު ވިދާޅުވީ ކޮމެޓީތަކުގައި ތިއްބަވާ ޕީޕީއެމްގެ މެމްބަރުން ބަދަލުކުރުމަކީ އާންމު ގޮތެއްގައި ކުރާ ކަމެއް ކަމަށެވެ.

"އާންމުކޮށް އެއް ކޮމެޓީން އަނެއް ކޮމެޓީއަށް މެމްބަރުން ބަދަލުވާނެ، މެމްބަރުން ހަމަ ނުވާ ދުވަސް ދުވަހު (އެގޮތަށް ބަދަލު އަންނަނީ)،" ނިހާނު ވިދާޅުވި އެވެ.

ނިހާނު ވިދާޅުވި ގޮތުގައި އެގޮތަށް އަމަލު ކުރަނީ ކޮމެޓީތަކުގެ މަސައްކަތް ހަލުވިކަމާއެކު ކުރުމަށެވެ. އަދި ކޮމެޓީތަކުގެ ކޯރަމް ހަމަ ކުރުމަށް ވެސް އެ ބަދަލު ގެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލިއްޔަތު ކޮމެޓީއަކީ މަޖިލީހުގައި ހިމެނޭ ކޮމެޓީތަކުގެ ތެރެއިން އެންމެ ބާރުގަދަ އެއް ކޮމެޓީ އެވެ. އެ ކޮމެޓީގެ ފުރިހަމަ ކޮންޓްރޯލް އޮންނަނީ ވެރިކަންކުރާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށެވެ.

މާލިއްޔަތު ކޮމެޓީން ތޯރިގް ބޭރުކޮށްފައި މިވަނީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ ދަތިތައް ހައްލު ނުވެ ދިއުމުގެ ޒިންމާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ނަންގަވަން ޖެހޭނެ ކަމަށް ވިދާޅުވެ، ޝައިނީގެ އިސްތިއުފާ އަށް ތޯރިގް ގޮވާލައްވާފައި ވަނިކޮށެވެ. ތޯރިގާއި ސިނާންއަކީ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު ވަކި ކުރަން މަޖިލިހަށް ވެއްދުމަށް ސޮއި ކުރެއްވި ދެ މެމްބަރެކެވެ.