ރައީސް ޓްރަމްޕް "ހަމަލާ ދެއްވާ" ސީއެންއެން ބަލިކޮށްލައިފި
ރައީސް ޓްރަމްޕް "ހަމަލާ ދެއްވާ" ސީއެންއެން ބަލިކޮށްލައިފި

ވޮޝިންޓަން (ޖުލައި 3) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމިއްލަފުޅު ޓްވިޓާ އެކައުންޓް ފޮލޯކުރާ 33 މިލިއަން މީހުންނަށް އިއްޔެ ލިބުނީ ބޮޑު ހައިރާން ކަމެކެވެ. އެޑިޓްކޮށްފައިވާ ވީޑިއޯއެއްގައި އެމަނިކުފާން ރެސްލިން ތަޅާ ގޮތަށް "ސީއެންއެން" އަށް ހަމަލާދީ ބިން މައްޗަށް ވައްޓާލާ މަންޒަރެވެ. ވީޑިއޯގައި ޓްރަމްޕް ހަމަލާ ދެއްވާ މީހާގެ މޫނު ވަނީ ސީއެންއެންގެ ލޯގޯ އިން ފޮރުވާލައިފަ އެވެ.

ޓްރަމްޕްގެ އަމިއްލަފުޅު އެކައުންޓުން ޓްވީޓްކުރިތާ މާގިނައިރެއް ނުވަނީސް ވައިޓްހައުސްގެ ރަސްމީ އެކައުންޓުން ވެސް އެ ވީޑިއޯ ވަނީ ރިޓްވީޓްކޮށްފަ އެވެ. މިއީ ޓްރަމްޕުގެ ޓްވީޓްތަކުގެ ތެރޭން އެންމެ ގިނަ ބަޔަކު ޝެއާކޮށް ރިޓްވީޓްކުރި ޓްވީޓް ވެސް މެ އެވެ.

ޓްރަމްޕަކީ ތަކުރާރުކޮށް ސީއެންއެން އަށް ބަހުގެ ހަމަލާ ދެއްވާ ފަރާތަކެވެ. ސީއެންއެން އެމަނިކުފާން ސިފަ ކުރައްވާފައި ވަނީ ވެސް ފޭކް ނިއުސްގެ ގޮތުގަ އެވެ. ސީއެންއެން އަށް ފަހުން ވިދާޅުވާން ފައްޓަވާފައި ވަނީ ފްރައުޑް ނިއުސް އެވެ.

ޓްރަމްޕުގެ އެ ޓްވީޓް އެއްބަޔަކަށް މަޖާވި އިރު އަނެއް ބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ. އެކަމަކު މީޑިއާގެ މީހުން އެކަން ވަނީ ސީރިއަސްކޮށް ނަގައިފަ އެވެ. ބައެއް މީހުން ވަނީ އެއީ ޓްވިޓާގެ މިންގަނޑާ ޚިލާފު ވީޑިއޯއެއް ކަމަށް ބުނެ މައްސަލަ ވެސް ޖައްސައިފަ އެވެ. އެކަމަކު ޓްވިޓާ އިން ބުނެފައި ވަނީ އެއީ އަނިޔާވެރި ކަމަށް ހިތްވަރުދޭ ވީޑިއޯއެއް ނޫން ކަމަށެވެ.

ސީއެންއެން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިއްޔެއަކީ ހިތާމަވެރި ދުވަހެއް ކަމަށާއި އެއީ ނޫސްވެރިންނާ ދެކޮޅަށް އެމެރިކާގެ ރައީސް އަނިޔާވެރި ކަމަށް ހިތްވަރު ދީފައިވާތީ ކަމަށެވެ.

ރިޕޯޓާސް ކޮމިޓީ ފޯ ފްރީޑަމް އޮފް ދަ ޕްރެސް އިން ބުނީ އެއީ އެމެރިކާގެ ރައީސަކު ކުރައްވާ ވަރަށް ވުރެ މާ ފެންވަރު ދަށް ކަމެއް ކަމަށެވެ.

ރައީސް ޓްރަމްޕް އާއްމުކޮށް ބަހުގެ ހަމަލާ ދެއްވާ މީޑިއާތަކުގެ ތެރޭގައި ސީއެންއެން، ނިއު ޔޯކް ޓައިމްސް އަދި ވޮޝިންޓަން ޕޯސްޓް ހިމެނެ އެވެ.

ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން ޓްރަމްޕް ވަނީ ޑަބްޑަބްލިއުއީގެ ބައެއް ޝޯތަކުގައި ބައިވެރިވެޑައިގެން "ފައިޓް"ގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފަ އެވެ. އެހެންވެ ވީޑިއޯ އެޑިޓްކުރި ފަރާތަށް އެކަން ކުރަން ތަންކޮޅެއް ފަސޭހަވާނެ އެވެ.