ސޮއި ނުކުރާ މެންބަރުންގެ ތާއީދު ވެސް ލިބޭނެ: އިދިކޮޅު ފަރާތްތައް
ސޮއި ނުކުރާ މެންބަރުންގެ ތާއީދު ވެސް ލިބޭނެ: އިދިކޮޅު ފަރާތްތައް

ބައެއް މެންބަރުންގެ ސޮއި ވަގަށް ހޯދާފައިވާ ކަމަށް ބުނާތީ ރިޔާޒް ވިދާޅުވީ އެއްވެސް މެންބަރެއްގެ ސޮއި އޮޅުވާލައިގެން ހޯދާފައި ނުވާނެ ކަމަށާއި ލިސްޓުގައި ނަން ލިޔުއްވައި ސޮއި ކުރައްވާފައި ވަނީ ވެސް އެ ބޭފުޅަކު އަމިއްލައަށް ކަމަށް އެނގިވަޑައިގެންފައިވާ ކަމަށް. އަމިއްލަ އަށް ނޫން ގޮތަކަށް ސޮއިކޮށްފައިވާ ނަމަ އެކަން ފުލުހުންނަށް ބެލޭނެ ވަސީލަތްތައް ހުންނާނެ ކަމަށް ވިދާޅުވި.

އިބޫ ވިދާޅުވީ ރިޔާސީ އިންތިހާބާ ހިސާބަށް ދާއިރު ކަން ކުރާނެ ގޮތެއް ނިންމާނީ އަދި ފަހުން. މިވަގުތު މިއީ އެހެން މަސައްކަތެއް. ކޮރަޕްޝަނުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ނުވަތަ އެހެން މީހަކާ މެދު ވެސް ފިޔަވަޅު އަޅަން ޖެހޭނީ ގާނޫނާއި ގަވައިދާ އެއްގޮތަށް، ހަމަހަމަ ކަމާއި އިންސާފާ އެކު.

އިބޫ: މަސީހުގެ ބަދަލުގައި މަޖިލީހުގެ ރައީސް ކަމަށް ގެންނަން ގާބިލލް ބޭފުޅުން ވަރަށް ބައިވަރު އެބަތިއްބެވި. އެހެންވެ އެ ބޭފުޅަކު ކަނޑައެޅުމަކީ ވެސް ފަސޭހަ ކަމެއް ނޫން. މަސީހު ވަކި ކުރުމަށް ފުރަތަމަ ނެގި ވޯޓުގައި ރޯލް ކޯލް ވޯޓުގައި ބައިވެރިވާން ނުކެރުނީއެއް ނޫން. އެ ވޯޓުގައި ބައިވެރި ނުވީ ގަވައިދާ ހިލާފަށް ނެގި ވޯޓަކަށް ވާތީ. ރޯލް ކޯލް ވޯޓުގައި ވެސް ބައިވެރިވާން ކެރޭނެ.

ފާރިސް: ސޮއި ކުރައްވާފައިވާ އެއްވެސް ބޭފުޅެއްގެ ސޮއި އަނބުރާ ގެންދަވާނެ ކަމަކަށް ގަބޫލެއް ނުކުރަން. އެ ބޭފުޅުން ވެސް މި ނިންމެވުން ނިންމަވާފައި ވަނީ މަޝްވަރާތަކަށް ފަހު، ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއަށް ބަލައި، ރައްޔިތުން އެދޭ ގޮތަށް ވެސް ބައްލަވާފައި.

ރިޔާޒް: ފަނޑިާރުންނާއި މިނިވަން މުއައްސަސާތަކާއި ސިފައިންނާއި ފުލުހުން ވެސް މި އައި ބަދަލަށް އިހްތިރާމް ކުރަން ޖެހޭނެ. މުއައްސަސާތަކުން ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމުގައި އަލުން ވިސްނުމަށް ގޮވައިލެއްވި.ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ރިވިއުކުރަން ޖެހޭނެ. ޓެރަރިޒަމްގެ ދައުވާއެއް ނުކުރެވޭނެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ފާރިސްގެ މައްޗަށް ކުރާ ތުހުމަތުގައި ވެސް އަސްލެއް ނެތް.

ފާރިސް: ޕީޕީއެމްގައި ވެސް އިހްލާސްތެރި މެންބަރުން އެބަ ތިއްބެވި. މަޖިލީހުގެ ރައީސް ކަމަށް ބޭފުޅަކު ގެންނާނީ މަޝްވަރާކޮށް، އަޣުލަބިއްޔަތުން. މަޖިލީހުގެ ރައީސް ކަމަށް ގެންނާނީ ކޮން ބޭފުޅަކުތޯ ސުވާލުކުރުމުން ފާރިސް އަދި އިބޫ ވެސް ވަކި ޖަވާބެއް ނުދެއްވި

އިބްރާހިމް މުހައްމަދު ސޯލިހް: މަޖިލީހުގެ ނައިބު ރައީސް ވެސް ހިމެނޭ ގޮތަށް، ހުރިހާ މެންބަރުން ވެސް އަޅުގަނޑުމެންނަށް ބައިވެރިވުމަށް ގޮވާލަން. މިއީ ސިޔާސީ މަސައްކަތެއް ނޫން.

އިބްރާހިމް މުހައްމަދު ސޯލިހް: މިއަދު ވޯޓު ނެގިޔަސް މަޖިލީހުގެ ތިން ބައިކުޅަ ދެ ބައިގެ ވޯޓު ލިބޭނެ

މަސީހު ވަކިކުރަން 45 މެންބަރުން ސޮއިކުރައްވާފައި ވާއިރު އޭގެ ތެރޭގައި ޕީޕީއެމްގެ 9 މެންބަރުން ހިމެނޭ.

ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް: ބިރުން ތިއްބެވި ފަނޑިޔާރުންނާއި ވަޒީފާގެ ބިރަށް ތިއްބެވި ބޭފުުޅުންނަށް މިއަދު ހިތްހަމަޖެހުން ލިބޭނެ. މިއީ އިދިކޮޅު ލީޑަރުން ގުޅިގެން ކުރި މަސައްކަތުގައި ލިބުނު ފުރަތަމަ ކާމިޔާބީ.

ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވިދާޅުވީ މިއީ ވަރަށް ބުރަކޮށް ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި. މި ބަދަލު އައީ އެމްޑީޕީގެ ވެސް ބުރަ މަސައްކަތާ އެކު އަދި ޕީޕީއެމް އިސްލާހުކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ފެއްޓެވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ފާރިސް ވިދާޅުވި. ފާރިސް ވިދާޅުވީ ސޮއިކުރެއްވި މެންބެރުންގެ އިތުރުން ވެސް މެންބަރުން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް. މެންބަރުންނަށް ބިރު ދެއްކުން ހުއްޓާލައި، މިނިވަން މުއްސަސާތަކުން ވެސް އިންސާފުން މަސައްކަތް ކުރުމަށް ފާރިސް ގޮވައިލެއްވި

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރުން ނަހަމަ ގޮތުގައި ބޭނުންކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ މަޖިލީހުގެ ރައީސް މަސީހު ކަމަށް. ބިލްތައް ދިރާސާކުރަން ވަގުތު ނުދިނުމާއި ބިލްތައް އެކީ އެއްފަހަރާ ފާސްކުރުން ފަދަ މައްސަލަތައް އޭނާ ފާހަގަކުރެއްވި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅުމަށް ފަހު، އިދިކޮޅު ފަރާތްތަކުން ބާއްވާ ނޫސްވެެރިންގެ ބައްދަލުވުން ފަށައިފި.

(ތަފްސީލް އަންނަނީ)