ވަންޕްލަސް 5 "ޖެލީ ސްކްރޯލިން": ބޮޑު މައްސަލައެއް ނޫން
ވަންޕްލަސް 5 "ޖެލީ ސްކްރޯލިން": ބޮޑު މައްސަލައެއް ނޫން

ވަންޕްލަސް 5 ގައި އުޅެނީ ބޮޑު މައްސަލައެއް ނޫނެވެ. ވަންޕްލަސް ކުންފުނިން ބުނަނީ އެހެންނެވެ. އެކަމަކު ފޯނު ބޭނުންކުރާ މީހުންނަށް އެއީ ބޮޑު އުނދަގުލެކެވެ. އެ ކަމާ ޝަކުވާކުރާ މީހުން ހައްތާ ވަނީ ގިނަ އެވެ.

ވަންޕްލަސް 5ގެ ޑިސްޕްލޭގައި އިނގި ޖައްސައި މައްޗަށް ކޮށްޕާލުމުން، ސްކްރީންނުން ފެންނަ މަންޒަރު ޖެލީގަނޑެންހެން ދެމިގަނެ އެވެ. އެކަން ވަނީ ބަލަން އުނދަގޫ ކަމަކަށެވެ. ލޮލަށް ފަސޭހަ ނޫން އެނިމޭޝަނެއް ގޮތަށް ފެންނާތީ އެއީ އާދަޔާ ޚިލާފު ކަމެއް ކަމަށް ގިނަ މީހުން ގަބޫލުކުރެ އެވެ.

ވަންޕްލަސް ކުންފުނިން ފުރަތަމަ ބުނީ އެއީ އާދައިގެ ކަމެކޭ އެވެ. އެއީ ފަހަރުގައި ސޮފްޓްވެއާ އަޕްޑޭޓްކުރުމުން ރަނގަޅުވެދާނެ ކަމެއް ކަމަށް ފެންނާތީ ބުނި ބުނުމަކަށް ވެދާނެ އެވެ. އެކަމަކު އެއީ އާދައިގެ ކަމެއް ނޫންކަން ކަށަވަރުކުރެވޭ ވަރަށް ހެކި ފެންނަން އެބަ ހުއްޓެވެ.

ވަންޕްލަސް 5 ޑިސްޕްލޭގައި އުޅޭ ޖެލީ ސްކްރޯލިން މައްސަލަ ކޮންމެ ފޯނަކަށް ދިމައެއް ނުވެ އެވެ. ބޭނުންކުރާ މީހުން އެކި ގޮތް ގޮތުން ކުރި ތަހުގީގު ނަތީޖާއަކާ ހަމަ އަށް ދެވިފައި ވާއިރު، ބޮޑަށް ބުރަވެވެނީ އެއީ ޑިސްޕްލޭ އެކޮޅުކޮޅުން އަޅުވާފައި ވާތީ ދިމާވާ ކަމެއް ކަމަށެވެ. މާނަ އަކީ ފޯނު އުފައްދައި ޑިސްޕްލޭ އެޅުވުމުގެ މަރުހަލާގަައި ހާޑްވެއާގެ ކޮޅު ބަދަލުވެފައި ވުމެވެ. ނޫން ނަމަ ވަންޕްލަސް އިން "މޮޅު ކަމެއް" ކުރަން އުޅެނިކޮށް ވެފައި ހުރި ކަމެއް ކަމަށެވެ.

ފޯނުގައި ޑިސްޕްލޭ އެކޮޅުކޮޅުން އަޅުވާފައި ވަނީ ވަންޕްލަސް ގަސްދުގައި ކަމަށް ވާ ނަމަ، ވާދަވެރިންގެ ފޯނެއްގައި ނެތް ކަމެއް ވަންޕްލަސް އިން ތައާރުފުކުރަން މަސައްކަތްކުރަނީ އެވެ.

ވަންޕްލަސްގެ އިންޖިނޭރުންނަށް ފުރަތަމަ ދުވަހު ޖެލީ ސްކްރޯލިން މައްސަލައަކަށް ނުވި ނަމަވެސް، މިހާރު ބުނަނީ އެކަމާ ވިސްނަމުން އަންނަ ކަމަށެވެ. މާނަ އަކީ އިންޖިނޭރުން ފިކުރުބޮޑުވީ އެވެ.

އެއީ ހަގީގަތުގައި ވެސް ޑިސްޕްލޭ އެކޮޅުކޮޅުން އެޅުވިގެން ޖެހިފައި ހުރި މައްސަލައެއް ނަމަ، ވަންޕްލަސްގެ އިންޖިނޭރުންނަށް އެ ކަމެއް ރަނގަޅެއް ނުކުރެވޭނެ އެވެ. އެކަން ކޮޓްރޯލްކުރުމަށް ފޯނުގެ ސޮފްޓްވެއާ އަށް ބަދަލުތަކެއް ގަނައުމުގެ އިތުރުން މިހާރު ދެން ކުރެވޭނެ ކަމެއް ނެތެވެ.