މަރީ ހާފް މެރެތަން ރެކޯޑް މުގުރާލައިފި
މަރީ ހާފް މެރެތަން ރެކޯޑް މުގުރާލައިފި

ރާއްޖޭގެ އަންހެނުންގެ ގައުމީ ހާފް މެރެތަން ރެކޯޑް މަޝްހޫރު ކަސްރަތު އިންސްޓްރަކްޓަރު މަރިޔަމް އަބްދުލްކަރީމް (މަރީ) މިއަދު މުގުރާލައިފި އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް އަންހެން ދުވުންތެރިޔާ ކަމަށްވާ ސަމްހާ އަހުމަދު މީގެ ތިން އަހަރެއްހާ ދުވަސް ކުރިން 1 ގަޑި 42 މިނެޓުން ދުވެގެން ހަދާފައިވާ ރެކޯޑް މަރީ މުގުރާލީ އޮސްޓްރޭލިއާގެ ގޯލްޑްކޯސްޓް މެރެތަންގައި މިއަދު 1 ގަޑި 34 މިނެޓު 48 ސިކުންތުން ދުވެގެންނެވެ.

މި ރޭހުގައި އުމުރުން 41 އަހަރުގެ މަރީ ވަނީ 10 ކިލޯމީޓަރުގެ ރެކޯޑް ވެސް އާކޮށްފަ އެވެ. މިދިޔަ އަހަރުގެ ދިރާގު ރޯޑް ރޭހުގައި އޭނާ 44:18 މިނެޓުން ދުވެގެން ހެދި ރެކޯޑް އާކުރީ މިއަދުގެ ހާފް މެރެތަން ރޭހުގައި 10 ކިލޯމީޓަރުގެ ރާސްތާ 44:07 މިނެޓުން ކަޑައްތުކޮށްގެންނެވެ. އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ ހާފް މެރެތަން އިވެންޓެއް ނަމަވެސް ވަކިވަކި ރާސްތާތަކުގެ ރަސްމީ ޓައިމިން ލިބިފައިވާތީ، މި އިވެންޓުގައި މަރީ ހެދި 10 ކިލޯމީޓަރުގެ ރެކޯޑް ވެސް ގަބޫލުކުރާ ކަމަށެވެ.

ކުރީގެ އެއް ވަނަ ދުވުންތެރިޔާ ނަސީރު އިސްމާއިލްގެ ރަނާސް މޯލްޑިވްސްގެ ތެރެއިން ދުވުމުގެ ތެރެއަށް ނުކުތް މަރީ އަކީ ހީޓް ހެލްތު އެންޑް ފިޓްނަސްގެ ފުލް ޓައިމް ކަސްރަތު އިންސްޓްރަކްޓެކެވެ. އެކަމަކު އޭނާ ވަނީ 2015 ވަނަ އަހަރު ފުރަތަމަ ފަހަރަށް ގައުމީ ކަސްރަތު މުބާރާތުގައި ވާދަކޮށް 5000 މީޓަރު ދުވުމުންނާއި 1500 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ.

މަރީ ވަނީ މިދިޔަ އަހަރުގެ ގައުމީ މުބާރާތުގައި ވާދަކޮށް ތިން ރަން މެޑަލާ އެކު އެންމެ މޮޅު އެތުލީޓުގެ އެވޯޑް ހޯދައި އެންމެން ހައިރާންކޮށްލައިފަ އެވެ.

މަރީގެ މިހާރުގެ ކޯޗު ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) ބުނީ ކޭއެޗް ސްޕޯޓްސް އެކަޑަމީގައި މަރީ ތަމްރީން ހަދާތާ ދެ މަސް ވެފައިވާއިރު ހާފް މެރެތަންގައި އޭނާ ނުވަ މިނެޓުގެ ކުރިއެރުން ހޯދާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ގައުމީ މުބާރާތުގައި 5000 މީޓަރު ދުވުން 21 މިނެޓު 52 ސިކުންތުން މަރީ ނިންމި އިރު އެއީ ރާއްޖޭގެ ގައުމީ އެތުލެޓިކްސް މުބާރާތުގައި އަންހެން ދުވުންތެރިޔަކު އެ އިވެންޓް ނިންމި އެންމެ އަވަސް ވަގުތެވެ.