ވަޔާ ޖެހުނު ދޮރުން މީހެއްގެ އިނގިލިތައް ބުރިވެއްޖެ
ވަޔާ ޖެހުނު ދޮރުން މީހެއްގެ އިނގިލިތައް ބުރިވެއްޖެ

ތ. މަޑިފުށީގައި މިއަދު ބާރު ވަޔާ އެކު ލެއްޕުނު ދޮރާއި ދޮރުކަންޏާ ދޭތެރޭ ފިތިގެން އަންހެނެއްގެ ތިން އިނގިލި ބުރިވެއްޖެ އެވެ.

މަޑިފުށީ ކައުންސިލް މެމްބަރު އަލީ ހަސީން ވިދާޅުވީ އުމުރުން 82 އަހަރުގެ އަންހެން މީހާ، އޭނާގެ ގޭގެ ބޭރު ދޮރުގެ ދޮރުކަނީގައި އަތް ވިދެލައިގެން ހުއްޓައި، ބާރު ވަޔާއެކު ދޮރު ޖެހި އިނގިލިތައް އެއްކޮށްހެން ވަކިވެފައިވާ ކަމަށެވެ.

އަންހެން މީހާ އަށް ފަރުވާ ދިނުމަށް ފުރަތަމަ ގެންދިޔައީ އެ ރަށު ސިއްހީ މަރުކަޒަށެވެ.

އެކަމަކު އެތަނުގައި ޑޮކްޓަރަކު ނެތުމުން، އޭނާ އަށް ފަރުވާ ދިނީ އެ އަތޮޅު ދިޔަމިގިލީ ސިއްހީ މަރުކަޒުގެ ޑޮކްޓަރު މަޑިފުއްޓަށް ގެންގޮސްގެންނެވެ. ނަމަވެސް ލޭ މަނާނުވާތީ، އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި އެ އަންހެން މީހާ މިއަދު މެންދުރު ފަހު މާލެ ގެނެސްފައިވާ ކަމަށް ހަސީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަންހެން މީހާގެ ހާލު މިހާރު ރަނގަޅެވެ.