03 ޖުލައި 2017 - 11:05

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ދެންމެ ވައްދައިފި އެވެ. މީގެ ތެރޭގައި ވެރިކަން ކުރާ ޕީޕީއެމްގެ 10 މެމްބަރަކު ހިމެނެ އެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ވައްދާފައިވާ ކަމަށެވެ.
މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމުން ސޮއިކުރެއްވީ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އަދި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އެވެ.
ޕީޕީއެމް ކޯލިޝަނުން މަޖިލިހުގެ ގަވައިދަށް ދާދި ފަހުން ގެނައި ބަދަލުގެ ދަށުން މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދެނީ 42 މެމްބަރުންގެ ސޮޔާއެކު އެވެ. އެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް މި ވެއްދީ އެއަށް ވުރެ އިތުރަށް ތިން މެމްބަރުންގެ ވޯޓާ އެކު އެވެ.
މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅު ފަރާތްތަކުން މިދިޔަ މާޗްމަހު ވެސް މަޖިލީހަށް ވެއްދި އެވެ. ނަމަވެސް ޕީޕީއެމް ކޯލިޝަންގެ 48 މެމްބަރުންގެ ވޯޓާއެކު އެ ފަހަރު މަސީހް ސަލާމަތްވެވަޑައިގަތެވެ. އިދިކޮޅު އެއްވެސް މެމްބަރަކު ނެތި އަދި މަޖިލިސް ހަލަބޮލިވުމުން، ރިޔާސަތުން ނަން އިއްވި އިދިކޮޅު 13 މެމްބަރުންނާ ވެސް ނުލައި އެ ފަހަރު ވޯޓަށް އެހީ ވަކިވަކިން މެމްބަރުން ކައިރިން އަހައިގެންނެވެ.
މަޖިލިހުގެ ގަވައިދުގައި ކުރިން އޮންނަ ގޮތުން ނަމަ މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅެނީ 15 މެމްބަރުންގެ ސޮުޔާއެކު އެވެ. ނަމަވެސް މަސީހާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މާޗްމަހު ހުށަހެޅި މައްސަލަ ސަރުކާރަށް ކާމިޔާބުވުމާ އެކު، 42 މެމްބަރުންގެ ސޮޔާއެކު ނޫނީ މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަނޭޅޭ ގޮތަށް ސަރުކާރުގެ ކޯލިޝަނުން މަޖިލިހުގެ ގަވައިދަށް ބަދަލު ގެނަ އެވެ.
ގާނޫނުއަސާސީގައި ބުނާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރަން ގަރާރެއް މަޖިލީހަށް ހުށަހެޅުމުގެ 14 ދުވަސް ކުރިން އެކަން މަޖިލީހަށް އަންގަން ވާނެ އެވެ. އަދި މަޖިލީހުގެ ރައީސް އެ މަގާމުން ވަކި ކުރުމާ ބެހޭ ބަހުސެއް ހިނގާ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓައިގެން ނުވާނެ އެވެ. އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލިހުގެ ނައިބު ރައީސް އެވެ.
މަޖިލީހުގެ ރައީސް ވަކިކުރުމާ ބެހޭ ބަހުސްގައި ބައިވެރިވެ ދިފާއުވުމުގެ ހައްގު ރައީސަށް ލިބިގެންވެ އެވެ. ނަމަވެސް އެ މީހަކު މަގާމުން ވަކި ކުރަން ނަގާ ވޯޓެއްގައި ބައިވެރިވެވަޑައެއް ނުގެންނެވޭނެ އެވެ.