މަޖިލީހުގެ މާދަމާގެ ޖަލްސާ ކުއްލި ގޮތަކަށް ކެންސަލްކޮށްފި
މަޖިލީހުގެ މާދަމާގެ ޖަލްސާ ކުއްލި ގޮތަކަށް ކެންސަލްކޮށްފި

މާދަމާ ބާއްވަން ތާވަލު ކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުއްލި ގޮތަކަށް މިއަދު ކެންސަލްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަނީ އަންގާރަ ދުވަހު ޖަލްސާއެއް އޮންނާނެ ކަން އިއުލާން ކުރައްވައިފަ އެވެ. އަދި މާދަމާގެ ޖަލްސާގެ އެޖެންޑާ ވެސް މަޖިލިހުގެ ވެބްސައިޓްގައި ޝާއިއުކުރި އެވެ. އެކަމަކު ފަހުން އެޖެންޑާ ވަނީ ނަގައިފަ އެވެ.

މަޖިލިހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އަންގާރަ ދުވަހު ބާއްވަން ހަމަޖެއްސި މިއަހަރުގެ ދެ ވަނަ ދައުރުގެ އަށް ވަނަ ޖަލްސާ ކެންސަލް ކުރިކަން މަޖިލީހުގެ ރައީސް މިހާރު ވަނީ އަންގަވައިފަ އެވެ. އެކަމަކު ޖަލްސާ ކެންސަލް ކުރެއްވި ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ.

"މަޖިލިހުގެ ޖަލްސާއެއް އޮންނާނެ ތާރީހު ފަހުން އިއުލާން ކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ޖަލްސާ ކެންސަލްކޮށްފައި މިވަނީ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާ އެކު މަޖިލިހަށް ވައްދާފައިވަނިކޮށެވެ. އޭގެ ތެރޭގައި ވެރިކަން ކުރާ ޕީޕީއެމްގެ 10 މެމްބަރަކު ހިމެނެ އެވެ.

މަޖިލިހުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް ފެށުނު ފަހުން އާންމު ގޮތެއްގައި އެޖެންޑާގައި އޮންނަނީ ވަޒީރުންނާ ސުވާލު ކުރުމެވެ. މާދަމާގެ އެޖެންޑާގައި ވެސް ކުރިން އޮތީ ވަޒީރަކާ ސުވާލު ކުރުމެވެ.