ދައުވާ ނުކޮށް ދޫކޮށްލުމާ މެދު ލަފާ ދޭން ޕީޖީ އޮފީހުން އާ ކޮމެޓީއަށް އުފައްދައިފި
ދައުވާ ނުކޮށް ދޫކޮށްލުމާ މެދު ލަފާ ދޭން ޕީޖީ އޮފީހުން އާ ކޮމެޓީއަށް އުފައްދައިފި

ކުދި ކުށްތައް ކުރާ ފަރާތްތަކުގެ ތެރެއިން ނަސޭހަތް ދިނުމަށް ފަހު، ދައުވާ ނުކޮށް ދޫކޮށްލާނެ މީހުން ކަނޑައެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ލަފާ ދޭން ޚާއްސަ ކޮމެޓީއެއް ޕީޖީ އޮފީހުން މިއަދު އުފައްދައިފި އެވެ.

މިއަދު އަމަލުކުރަން ފެށި ޖިނާއީ އިޖްރާއަތުގެ ގާނޫނު ބުނާ ގޮތުން ކުދި ކުށްތައް ކުރާ ފަރާތްތަކުގެ ތެރެއިން ވަކި ޝަރުތުތަކެއް ފުރިހަމަވާ މީހުންނަށް ނަސޭހަތް ދިނުމަށް ފަހު، ދައުވާ ނުކޮށް ދޫކޮށްލުމުގެ ބާރު ޕީޖީއަށް ލިބިގެންވެ އެވެ. އެހެންކަމުން، އެ ގާނޫނު އައުމުގެ ކުރިން ޕީޖީ އޮފީހުން ހިންގަމުން އައި އިތުރު ފުރުސަތު ޕްރޮގްރާމްގެ މި ގާނޫނާ އެކު ވަނީ އުވިފަ އެވެ.

ޕީޖީ އޮފީހުން މިއަދު އަމަލުކުރަން ފަށާފައިވާ ޖިނާއީ އިޖްރާއަތުގެ ގަވާއިދު ބުނާ ގޮތުން ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ބުނާ ގޮތުގެ މަތިން ނަސޭހަތް ދިނުމަށް ފަހު، ދައުވާ ނުކޮށް ދޫކޮށްލުމާ މެދު ގޮތެއް ނިންމާނީ ޕީޖީ އޮފީހުގައި އޮންނަ ކޮމެޓީއަކުން އެ މައްސަލައެއް ދިރާސާ ކުރުމަށް ފަހު އެ ކޮމެޓީން ދޭ ލަފާގެ މައްޗަށް ބިނާކޮށް ޕީޖީ އެވެ.

އެ ކޮމެޓީގައި ތިބޭނީ ޕީޖީ އޮފީހުގެ ޕްރޮސެކިއުޝަނާ ބެހޭ ޔުނިޓްތަކުގެ ވެރިންނާއި އެ އޮފީހުގެ ވިކްޓިން ސަޕޯޓް ޔުނިޓުގެ ވެރިޔާ އެވެ. އެ ކޮމެޓީގެ ރިޔާސަތު ބަލަހައްޓާނީ ކޮންމެ ތިން މަހުން އެއް ފަހަރު ބަދަލުވާ ގޮތަށް ޑެޕިއުޓީ ޕީޖީ އެކެވެ.

އެ އުސޫލުގެ ދަށުން މީހަކަށް ދައުވާ ނުކުރަން ނިންމާ ނަމަ އެކަމުގެ އެއްބަސްވުމުގައި ތުހުމަތުކުރެވޭ މީހާ އާއި ޕީޖީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރާނެ އެވެ. އެ އެއްބަސްވުމުގައި ބަޔާންކުރާ ޝަރުތުތަކާ ޚިލާފް ނުވާ ނަމަ އެ މީހަކަށް ދައުވާ ނުކުރާނެ ކަމުގެ ޔަގީންކަން އޮންނާނެ އެވެ. އޭގެ ބަދަލުގައި ޝަރުތާ ޚިލާފްވެއްޖެ ނަމަ އެ މީހަކަށް ދައުވާ ކުރުމުގެ ބާރު ޕީޖީ އަށް އޮވެ އެވެ.

އެ ގަވާއިދުގައި ވާ ގޮތުން ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ބުނާ ގޮތުގެ މަތިން ކުށަށް އިއުތިރާފްވާ ފަރާތްތަކުގެ އަދަބު ލުއިކޮށްދޭން ކޯޓުގައި އެދުމަށް ޕީޖީން އެއްބަސްވުމަކަށް އަންނާނީ ތަހުގީގު ކުރާ ފަރާތުން ޕީޖީ އޮފީހުގެ ޑިއުޓީ ޕްރޮސެކިއުޝަނަށް ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށެވެ. ޑިއުޓީ ޕްރޮސެކިއުޝަނަކީ ތަހުގީގު ހިނގަމުން ދާއިރު ތަހުގީގީ އިދާރާތަކާއި ޕީޖީ އޮފީހާ ދެމެދު އެ މައްސަލައެއްގެ މައުލޫމާތު ބަދަލުކުރުމަށް އޮންނަ އުސޫލެކެވެ.

އެ ގަވާއިދު ބުނާ ގޮތުން ބަންދުގައި ހުރި މީހަކާ ބެހޭ ގޮތުން އެފަދަ ހުށަހެޅުމެއް ހުށަހަޅާ ނަމަ އެ މީހެއްގެ ބަންދާ މެދު ފުރަތަމަ ގޮތެއް ނިންމި ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހޭނެ އެވެ. އަދި ބަންދެއްގައި ނެތް މީހެއް ނަމަ އެ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމަން ފުރަތަމަ ގެންދިޔަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ހުށަހެޅުން ޕީޖީ އަށް ހުށަހަޅަން ގަވާއިދު ލާޒިމް ކުރެ އެވެ.

އެ އުސޫލުން މީހެއްގެ އަދަބު ލުއިކުރަން އެދުމަށް ޕީޖީން އެއްބަސްވެއްޖެ ނަމަ އެ މައްސަލައެއްގައި ދައުވާ ކުރަން ތަހުގީގީ އިދާރާއިން ޕީޖީ އަށް ފޮނުވަން ޖެހޭނެ އެވެ. އަދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާތާ ފަސް ދުވަހުގެ ތެރޭގައި އެ މައްސަލައެއް ކޯޓަށް ހުށަހަޅަން އެ ގަވާއިދު ލާޒިމް ކުރެ އެވެ.