އަހަންނަކީ އެއްވެސް އިރެއްގައި މޮޅު އެކްޓަރެއް ނޫން: ރާކޭޝް ރޯޝަން
އަހަންނަކީ އެއްވެސް އިރެއްގައި މޮޅު އެކްޓަރެއް ނޫން: ރާކޭޝް ރޯޝަން

ރާކޭޝް ރޯޝަން މިހާރު ގިނަ ބަޔަކު ދަންނަނީ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަންގެ ބައްޕަގެ ހައިސިއްޔަތުންނެވެ. ނަމަވެސް އެއް އިރެއްގައި އެއީ ބަތަލެކެވެ. މިއީ މިހާރުގެ ޕްރޮޑިއުސަރު/ޑައިރެކްޓަރު ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާތާ 50 އަހަރު ފުރޭ އަހަރެވެ.

އަހަންނަކީ އެއްވެސް އިރެއްގައި މޮޅު އެކްޓަރެއް ނޫން: ރާކޭޝް ރޯޝަން
އަހަންނަކީ އެއްވެސް އިރެއްގައި މޮޅު އެކްޓަރެއް ނޫން: ރާކޭޝް ރޯޝަން

މިއުޒިކް ޑައިރެކްޓަރު ރޯޝަންލާލް ނާގްރާތުގެ ދަރިއެއް ކަމަށްވާ ރާކޭޝް ރޯޝަން އެކްޓަރެއްގެ ގޮތުން ބޮލީވުމަށް ތައާރަފްވީ 1970ގައި ނުކުތް "ގަރް ގަރް ކީ ކަހާނީ" އިންނެވެ. އޭގެ ކުރިން ހަތަރު އަހަރު އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި އެވެ.

ރާކޭޝް ކުޅެފައިވާ ގިނަ ފިލްމުތައް ކާމިޔާބަސް އެކްޓަރެއްގެ ގޮތުގައި ގިނަ ބަޔަކު އޭނާ ބަލައެއް ނުގަނެ އެވެ. ވަކި ހިސާބަކުން ފިލްމު ކުޅުމުގެ ފުރުސަތު ލިބުން ވެސް ހުއްޓުނެވެ. އެހެންވެ ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރުމުގެ މަސައްކަތަށް ނުކުތީ އެވެ. އެއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"އޭރު ވެސް އަންބަކާއި ދެ ދަރިން ތިބި. އެހެންވެ އެމީހުންގެ ޚަރަދު ބަރަދު ބަލަހައްޓާނެ ގޮތަކާ ދޭތެރޭ ވެސް އޭރު އޮތީ ވަރަށް ފިކުރުކުރަން ޖެހިފައި. ނަމަވެސް ކޮންމެވެސް ގޮތަކަށް އެ މައްސަލަތައް ހައްލު ކުރެވުނު. ފަހަރެއްގައި އަހަރެންގެ ތަގްދީރުގައި ވަނީ ޕްރޮޑިއުސަރު/ޑައިރެކްޓަރަކަށް ވާން ކަމަށް ވީތީ އެގޮތަކަށް ދިމާވީ ކަންނޭނގެ،" ރާކޭޝް ބުންޏެވެ.

އޭނާ ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ މަޝްހޫރުވީ ހެމާ މާލިނީ ބަތަލާއަކަށް އުޅޭ "ޕަރާޔާ ދަން" އާއި ބާރްތީއާ އެކު ކުޅުނު "އާންކް މިޗޯލީ" އަދި ރޭކާއާ އެކު "ޚޫބްސޫރަތު" އެވެ.

އެ ދުވަސްވަރުގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ރާކޭޝް ކަންނާ އާއި ސަންޖީވް ކުމާރުގެ ފިލްމުތަކުގައި ސަޕޯޓިން އެކްޓަރެއްގެ ރޯލު ވެސް ރާކޭޝް ކުޅުނެވެ.

ރާކޭޝް، 67، ބުނި ގޮތުގައި އެއްވެސް އިރެއްގައި އެންމެ މޮޅު އެކްޓަރުންގެ ތެރޭގައި އޭނާ ނުހިމެނެ އެވެ. އޭނާއަށް ފިލްމުތައް ލިބެނީ ޑައިރެކްޓަރުންނާ އެކު އޮންނަ ގާތް ގުޅުމެއްގެ ސަބަބުން ކަމަށް ވެސް ބުންޏެވެ. ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ބައެއް މީހުން ލަނޑު ދިނަސް އެމީހުންނާ އޮންނަ ގުޅުން މިހާރު ވެސް ވަރަށް ރަނގަޅު ކަމަށް ބުންޏެވެ.

ރާކޭޝް އޭނާގެ ޕްރޮޑަކްޝަން ކުންފުނި ފިލްމުކްރާފްޓް އުފެއްދީ 1980 ގަ އެވެ. އެ ކުންފުނީގެ ފުރަތަމަ ފިލްމަކީ "އާޕްކޭ ދިވާނޭ" އެވެ. އެ ފިލްމު ފްލޮޕްވިޔަސް ދެން އުފެއްދި "ކާމްޗޯރް" އަކީ ހިޓެކެވެ. ދެން އޭނާ ފެށީ ޑައިރެކްޓްކުރުމުގެ މަސައްކަތެވެ. އެގޮތުން 1987 ގައި އުފެއްދި "ޚުދްގަރްްޒް" އާއި އޭގެ ފަހުން "ޚޫން ބަރީ މާންގް"، "ކިޝަން ކަނައްޔާ"، "ކަރަން އަރްޖުން" އަދި "ކޮއިލާ" ވެސް ހިޓް ވި އެވެ.

އަމިއްލަ ދަރިފުޅު ރިތިކް އެކްޓިންގެ ދުނިޔެއަށް ނެރެން ރާކޭޝް ދެން އުފެއްދީ "ކަހޯނާ ޕިޔާރް ހޭ" އެވެ. އޭގެ ފަހުން އޭނާ ޑައިރެކްޓްކުރި ހުރިހާ ފިލްމުތަކެއްގައި ވެސް ބަތަލަކީ ރިތިކެވެ. އޭގެ ތެރޭގައި "ކޮއި މިލް ގަޔާ"، "ކްރިޝް"، "ކްރިޝް 2"، ހިމެނެ އެވެ. މި ހުރިހާ ފިލްމަކަށް ވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބުނެވެ.