ސައުލް ނުވަ އަހަރަށް ކޮންޓްރެކްޓް އާކޮށްފި
ސައުލް ނުވަ އަހަރަށް ކޮންޓްރެކްޓް އާކޮށްފި

މެޑްރިޑް (ޖުލައި 2) – އެތުލެޓިކޯ މެޑްރިޑުގެ ސްޕެއިން މިޑްފީލްޑަރު ސައުލް ނިގުއޭޒް އެ ކްލަބާ އިތުރު ނުވަ އަހަރު މަޑުކުރުމަށް ކޮންޓްރެކްޓް އާކޮށްފި އެވެ.

މިއީ ފަހަކަށް އައިސް މަޝްހޫރު ކުޅުންތެރިއަކު އެންމެ ދިގު މުއްދަތަކަށް ކޮންޓްރެކްޓް އާކުރި ފުރަތަމަ ފަހަރެވެ. އާއްމުކޮށް ކުޅުންތެރިން ކޮންޓްރެކްޓް އާކުރަނީ ހަތަރު އަހަރު ނުވަތަ ފަސް އަހަރުގެ މުއްދަތަކަށެވެ.

އެތުލެޓިކޯއާ ވާދަވެރި ރެއާލް މެޑްރިޑުގެ ޖޫނިއާ ޓީމާ އެންމެ ފުރަތަމަ ގުޅުނު ސައުލް އެތުލެޓިކޯގެ އެކަޑަމީއާ ގުޅުނީ 2008 ގަ އެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން އަންނަނީ ސީނިއާ ޓީމަށް ކުޅެމުންނެވެ. އާ ކޮންޓްރެކްޓާ އެކު 2026 ވަނަ އަހަރުގެ ނިޔަލަށް އޭނާ އެ ކްލަބުގައި މަޑުކުރާނެ އެވެ.

ސްޕެއިން ސީނިއާ ޓީމުގައި ވެސް ހިމެނޭ ސައުލް އަކީ ނިމިގެން ދިޔައީ 21 އަހަރުން ދަށުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާ އެވެ. މުބާރާތުގެ ފައިނަލުން ޖަރުމަން އަތުން 1-0 އިން ސްޕެއިން ބަލިވި ނަމަވެސް ސައުލް ވަނީ ތަފާތު ދައްކައިފަ އެވެ. އެގޮތުން ސެމީ ފައިނަލުގައި އޭނާ އިޓަލީ ކޮޅަށް ހެޓްރިކެއް ވެސް ހެދި އެވެ.

ސައުލް ގެންދަން ސްޕެއިނުގެ ބާސެލޯނާ އިން ވެސް މަސައްކަތްކުރި އެވެ. އުމުރުން 22 އަހަރުގެ ސައުލް އަކީ ބާސެލޯނާގެ އާ ކޯޗު އާނެސްޓޯ ވަލްވާޑޭގެ ފުރަތަމަ އޮޕްޝަން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އަދި އޭނާ ގެންނަން ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ ވެސް ބޭނުންވި ކަމަށްވެ އެވެ.