ޓްވީޓްތަކުގެ ދިފާއުގައި ޓްރަމްޕް ވާހަކަ ދައްކައިފި
ޓްވީޓްތަކުގެ ދިފާއުގައި ޓްރަމްޕް ވާހަކަ ދައްކައިފި

ވޮޝިންޓަން (ޖުލައި 2) - އެކި ފަރާތްތަކަށް ބަހުގެ ހަމަލާތައް ދެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާ ޓްވީޓްތަކުގެ ދިފާއުގައި ވާހަކަ ދައްކަވައިފި އެވެ.

ޓްވީޓްތަކުގެ ދިފާއުގައި ޓްރަމްޕް ވާހަކަ ދައްކަވާފައި ވަނީ އެމްއެސްއެންބީސީ ޓީވީގެ ދެ ޕްރެޒެންޓަރަކަށް ޓްރަމްޕް ދެއްވި ބަހުގެ ހަމަލާތަކެއް ހޫނުވެފައި ވަނިކޮށެވެ. މައިކް ބްރްޒެޒިންސްކީ އާއި ޖޯ ސްކާބޮރާ އަށް އަމާޒުކޮށް ޓްރަމްޕް ވަނީ ވަރަށް ޒާތީ ޓްވީޓްތަކެއް ކުރައްވައިފަ އެވެ. ޓްރަމްޕުގެ މި ޓްވީޓްތަކާ ގުޅިގެން ޑިމޮކްރެޓިކުންނާއި ރިޕަބްލިކަނުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔަން ފަށައިފަ އެވެ. ނަމަވެސް ޓްރަމްޕުގެ ދިފާއުގައި ވައިޓްހައުސް އިން ވަނީ ވާހަކަ ދައްކައިފަ އެވެ.

ޓްރަމްޕް ވިދާޅުވެފައި ވަނީ ބޮޑެތި މީޑިއާތައް ގިރާ ކުރުމަށް ފަހު އާއްމުންނާ ގުޅުވާލަ ދިނުމަށް ލިބޭ ފުރުސަތަކީ ސޯޝަލް މީޑިއާ ކަމަށެވެ. ބޮޑެތި މީޑިއާތައް ޓްރަމްޕް ސިފަ ކުރައްވާފައި ވަނީ ފޭކް ނިއުސްގެ ގޮތުގަ އެވެ.

"އަޅުގަނޑު ސޯޝަލް މީޑިއާ ބޭނުން ކުރުން ހުއްޓުވުމަށް ފޭކް ނިއުސް މީޑިއާތަކުން ދަނީ މަސައްކަތް ކުރަމުން. އެކަމަކު ހަނދުމަފުޅު ކުރައްވާ، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބު އަޅުގަނޑު ކާމިޔާބު ކުރީ އިންޓަވިއުތަކާއި ތަގްރީރުތަކާ އަދި ސޯޝަލް މީޑިއާ ބޭނުންކޮށްގެން،" ޓްރަމްޕް ވިދާޅުވި އެވެ.

ޖޯން އެފް ކެނެޑީ ސެންޓަ ފޯ ޕާފޯމިން އާޓްސްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް އިއްޔެ ވިދާޅުވީ ފޭކް މީޑިއާ އިން މަސައްކަތް ކުރަމުން ދަނީ އެމަނިކުފާން ހިމޭންކޮށްލުމަށް ކަމަށާއި އެކަމަކު އެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

ޓްވިޓާ އިން 33 މިލިއަން މީހުން ޓްރަމްޕް ފޮލޯ ކުރެ އެވެ. ޓްވިޓާގައި ޓްރަމްޕުގެ ބަސްމަގު ހުންނަ ގޮތުން ބައެއް ފަރާތްތަކުން ވަނީ އެއީ އެމެރިކާގެ އެންމެ މަތީ ވެރިޔާގެ އިބާރާތްތައް ހުންނަން ޖެހޭނެ ގޮތް ނޫން ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.