އަންކިތާ ބޮލީވުޑަށް ތައާރަފްކުރާނީ ކަންގަނާ
އަންކިތާ ބޮލީވުޑަށް ތައާރަފްކުރާނީ ކަންގަނާ

އަންކިތާ ލޯކަންޑޭއަކީ ބޮލީވުޑަށް އާ ނަމަކަށް ވެދާނެ އެވެ. ނަމަވެސް އޭނާއަކީ ޓީވީ އިންޑަސްޓްރީގައި މަޝްހޫރު ބަތަލާ އެކެވެ. ކުރީގެ ލޯބިވެރިޔާ ސުޝާންތު ސިންގް ރާޖްޕޫތާއެކު އޭނާ ކުޅުނު "ޕަވިތުރަ ރިޝްތާ" އަކީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ސިލްސިލާ އެކެވެ. ނަަމަވެސް ސުޝާންތާ އޮތް ލޯބީގެ ގުޅުން ކެނޑުނު ފަހުން އަންކިތާގެ އަޑު މިހާރަކަށް އައިސް ވަރަށް ނީވެ އެވެ.

އަންކިތާއާ ގުޅޭ ފަހުގެ ޚަބަރުތައް ބުނާ ގޮތުން އޭނާ މިހާރު ބޮލީވުޑަށް ތައާރަފްވާ ފިލްމުގެ މަސައްކަތް ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އޭނާ ފިލްމު އިންޑަސްޓްރީ އަށް ނެރުމުގެ ޒިންމާ ކޮނޑުއަޅާފައިވަނީ މަޝްހޫރު ބަތަލާ ކަންގަނާ ރަނާވަތެވެ. ކަންގަނާގެ އާ ފިލްމު "މަނިކަރްނިކާ: ދަ ކުއީން އޮފް ޖާންސީ" އިން އަންކިތާ އަށް މުހިއްމު ރޯލެއް ވަނީ ދީފަ އެވެ.

މުމްބައި މިރާއާ ވާހަކަ ދައްކަމުން އަންކިތާ ވަނީ ކަންގަނާގެ ފިލްމުގައި މުހިއްމު ރޯލެއް އޭނާ އަދާކުރާކަމުގެ ޔަގީންކަން ދީފަ އެވެ. އަންކިތާ ބުނި ގޮތުގައި "މަނިކަރްނިކާ"ގައި އޭނާ ކުޅެނީ ޖަލްކަރީބާއީ ކިޔާ ކެރެކްޓާއެކެވެ. އަންކިތާ ބުނި ގޮތުގައި މި ކެރެކްޓާއަކީ އޭނާ ދުވަހަކު ވެސް އަޑުއަހާފައިވާ ނަމެއް ވެސް ނޫނެވެ. ނަމަވެސް މިއީ އިންޑިއާގެ ތާރީޚް ފޮތްތަކުގައި ހީރޯއެއްގެ ދަރަޖަ ދެވިފައިވާ މީހެއް ކަމަށް އަންކިތާ ބުންޏެވެ.

މި ކެރެކްޓާއަކީ ފިލްމުގައި ކަންގަނާ ކުޅޭ ރާނީ ލަކްޝްމީބާއީގެ އާމީގައި އޭނާގެ އެޑްވައިޒަރެއްގެ ގޮތުން އެންމެ ގާތުން މަސައްކަތްކުރާ މީހާ ކަމަށް ވެއެވެ.

މި ފިލްމުގެ ޝޫޓިންގަށް ތައްޔާރުުވުމުގެ ގޮތުން އަންކިތާ ވަނީ އަސް ދުއްވަން ދަސްކޮށް، ކަނޑިހަނގުރާމަކުރުމުގެ ޓްރޭނިންތަކެއް ހަދާފަ އެވެ.

އަންކިޔާ ބުނި ގޮތުގައި ކަންގަނާ ކަހަަލަ ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ ކުޅަދާނަ ބަތަލާއަކާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އަދި އޮގަސްޓްމަހު ކަންގަނާ އާއެކު ފިލްމުގެ ޝޫޓިން ފަށަން ތައްޔާރުވަމުންދާ ކަމަށް ވެސް އަންކިތާ ބުންޏެވެ.

މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަަހަރުގެ އެޕްރީލް 27 ވަނަ ދުވަހު އެވެ.

މަޝްހޫރު ޕްރޮޑިއުސަރު-ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ ފިލްމެއްގެ ލީޑް ރޯލު ވެސް އަންކިތާ އަށް ލިބިފައިވާ ކަމުގެ ޚަބަރުތަކެއް ތަންކޮޅެއް ކުރިން އިންޑިޔާގެ ނޫސްތަކުން ފަތުރާފައި ވެއެވެ. ނަމަވެސް މި ސުވާލަކަށް އަންކިތާ ޖަވާބެއް ނުދިނެވެ.