ބާސެލޯނާ އަށް ބަދަލުވާން ބެލެރިން ބޭނުންވޭ: ޑެލޮފޭއު
ބާސެލޯނާ އަށް ބަދަލުވާން ބެލެރިން ބޭނުންވޭ: ޑެލޮފޭއު

ބާސެލޯނާ (ޖުލައި 3) - އާސެނަލަށް ކުޅެމުން އަންނަ ސްޕެއިނުގެ ފުލްބެކް ހެކްޓަ ބެލެރިން ބާސެލޯނާ އަށް ބަދަލުވާން ބޭނުންވާ ކަމަށް ދާދި ފަހުން އެ ޓީމާ އަލުން ގުޅެން ނިންމާފައިވާ ވިންގް ޖެރާޑް ޑެލޮފެއު ބުނެފި އެވެ.

ބާސެލޯނާ އަށް ބަދަލުވާން ބެލެރިން ބޭނުންވޭ: ޑެލޮފޭއު
ބާސެލޯނާ އަށް ބަދަލުވާން ބެލެރިން ބޭނުންވޭ: ޑެލޮފޭއު

އުމުރުން ނުވަ އަހަރުގައި ބާސެލޯނާ އެކެޑެމީއާ ގުޅުނު ޑެލޮފޭއު 2013 ވަނަ އަހަރު އެ ޓީމު ދޫކޮށްލީ ސީނިއާ ޓީމަށް ވެސް ކުޅެފަ އެވެ. އުމުރުން 23 އަހަރުގެ ޑެލޮފޭއު މިދިޔަ ސީޒަނުގެ ފަހު ކޮޅު ލޯން އެއްބަސްވުމެއްގެ ދަށުން ކުޅުނީ އޭސީ މިލާން އަށެވެ. ބާސެލޯނާ އިން އަލުން ޑެލޮފޭއު ގަންނަން ވަނީ 10 މިލިއަން ޕައުންޑްގެ އަގެއް ހުށަހަޅައިފަ އެވެ.

ޑެލޮފޭއު ގަންނަން ސްޕެއިނާއި އިޓަލީގެ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ބާސެލޯނާ އިން މިހާރު އަމާޒު ހިފާފައިވަނީ އެ ޓީމުގެ އެކެޑަމީން ކެރިއަރު ފެށި އާސެނަލްގެ ބެލެރިން ގެނައުމަށެވެ. މި ފަހަރު 21 އަހަރުން ދަށުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބެލެރިންއާ އެއް ޓީމަށް ކުޅުނު ޑެލޮފޭއު ބުނީ ބެލެރިން ބާސެލޯނާއާ ގުޅެން ބޭނުންވާ ކަމަށެވެ.

"އަހަރެން ގާތުގައި ބެލެރިން ބުނި ބާސެލޯނާ އަށް ބަދަލުވާން ބޭނުން ކަމަށް. އެކަމަކު އާސެނަލުން އޭނާ ވިއްކަން ބުނާ އަގު ބާސެލޯނާ އިން ނުދީފިނަމަ ގަދަ ބާރުން ކްލަބު ދޫކޮށްދާން ބެލެރިން ވެސް ބޭނުމެއް ނުވޭ،" ޑެލޮފޭއު ބުންޏެވެ.

ބާސެލޯނާގެ ޔޫތު ޓީމަށް ކުޅުމަށް ފަހު ބެލެރިން އާސެނަލަށް ބަދަލުވީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން އާސެނަލް ރިޒާވް ޓީމަށް ކުޅުމަށް ފަހު ފުރަތަމަ ޓީމުން މީގެ ދެ ސީޒަން ކުރިން ޖާގަ ހޯދުމަށް ފަހު، މިހާރު އުމުރުން 22 އަހަރުގެ ބެލެރިން އަކީ އާސެނަލްގެ ފުރަތަމަ އެގާރައިގައި ގަވާއިދުން ހިމެނޭ ކުޅުންތެރިއެކެވެ.

އާސެނަލުން ވަނީ ބެލެރިން އަކީ ނުވިއްކާ ކުޅުންތެރިއެއް ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް ރިޕޯޓްތައް ބުނާގޮތުން ބެލެރިންގެ ކޮންޓްރެކްޓް ބުނާގޮތުން 30 މިލިއަން ޕައުންޑަށް ވުރެ ބޮޑު ހުށަހެޅުމެއް ލިބިއްޖެނަމަ ކްލަބް ބަދަލުކުރުމުގެ އިހުތިޔާރް ބެލެރިން އަށް ލިބެ އެވެ.

ބާސެލޯނާ އިން ވަނީ މޮނާކޯ އަށް ކުޅޭ ބްރެޒިލްގެ ފުލްބެކް ފަބީނިއޯ ގަންނަން ކުރަމުން އައި މަސައްކަތް ހުއްޓާލައިފަ އެވެ.