03 ޖުލައި 2017 - 14:55

ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވި ހުރިހާ އެއްޗެއް ގެއްލިއްޖެ ކަމަށާއި އެހެންކަމުން، މަގާމުން އިސްތިއުފާ ދެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.
އިދިކޮޅު ފަރާތްތައް ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުގެ 45 މެމްބަރުންގެ ސޮޔާއެކު ހުށަހެޅުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް މަޖިލިސް ގެއްލި، ކައުންސިލް އިންތިހާބު ގެއްލި އަދި އެމަނިކުފާނު ވެރިކަމަށް ގެނެސްދިން ކޯލިޝަން ވެސް ގެއްލިފައިވާ ކަމަށެވެ.
ނަޝީދު ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ މަޖިލީހުގެ ހުރިހާ މެމްބަރުންނަށާއި އެމްޑީޕީގެ ޕީޖީ ލީޑަރަށާއި ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުންނަށާއި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
ޕީޕީއެމް ކޯލިޝަނުން މަޖިލީހުގެ ގަވައިދަށް ދާދި ފަހުން ގެނައި ބަދަލުގެ ދަށުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް މިހާރު ވެއްދެނީ 42 މެމްބަރުންގެ ސޮޔާއެކު އެވެ. އެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް މި ވެއްދީ އެ އަށް ވުރެ އިތުރަށް ތިން މެމްބަރުންގެ ވޯޓާ އެކު އެވެ.
މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅު ފަރާތްތަކުން މިދިޔަ މާޗްމަހު ވެސް މަޖިލީހަށް ވެއްދި އެވެ. ނަމަވެސް ޕީޕީއެމް ކޯލިޝަންގެ 48 މެމްބަރުންގެ ވޯޓާއެކު އެ ފަހަރު މަސީހް ސަލާމަތްވެވަޑައިގަތެވެ. އިދިކޮޅު އެއްވެސް މެމްބަރަކު ނެތި އަދި މަޖިލިސް ހަލަބޮލިވުމުން، ރިޔާސަތުން ނަން އިއްވި އިދިކޮޅު 13 މެމްބަރުންނާ ވެސް ނުލައި އެ ފަހަރު ވޯޓު ނެގީ ވަކިވަކިން މެމްބަރުން ކައިރިން އަހައިގެންނެވެ.