ރެއާލް ދޫކޮށްލަން ބޭނުންވާ ކަމަށް ނުބުނަން: ރޮނާލްޑޯ
ރެއާލް ދޫކޮށްލަން ބޭނުންވާ ކަމަށް ނުބުނަން: ރޮނާލްޑޯ

މެޑްރިޑް (ޖުލައި 3) - ރެއާލް މެޑްރިޑް ދޫކޮށްލަން ބޭނުންވާ ކަމަށް އެއްވެސް އިރަކު ބުނެފައިނުވާނެ ކަމަށް އެ ޓީމަށް ކުޅޭ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ރޮނާލްޑޯ ޓެކްސް އަށް މަކަރު ހެދި ކަމުގެ ތުހުމަތުގައި ސްޕެއިނުގެ ޕްރޮސެކިއުޓަރުން ވަނީ އޭނާ އަށް ދައުވާކުރަން ހުށަހަޅައިފަ އެވެ. ރޮނާލްޑޯގެ ފަރާތުން އެ ތުހުމަތުތަށް ދޮގުކޮށްފައިވާއިރު އެއްވެސް މީހަކު އޭނާ ހިމާޔަތްނުކުރާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެ ކަމާ ގުޅިގެން ރޮނާލްޑޯ ރެއާލް ދޫކޮށްލަން ނިންމާފައިވާ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. އެހެން ނަަމަވެސް ރޮނާލްޑޯ ވަނީ އެކަން ދޮގުކޮށްފަ އެވެ.

"އަހަރެން ނުބުނަން ރެއާލް ދޫކޮށްލަން ބޭނުންވާ ކަމަށް. އަހަރެން ހަމައެކަނި ބުނީ އަހަންނަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަމެއް ނުދެއޭ ކުށްވެރިޔަކާ ދޭތެރޭގައި އަމަލުކުރާ ގޮތަށޭ އަހަންނާ މެދު އަމަލުކުރަނީ،" ސްޕެއިނުގެ އެލް ކޮންފިޑެންޝިއަލް އަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުންޏެވެ.

އޭނާ ބުނީ އިންގްލެންޑުގައި ޓެކްސްގެ މައްސަލައެއް ޖެހިފައިނުވާ ކަމަށާއި ސްޕެއިނުގައި ވެސް އެ ފަދަ މައްސަލައެއް ޖެހޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެއީ އަބަދުވެސް އޭނާގެ ޓެކްސް ކަންތައްތައް ބަލަމުންދަނީ އޭނާގެ އޭޖެންޓްގެ ބެލުމުގެ ދަށުން ކަމަށް ވާތީ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ ވަނީ މި ކަންތައް ހައްލުކުރުމުގެ ގޮތުން ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒަށް ތިން ކަމެއް ހުށަހަޅައިފަ އެވެ. އެއީ ސްޕެއިނުގެ ޕްރޮސެކިއުޓަރުން ތުހުމަތުކުރާ ރޮނާލްޑޯ ޓެކުހަށް މަކަރު ހެދި ކަމަށް ބުނާ 14 މިލިއަން ޔޫރޯ ދެއްކުމާއި މުސާރަ ބޮޑުކޮށް އިތުރު ކޮންޓްރެކްޓެއް އޭނާ އަށް ދިނުމުގެ އިތުރުން ޓެކްސް މައްސަލައިގައި ރޮނާލްޑޯގެ ބްރޭންޑް ސީއާރް7 އަށް ލިބުނު ގެއްލުމުގެ ބަދަލުގައި ރެއާލުން މީޑިއާ ކެމްޕެއިނެއް ހިންގައިދިނުމެވެ.

ކޮންފެޑެރޭޝަން ކަޕްގެ ތިން ވަނަ އިއްޔެ ޕޯޗުގަލް އިން ހޯދިއިރު، ރޮނާލްޑޯ އިއްޔެގެ މެޗުގައި ނުކުޅެ އެވެ. ދާދި ފަހުން ރޮނާލްޑޯ އަށް އެއްމާބަނޑު ދެ ކުދިން ލިބުމާ އެކު ޕޯޗުގަލްގެ ފުޓްބޯޅަ އިދާރާއިން ވަނީ އާއިލާއާ އެކު ވަގުތު ހޭދަކުރުމުގެ ގޮތުން ރޮނާލްޑޯ އަށް ޗުއްޓީދީފަ އެވެ.