03 ޖުލައި 2017 - 12:17

އިދިކޮޅު އެންމެން ގުޅިގެން އުފައްދާފައިވާ ކޯލިޝަން މިހާރު ވެސް އޮތީ ބައިބައިވެފައި ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވަކިކުރާނެ ހަކަތަ އެ މީހުންގެ ކިބައިގައި ނެތް ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
މަސީހު މަގާމުން ބޭރު ކުރުމުގެ މައްސަލަ ތިން ވަނަ ފަހަރަށް މިއަދު މަޖިލީހަށް ހުށަހަޅަން އިދިކޮޅު ފަރާތްތަކުން ވަނީ ނިންމައިފަ އެވެ.
ޚަލީލް ވިދާޅުވީ ކިތަންމެ ފަހަރަކު މަޖިލީހަށް އެ މައްސަލަ ވެއްދިއަސް މަސީހު މަގާމުން ވަތްކެއް ނުކުރެވޭނެ ކަމަށެވެ. މައްސަލަ ވެއްދުމުގެ ކުރިން، އެ މީހުން "ބަލިވެއްޖެ" ކަމަށް ވިދާޅުވި އެވެ.
"މަޖިލީހުގެ ރައީސަކަށް އަންނާނީ އެމްޑީޕީންތޯ، ޖުމްހޫރީ ޕާޓީންތޯ ނުވަތަ ރައީސް މައުމޫން ބޭނުންފުޅުވާ ބޭފުޅަކުތޯ އެ ބޭފުޅުންގެ ތެރޭގައި އެ ވަނީ ޚިޔާލު ތަފާތުވުން އުފެދިފައި. އެ ބޭފުޅުންގެ ތެރޭގައި ބައިބައިވުން ބޮޑު. މިފަހަރު ވެސް ކާމިޔާބުވުގެ ފުރުސަތެއް ނެތް،" ޚަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު އިރުއިރުކޮޅާ މަޖިލީހަށް ވައްދަނީ ގައުމު ހަލަބޮލި ކުރުމަށެވެ. ޕީޕީއެމް/އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުން އެކަން އެގޮތަށް ކުރިޔަ ނުދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޚަލީލް ވިދާޅުވީ މަސީހު ވަކިކުރަން ބޭނުންވާ އަދަދަށް މެމްބަރުން ހަމަވެފައިވާ ކަމަށް ވާހަކަ ދައްކަމުން ދަނީ ވެސް ރައްޔިތުންނަށް އޮޅުވާލަން ކަމަށެވެ. އިދިކޮޅު ފަރާތްތަކަށް އެއްވެސް މެމްބަރަކު އިތުރުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ދެ ފަހަރަށް މަސީހުގެ މައްސަލަ މަޖިލީހަށް ވެއްދި އެވެ. އެކަމަކު ދެ ފަހަރު ސަރުކާރު ކޯލިޝަނުން ވަނީ މައްސަލަ ފެއިލްކޮށްލައިފަ އެވެ.
އިދިކޮޅު ފަރާތްތަކުން ބުނެފައިވާ ގޮތުގައި މަޖިލީހަށް މިފަަހަރު މައްސަލަ ވައްދާނީ، ގަވާއިދު އިސްލާހުކޮށްފައިވާ ގޮތަށް 42 މެމްބަރުންގެ ސޮޔާ އެކުގަ އެވެ. އެ އަދަދަށް ސޮއި ހަމަވެފައިވާ ކަމަށް ވެސް އިދިކޮޅުގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.