ކޮންފެޑެރޭޝަންސް ކަޕް ޖަރުމަން ކާމިޔާބުކޮށްފި
ކޮންފެޑެރޭޝަންސް ކަޕް ޖަރުމަން ކާމިޔާބުކޮށްފި

ސެއިންޓް ޕީޓާސްބާގް، ރަޝިއާ (ޖުލައި 3) – ދެކުނު އެމެރިކާގެ ޗެމްޕިއަން ޗިލީ އަތުން 1-0 އިން މޮޅުވެ ފީފާ ކޮންފެޑެރޭޝަންސް ކަޕުގެ ޗެމްޕިއަންކަން ޖަރުމަނުން ފުރަތަމަ ފަހަރަށް ރޭ ހޯދައިފި އެވެ.

ޖަރުމަނުގެ 23 އަހަރުން ދަށުގެ ކުޅުންތެރިންތަކެއް ހިމެނޭ ޓީމަކުން މުބާރާތް ކާމިޔާބުކުރި އިރު އެ ގައުމުގެ 21 އަހަރުން ދަށުގެ ޓީމު ވަނީ މި ހަފުތާގައި 21 އަހަރުން ދަށުގެ ޔޫރޯ ކާމިޔާބުކޮށްފަ އެވެ. މީގެ ތިން އަހަރު ކުރިން ވޯލްޑް ކަޕް އުފުލާލި ސީނިއާ ޓީމުގެ ކުޅުންތެރިންގެ ތެރެއަށް މި ދެ ޓީމުގެ ހުނަރުވެރިން އިތުރުކުރުމާ އެކު އަންނަ އަހަރުގެ ވޯލްޑް ކަޕާ މެދު އެ ގައުމަށް އިތުރު ޔަގީންކަމެއް ލިބޭނެ އެވެ.

ގޯލްކީޕަރު މެނުއަލް ނޯޔާ އާއި މެސުތު އޮޒިލާއި ޓޯނީ ކްރޫޒާއި ތޯމަސް މުލާ ފަދަ ކުޅުންތެރިން ނެތި ވެސް ޖަރުމަނުން މި ހޯދި ކާމިޔާބަށް ގިނަ ބަޔަކު އަންނަނީ ތައުރީފްކުރަމުންނެވެ.

އެކަމަކު ރޭގެ މެޗުގައި ޗިލީން ވަނީ މޮޅު ކުޅުމެއް ދައްކައި އެ ޓީމަށް ވެސް ދުނިޔޭގެ އެންމެ މަތީ ފަންތީގައި ވާދަކުރެވޭނެކަން ސާބިތުކޮށްދީފަ އެވެ. އެލެކްސިސް ސަންޗޭޒާއި އާޓޫރޯ ވިޑާލާއި ކްލައުޑިއޯ ބްރާވޯ ފަދަ ކުޅުންތެރިން ހިމެނުނު ޗިލީ ޓީމުން ވަނީ ޖަރުމަނުން 20 ވަނަ މިނެޓުގައި ލީޑު ނެގުމާ ހަމައަށް މުޅި މެޗު ކޮންޓްރޯލްކޮށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ.

ޖަރުމަނަށް ލިބުނު ފުރަތަމަ ރަނގަޅު ފުރުސަތުގައި އެ ޓީމަށް 20 ވަނަ މިނެޓުގައި ލަނޑު ޖަހައިދިނީ ލާސް ސްޓިންޑީލް އެވެ. މިއީ ޗިލީގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޖަރުމަނުން ޖެހި ގޯލެކެވެ. ޗިލީ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޖަރުމަނުން ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ގޯލެއް ނުޖެހީ ކިރިޔާ އެވެ.

ޖަރުމަނުގެ ކެޕްޓަން ހޫލިއަން ޑްރެޒެލާ ބުނީ އެ ޓީމުން ވަރަށް ބުރަކޮށް މަސައްކަތްކުރި ކަމަށާއި މިއީ ހައްގު ކާމިޔާބެއް ކަމަށެވެ.

"ކޮންމެ ތަށްޓެއް ވެސް ހާއްސަވާނެ. އެކަމަކު މި ޒުވާން ޓީމާ އެކު މި ތަށި އިތުރަށް ހާއްސަ،" އޭނާ ބުންޏެވެ.

ޗިލީގެ ކެޕްޓަން ބްރާވޯ ބުނީ ދެ ޓީމުގެ މެދުގައި މާބޮޑު ތަފާތެއް ނެތް ކަމަށާއި ބަލިވުމުން މާޔޫސްވިޔަސް ދުނިޔޭގެ ފެންވަރުގެ ޓީމަކާ ދެކޮޅަށް ކުޅެ ހެދުނު ގޯސްތަކުން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށެވެ.

މުބާރާތުގެ ތިން ވަނަ ހޯދީ ތިން ވަނަ ހޮވި މެޗުގައި އިއްޔެ މެކްސިކޯ އަތުން 2-1 އިން މޮޅުވި ޔޫރަޕުގެ ޗެމްޕިއަން ޕޯޗުގަލެވެ. މެޗުގެ 54 ވަނަ މިނެޓުގައި ޕޯޗުގަލްގެ ނެޓޯ އަތުން ބައިކޮޅަށް ވަން ލަނޑާ އެކު މެކްސިކޯ މޮޅުވާން ދަނިކޮށް ޕޯޗުގަލަށް އިތުރު ވަގުތުގެ ތެރޭ އެއްވަރުކޮށްދިނީ ޕެޕޭ އެވެ. ޕޯޗުގަލް މޮޅުވީ ނަތީޖާ ނެރެން ކުޅުނު 15 މިނެޓުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި އެޑްރިއެން ޖެހި ގޯލުންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ޖަރުމަނުގެ ޑްރެޒްލާ ހޯދިއިރު ދެ ވަނަ އަށް އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޗިލީގެ ސަންޗޭޒެވެ. އަދި ތިން ވަނަ ކުޅުންތެރިއަކީ ޖަރުމަނުގެ ލެއޮން ގޮރެޓްޒްކާ އެވެ. ރަންބޫޓް ހާސިލްކުރީ ތިން ލަނޑު ޖަހައި ދެ ލަނޑު ޖަހަން މަގުފަހިކޮށްދިން ޖަރުމަނުގެ ޓިމޯ ވާނާ އެވެ. އެންމެ މޮޅު ކީޕަރަކަށް ހޮވުނީ ޗިލީގެ ބްރާވޯ އެވެ.

ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ފީފާ އިން 1992 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ހަތަރު ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލެވެ. ފްރާންސް ދެ ފަހަރު ކާމިޔާބުކޮށްފައިވާއިރު އާޖެންޓީނާ، މެކްސިކޯ، ޖަރުމަން އަދި ޑެންމާކުގެ ތެރެއިން ކޮންމެ ޓީމެއް ވަނީ އެއް ފަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ.