ފްރާންސްގެ މިސްކިތެއްގެ ކައިރީ ބަޑި ޖަހާ އަށް މީހުން ޒަޚަމްކޮށްލައިފި
ފްރާންސްގެ މިސްކިތެއްގެ ކައިރީ ބަޑި ޖަހާ އަށް މީހުން ޒަޚަމްކޮށްލައިފި

ޕެރިސް (ޖުލައި 3) - ފްރާންސްގެ ދެކުނުގެ މިސްކިތެއްގެ ބޭރުގައި ދިން ބަޑީގެ ހަމަލާތަކެއްގައި އަށް މީހުން ޒަޚަމްވެއްޖެ އެވެ.

އެވިގްނޮންގެ އައްރަހުމާން މިސްކިތުން ރޭ މީހުން ނަމާދުން ފައިބައިގެން ދަނިކޮށް ބަޑިޖަހަން ފެށީ މޫނު ނިވާކޮށްގެން ތިބި ދެ މީހެކެވެ. ފުލުހުން ބުނީ މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ނުބަލާ ކަމަށެވެ.

ހަމަލާގައި މިސްކިތުގެ ބޭރުން ވަނީ ހަތަރު މީހުން ޒަޚަމްވެފަ އެވެ. އަދި ހަމަލާ ދިން ހިސާބުގައިވާ އެޕާޓްމަންޓެއްގައި ތިބި އެއް އާއިލާގެ ހަތަރު މެންބަރަކު ވެސް ވަނީ ޒަޚަމްވެފަ އެވެ. އޭގެ ތެރޭގައި ހަތް އަހަރުގެ ކުޑަ ކުއްޖަކު ވެސް ހިމެނެ އެވެ. ޒަޚަމްވި މީހުންގެ ތެރޭން ދެ މީހަކަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހިފަ އެވެ. ބައެއް މީހުން ބުނި ގޮތުގައި ހަމަލާގެ އަމަޒަކީ މިސްކިތުން ފޭބި މީހުން ނޫން ކަމަށެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި ހަތިޔާރު ހިފައިގެން ތިބި ދެ މީހުން ވެހިކަލުން ފައިބައިގެން އަންނަތަން ފެނުމާ އެކު ބައެއް މީހުން ވަނީ ބިރުން ފިލަން ދުވެފަ އެވެ.

ބަޑީގެ ހަމަލާގެ ތަހުގީގު ވަނީ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ފަށައިފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެސް ވަނީ ޕެރިހުގެ މިސްކިތެއްގެ ކުރިމަތީ ތިބި ބައެއްގެ ގައިގައި ކާރަކުން ޖައްސަން އުޅުނު މީހަކު ހައްޔަރުކޮށްފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކު ޒަޚަމްވެފައެއް ނުވެ އެވެ.