02 ޖުލައި 2017 - 11:48

މޮސްކޯ، ރަޝިއާ (ޖުލައި 2) - މިހާރު ކުރިއަށްދާ ކޮންފެޑެރޭޝަން ކަޕަށް ދުނިޔޭގެ އެކި ގައުމުތަކުން ލިބުނު ތަރުހީބު އުއްމީދުކުރި ވަރަށް ވުރެ ކުޑަ ކަމަށް ރަޝިއާގެ ވޯލްޑް ކަޕް އޮގަނައިޒިން ކޮމިޓީގެ ޗީފް އެގްޒެކްޓިވް އަލެކްސޭ ސޮރޮކިން ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ އެކި ބައްރުތަކުގެ ޗެމްޕިއަނުން ކުޅޭ ކޮންފެޑެރޭޝަން ކަޕްގެ ތިން ވަނަ ހޮވާ މެޗާއި ފައިނަލް މިއަދު ކުޅޭއިރު، ސޮރޮކިން ވިދާޅުވީ މުބާރާތުގައި ކުޅޭ ޓީމުތަކަށް ރަޝިއާ އިން ލިބުނު ތަރުހީބު ރަނގަޅު ކަމަށެވެ.
"ރަޝިއާގެ ސަޕޯޓަރުންނަށް ބަލާއިރު ފެނިގެންދިޔަ އެކި ޓީމުތަކުގެ ސަޕޯޓަރުން. އެކަމަކު މުޅި ދުނިޔޭގެ ނިސްބަތުން ބަލާނަމަ އަހަރެމެން އުއްމީދުކުރި ވަރާ ގާތަށް ވެސް ސަޕޯޓު ލިބިފައެއް ނެތް. މި ކަމުގައި ހުރި މައްސަލަތައް ބަލަން ޖެހޭ،" ސޮރޮކިން ވިދާޅުވި އެވެ.
ކޮންފެޑެރޭޝަން ކަޕަކީ ވޯލްޑް ކަޕްގެ ކުރިން މުބާރާތުގެ ފޯރި އާލާކުރުމަށް ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާއިން އިންތިޒާމްކުރާ މުބާރާތެކެވެ. ސޮރޮކިން ވިދާޅުވީ ކޮންފެޑެރޭޝަން ކަޕުން ލިބުނު ފިލާވަޅުތަކުގެ އެހީގައި ވޯލްޑް ކަޕްގައި ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ގިނަ ކަމަށެވެ.
"އަންނަ އަހަރުގެ ވޯލްޑް ކަޕަށް މުޅި ދުނިޔޭން ލިބޭ ތަރުހީބު އިތުރުކުރަން. ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ. އޭގެ ތެރޭގައި އަހަރެމެން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭނަން މުބާރާތް އެކި ގައުމުތަކުގެ ވައްޓަފާޅިއާ އެއްގޮތަށް އިޝްތިހާރު ކުރަން،" އޭނާ ވިދާޅުވި އެވެ.
ރަޝިއާގެ ފުޓްބޯޅައިގައި ނަސްލީ ތަފާތު ކުރުމުގެ މައްސަލަތައް ފާއިތުވި އަހަރުތަކުގައި ގިނަ މެޗުތަކުގައި ވަނީ ދިމާވެފަ އެވެ. ފީފާއިން ވެސް ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ގިނަ ކެމްޕެއިން ތަކެއް ކުރިއަށް ގެންދާއިރު، ސޮރޮކިން ވިދާޅުވީ އެއީ މުބާރާތުގެ އިންތިޒާމް ކޮމިޓީ އަށް ވެސް އޮތް ޗެލެންޖެއް ކަމަށެވެ.
"ނަސްލީ ތަފާތު ކުރުމުގެ މައްސަލަތައް ރަޝިއާ ފުޓްބޯޅަ ލީގުތަކުގައި ފާއިތުވި އަހަރުތަކުގައި ވަރަށް ގިނަ. ސަޕޯޓަރުންގެ ކިބައިން އެކަހަލަ އަމަލެއް މި ފަހަރު ކޮންފެޑެރޭޝަން ކަޕްގައި ފެނިފައި ނުވުމަކީ ކުރިއެރުމެއް ކަމަށް ދެކެނީ. އެކަމަކު ވޯލްޑް ކަޕްގައި ގިނަ އަދަދެއްގެ ޓީމުތަކުން ވާދަކުރާއިރު މިއީ އަހަރެމެންނަށް ކުރިމަތިވާނެ ބޮޑު ޗެލެންޖެއް،" އޭނާ ވިދާޅުވި އެވެ.
އިންތިޒާމްތަކަށް ބަލާއިރު ކޮންފެޑެރޭޝަން ކަޕްގެ ފެންވަރު ރަނގަޅު ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ވިދާޅުވެފަ އެވެ.