ބައްޕަ އަހަންނަށް ވުރެ މާ ރީތި: އަތިޔާ ޝެޓީ
ބައްޕަ އަހަންނަށް ވުރެ މާ ރީތި: އަތިޔާ ޝެޓީ

"މުބާރަކާން" ގެ ބަތަލާ އަތިޔާ ޝެޓީ ގަބޫލުކުރާ ގޮތުގައި އޭނާއަށް ވުރެ ބައްޕަ ސުނިލް ޝެޓީ މާ ރީއްޗެވެ. ނަމަވެސް ސުނިލް ބުނަނީ އެއީ ކޮންމެވެސް މަގްސަދެއް ހާސިލުކުރަން ވައިޖަހަންވެގެން ދަރިފުޅު ދައްކާ ވާހަކައެއް ކަމަށެވެ.

މި ވާހަކަތައް ދެބަފައިން ދެއްކީ ސޯޝަލް މީޑިއާގަ އެވެ. އެންމެ ފުރަތަމަ އަތިޔާ ވަނީ އޭނާގެ ބަައްޕައާ އެކު ނަގާފައިވާ ސެލްފީއެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފަ އެވެ.

ދަރިންނަށް ވުރެ މައިންބަފައިން ރީތިކަމަށް އަތިޔާ ލިޔުނެވެ. އޭނާގެ މި ޕޯސްޓަށް ސުނިލް ވަރަށް އަވަހަށް ޖަވާބު ދިނެވެ. އޭނާ ބުނީ އެ އުޅެނީ ހައްދަން ވެގެން ކަމަށެވެ.

ސުނިލް އަކީ ރީތި ފިރިހެނެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ޚާއްސަކޮށް އޭނާގެ އަލަށް ފަށަން އުޅޭ ރިއަލިޓީ ޝޯ "އިންޑިއާޒް އަސްލީ ޗެމްޕިއަން" އަށްޓަކައި އޭނާގެ ސިފައަށް ގެނައި ބަދަލުން ގިނަ ބަޔަކު ދަނީ ސުނިލް އަށް ތައުރީފުކުރަމުންނެވެ.

އެންޑް ޓީވީގެ މި ރިއަލިޓީ ޝޯގެ ޝޫޓިން މިހާރު ކުރިޔަށް ދާއިރު ސުނިލް ފެންނަނީ ކުރިޔަށް ވުރެ މާ ޒުވާންވެފައި ތާޒާކޮށެވެ. އޭނާ ބުނި ގޮތުގައި އޭނާގެ އުމުރުގެ ގިނަ އެކްޓަރުން ގޮތަށް މާ ޒުވާން މީހުންގެ ރޯލުތައް ކުޅޭކަށް ބޭނުމެއް ނޫނެވެ. އޭނާ ބޭނުމީ އޭނާގެ އުމުރުގެ މީހުންގެ ރޯލުތައް ކަމަށް ބުންޏެވެ.

"އަހަރެން ބޭނުންވަނީ ބައްޕައެއްގެ ރޯލު ނުވަތަ އޮފިސަރެއްގެ ރޯލު ކުޅެން. ގަސްގަހުގެ ވަށައިގެން އެނބުރި ނަށާ، ލަވަކިޔާ ރޮމެންޓިކް ރޯލުތައް ކުޅޭކަށް ބޭނުމެއް ނޫން،" ސުނިލް ބުންޏެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި ކޮންމެ އުމުރެއްގައި ވެސް އޭގެ އަމިއްލަ ރީތި ސިފަތަކެއް ވޭ. އެހެންވެ އެ އުމުރެއްގެ މީހުން އެ އުމުރެއްގެ ރޯލުތައް ކުޅުން މާ ރަނގަޅުކަމަށް އަހަރެން ދެކެނީ."

ސުނިލްގެ ދެ ދަރިންގެ ތެރެއިން އަންހެން ދަރިފުޅު އަތިޔާ ވަނީ "ހީރޯ"އިން ފިލްމީ ދުނިޔެއަށް ނުކުމެފަ އެވެ. މިހާރު އަންނަނީ އަނިލް ކަޕޫރާއި އަރްޖުން ކަޕޫރާ އެކު "މުބާރަކަން" ކުޅެމުންނެވެ. ފިރިހެން ދަރިފުޅު އަހާން ޝެޓީ ވެސް އަންނަނީ ފިލްމު ކުޅެން ތައްޔާރުވަމުންނެވެ.