23 ޖޫން 2016 - 13:25

މަޝްރޫއު އިއުލާން ކުރިތާ ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން، ގއ. ވިލިނގިލީ މަގުތަކުގައި މިއަދު ތާރު އަޅަން ފަށައިފި އެވެ.

ވަރަށް ބޮޑަށް ހަލާކުވެފައިވާ ވިލިނގިލީ މަގުތަކުގައި ތާރު އަޅަން ނިންމީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. އެ މަސައްކަތް ފެށުމަށް އޭރު އެ ރަށުގެ މަގުތައް ވެސް ކޮނުނެވެ. އެހެންވެ، މަގުތަކުގައި ތާރު އަޅަން މިއަދު މި ފެށީ މަސައްކަތް ލަސްވަމުންދާތީ އެކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރަނިކޮށެވެ.

ވިލިނިގިލީ ކައުންސިލް މެމްބަރު މުހައްމަދު ފާރޫގު ވިދާޅުވީ އެ ރަށުގެ 16 މަގެއްގައި ތާރު އަޅަން ނިންމާފައިވާ އިރު މިއަދު މަސައްކަތް ފެށީ ސްކޫލު ކައިރީގައި އޮންނަ ހަނި މަގެއްގައި ކަމަށެވެ. އެކަމަކު މަސައްކަތް ފެށުމާއެކު ވިއްސާރަކުރަން ފެށުމުން ތާރު އެޅުމުގެ މަސައްކަތް މި ވަގުތަށް މެދުކަނޑާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރެއިންސުރެ ވަރަށް ވިއްސާރަކޮށް އުޅެނީ. ވާރެއާ ހެދި މި ވަގުތު މަސައްކަތް މެދު ކަނޑާލާފައި އޮތް ނަމަވެސް މަގުތައް ހިކުމާ އެކު އަނެއްކާ ވެސް ފަށާނަން،" އޭނާ ވިދާޅުވި އެވެ.
އާބާދީގައި ގާތްގަނޑަކަށް 5،000 މީހުން ދިރިއުޅޭ ވިލިނގިލީގެ މަގުތައް އެހެން ގިނަ ރަށްރަށާ އަޅައިބަލާއިރު ބޮޑެއްޗެވެ.
ފާރޫގު ވިދާޅުވީ ދުއްވާ އެއްޗެހި ގިނަ އެ ރަށުގެ މަގުތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށާއި އޭގެ ސަބަބުން އެކްސިޑެންޓުވުން ފަދަ ގިނަ ކަންތައްތައް ހިނގާ ކަމަށެވެ. އަދި ވާރޭ ވެހޭ އިރު މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވިލިނގިލީގައި ތާރު އަޅާ ހުރިހާ މަގެއްގައި ހެން މިހާރު ވަނީ ސިމެންތި އަޅާފަ އެވެ. ތާރު އަޅަނީ އަށް އިންޗި އަށް ކޮނެ، އޭގެ މައްޗަށް ސިމެންތި އެޅުމަށް ފަހު އެވެ.
އެމްއާރުޑީސީން ސްރީލަންކާގެ ކުންފުންޏަކާ ހަވާލު ކޮށްގެން އެ މަސައްކަތް ކުރި އަށް ގެންދާއިރު މަގުތައް ހަދަނީ ވިއްސާރައިގެ ސަބަބުން މަގުތަކުގައި ބޮޑުވާ ފެން ފަސޭހަ އިން ހިނދޭނެ ގޮތަކަށެވެ. އަދި ވެހިކަލްތަކަށް ފަސޭހަ އިން ދުއްވޭ އިރު މީހުން ހިނގަން ވެސް މަގުގެ ވަކި ބައެއް ހާއްސަ ކުރާނެ އެވެ.
ވިލިނގިލީގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި ވެސް ތާރު އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.