މެންބަރު ސައުދު އޭސީސީ އަށް ހާޒިރު ކޮށްފި
މެންބަރު ސައުދު އޭސީސީ އަށް ހާޒިރު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ޕީޕީއެމްގެ ކުރީގެ މެމްބަރު ސައުދު ހުސައިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހާޒިރު ކޮށްފި އެވެ.

އޭސީސީން ބަލަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް މިއަދު ހެނދުނު އެ ކޮމިޝަނަށް ހާޒިރުވާން ޖެހޭ ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ސައުދު ވިދާޅުވީ "މިއީ ސިޔާސީ ތުހުމަތު ސީޒަން ދޭއްގެ އެޕިސޯޑު ތިނެއް ކަމަށެވެ."

އެކަމަކު ހިއްވަރުގެ މަތީގައި ދެމިހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދު އޭސީސީ އަށް ހާޒިރު ކުރީ ކޮން ސަބަބަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެ އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަ ކޮށްލަން ރޭވުމުގެ ތުހުމަތުގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން އޭނާ ވަނީ ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފަ އެވެ. އެންމެ ފަހުން ފުލުސް އޮފީހަށް ހާޒިރު ކުރީ މިދިޔަ ހަފުތާގަ އެވެ.

ސައުދާ އާއިލީ ގޮތުން ގުޅުން އޮންނަ، އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް ހަނީފަށް ވެސް ފުލުހުން ވަނީ ހަމަ އެ ތުހުމަތުކޮށް، މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ބަންދު ކޮށްގެން ގެންގުޅެފަ އެވެ. ހަނީފް ޝަރުތުތަކަކާ އެކު މިދިޔަ މޭ 30 ގައި ހައި ކޯޓުން ވަނީ މިނިވަންކޮށްފަ އެވެ.

ސައުދު ކުރިން ވިދާޅުވެފައި ހަނީފަށް ކުރާ ތުހުމަތުގެ އިތުރުން އާ ތުހުމަތެއް ސައުދުގެ މައްޗަށް ފުލުހުން ކުރާ ކަމަށެވެ. އެއީ އެއީ ފަނޑިޔާރަކު [ޝުޖާއު] ދިގު މުއްދަތަކަށް ޖަލަށް ލުމަށް މަސައްކަތް ކުރުމުގެ ތުހުމަތެވެ.

ސައުދަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެކި ކަންކަމަށް ފާޑުވިދާޅުވާތީ، ޕީޕީއެމުން މިދިޔަ އޭޕްރީލް މަހު ވަކިކޮށްފައިވާ ބޭފުޅެކެވެ. އޭގެ ފަހުން އޭނާ އެރުއްވީ އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަޅިއަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ޖަލްސާތަކުގައި ވެސް އޭނާ ވަނީ ފަހުން ބައިވެރިވެވަޑައިގެންފަ އެވެ.