04 ޖުލައި 2017 - 06:30

ހިންދީ ފިލްމު އިންޑަސްޓްރީގެ އެންމެ އުހުގައި އުޅޭ އެކްޓަރުން ފިލްމު ޕްރޮޑިއުސްކުރުން މިހާރު ވަރަށް އާންމުވެއްޖެ އެވެ. ޚާއްސަކޮށް އެ އެކްޓަރަކު ލީޑް ރޯލު ކުޅޭ ފިލްމެއް ނަމަ އެމީހަކު އަމިއްލައަށް ޕްރޮޑިއުސްކުރުމަކީ މިހާރު ވަރަށް ގިނަ އެކްޓަރުންގެ އާދައެކެވެ.
ބައެއް ފިލްމުތައް، އެހެން މީހަކާ ގުޅިގެން ކޯ-ޕްރޮޑިއުސްކުރަން ޖެހުނަސް އެހެން ޕްރޮޑިއުސަރުން ފިލްމުތައް ކުޅެން މިހާރު ބައެއް އެކްޓަރުން ބޭނުމެއް ނުވެ އެވެ. މީގެ އިތުރުން އެމީހުންގެ ވާދަވެރި އެކްޓަރުންނާއި އަލަށް ފިލްމު ކުޅެން ފަށަން ޝައުގުވެރިވާ އެކްޓަރުންނަށް ވެސް ފިލްމުތައް ޕްރޮޑިއުސް ކޮށްދިނުމުގެ މަސައްކަތް މިހާރު މަޝްހޫރު ބައެއް ތަރިން ވަނީ ފަށާފަ އެވެ.
މިކަން އެންމެ ކުރިން ފަށައިގަތީ ސަލްމާން ޚާނާއި ޝާހްރުކް ޚާނެވެ. ޕްރޮޑިއުސަރުންގެ ކްލަބް އުފެއްދީ މި ދެ އެކްޓަރުން ކަމަށް ބުނެވިދާނެ އެވެ. މިހާރު އަޖޭ ދޭވްގަން ވެސް މި ކްލަބަށް ވަދެއްޖެ އެވެ. އޭނާ ވަނީ ފަރްހާން އަޚްތަރު އާއި ސަންޖޭ ދަތު ލީޑް ރޯލަށް ލައިގެން ފިލްމެއް ޕްރޮޑިއުސްކުރަން ނިންމާފަ އެވެ. މި ފިލްމު ޑައިރެކްޓްކުރާނީ ނިޝީކާންތު ކާމަތު އެވެ. އޭނާއަކީ އަޖޭއާ އެކު "ޑްރިޝާމް" ގައި މަސައްކަތް ކުރި މީހެކެވެ. މި ދެ މީހުން ގުޅިގެން އަލަށް މި އުފައްދަން އުޅޭ ފިލްމުގެ މަސައްކަތް ފަށާނީ އަންނަ އޮކްޓޯބަރު މަހު އެވެ.
އަޖޭގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ އަޖޭ ވަނީ އޭނާގެ ޕްރޮޑަކްޝަން ހައުސް ފުޅާކުރަން ނިންމާފައި ކަމަށެވެ. އަދި އިތުރު ފިލްމުތައް ޕްރޮޑިއުސްކުރަން މިހާރު އަޖޭ ބޭނުންވެ އެވެ. މި ހުރިހާ ފިލްމެއްގައި އަޖޭއަށް ބައިވެރި ނުވެވޭނެތީ އެ ރޯލަކީ އެންމެ ކުޅޭ އެކްޓަރަކު ލައްވާ އެ ފިލްމެއް ކުޅުވަން އަޖޭ ވަނީ ނިންމާފަ އެވެ.
މިއީ ސަލްމާން ޚާން ފެށި ކަމެކެވެ. އެގޮތުން އޭނާ ވަނީ ސޫރަޖް ޕަންޗޯލީ އާއި އަތިޔާ ޝެޓީ ބައިވެރިކޮށްގެން "ހީރޯ" ކިޔާ ފިލްމެއް ޕްރޮޑިއުސް ކޮށްފަ އެވެ. މި ފިލްމު ޕްރޮޑިއުސްކުރީ ސަލްމާންގެ ފިލްމު ކުންފުނިންނެވެ. އަދި ފިލްމު ޕްރޮމޯޓްކުރުމުގައި ވެސް އޭނާ އިސް ދައުރެއް އަދާކޮށް ފިލްމަށް ލަވައެއް ވެސް ކިޔައިދީފައިވެ އެވެ. އޭގެ ފަހުން ކަރަން ޖޯހަރާ އެކު ވެސް ފިލްމެއް ކޯ-ޕްރޮޑިއުސްކުރަން ސަލްމާން ވަނީ ނިންމާފަ އެވެ. މި ފިލްމުގެ ބަތަލަކަށް ހަމަޖައްސާފައި ވަނީ އަކްޝޭ ކުމާރެވެ.
ޝާހްރުކް ޚާން އަންނަނީ ރާޖޭޝް ކަންނާ ކުރިން ކުޅެފައިވާ "އިއްތިފާގު" ކިޔާ ފިލްމެއް ޕްރޮޑިއުސް ކުރަމުންނެވެ. މި ފިލްމުގެ ތަރިންނަކީ ސިދާރްތު މަލްހޯތުރާ އާއި ސޮނާކްޝީ ސިންހާ އެވެ. މި ފިލްމުގައި ޝާހްރުކްގެ ޚާއްސަ ލަވައެއް ހިމެނޭނެކަމުގެ ޚަބަރުތަކެއް ވަނީ ފެތުރިފަ އެވެ. ނަމަވެސް އޭނާ ވަނީ މި ވާހަކަ ދޮގުކޮށްފަ އެވެ. ޝާހްރުކް ބުނި ގޮތުގައި މިފަހަރު އޭނާ ހަމައެކަނި ޕްރޮޑިއުސަރެއްގެ ގޮތުގައި ފިލްމެއް އުފެއްދުމުގެ އުފާ ހާސިލު ކުރާނީ އެވެ.
އާމިރު ޚާން ޕްރޮޑިއުސްކުރާ ގިނަ ފިލްމުތަކުގެ ލީޑް ރޯލު ކުޅެފައިވަނީ ވެސް އާމިރެވެ. އޭގެ އިތުރުން "ޖާނޭ ތޫ ޔާ ޖާނެ ނާ" އޭނާ ވަނީ ބޮޑުބޭބެ ކިޔާ އިމްރާން ޚާން ބޮލީވުޑަށް ތައާރަފްކޮށްދިނުމުގެ ގޮތުން ޕްރޮޑިއުސްކޮށްފަ އެވެ. އަދި ހަމަ އިމްރާން ބައިވެރިކޮށްގެން "ދިއްލީ ބެލީ" ކިޔާ ފިލްމެއް ވެސް އޭގެ ފަހުން އޭނާ ޕްރޮޑިއުސްކޮށްފައިވެ އެވެ.