ޗިލީގެ ފެންވަރު ސާބިތުކޮށްދޭން ބޭނުން: ވިޑާލް
ޗިލީގެ ފެންވަރު ސާބިތުކޮށްދޭން ބޭނުން: ވިޑާލް

މޮސްކޯ، ރަޝިއާ (ޖުލައި 2) - ކޮންފެޑެރޭޝަން ކަޕް ފައިނަލުގައި މިރޭ ޖަރުމަނާ ދެކޮޅަށް ނުކުންނައިރު މެޗުން މޮޅުވެ ޗިލީގެ ފެންވަރު ސާބިތު ކޮށްދޭން ބޭނުންވާ ކަމަށް އެ ޓީމުގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް ބުނެފި އެވެ.

ޗިލީ ފައިނަލުން ޖާގަ ހޯދީ ޕެނަލްޓީ ޖަހައިގެން ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް އަތުން މޮޅުވެގެންނެވެ. ފައިނަލުގައި ޗިލީ އިދިކޮޅަށް ނުކުންނަ ޖަރުމަނަކީ ދުނިޔޭގެ ޗެމްޕިއަނުންނެވެ.

ޗިލީ އާއި ޖަރުމަން ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ފައިނަލުގައި ޖަރުމަނަ ދެކޮޅަށް ނުކުންނައިރު ވިޑާލް ބުނީ ކޮންފެޑެރޭޝަން ކަޕުގެ ކާމިޔާބީއާ އެކު ތާރީހުގެ ތެެރެއިން ޗިލީ އަށް ފުރުސަތު ލިބޭނެ އެވެ.

"އަހަރެމެން މިހާރު ވެސް ޗިލީގެ ފެންވަރު ސާބިތުކޮށްދީފިން. އެއީ އާޖެންޓީނާ އާއި ޕޯޗުގަލްގެ މައްޗަށް ކުރިހޯދައިގެން. ޕޯޗުގަލް އަކީ ޔޫރަޕްގެ ޗެމްޕިއަނުން. މިރޭ ފައިނަލުގައި އަހަރެމެން މި ކުޅެނީ ދުނިޔޭގެ ޗެމްޕިއަނުންނާއި މި މެޗުން މޮޅުވެ އަހަރެމެންނަކީ މި ވަގުތު އެންމެ މޮޅު ޓީމުކަން ސާބިތުކޮށްދެވިދާނެ،" ބަޔާން މިއުނިކަށް ކުޅެމުން އަންނަ ވިޑާލް ބުންޏެވެ.

ޗިލީ ވަނީ ފާއިތުވި ދެ އަހަރު އޮތް ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ކޮންފެޑެރޭޝަން ކަޕް ކާމިޔާބު ކޮށްފިނަމަ އެ ވެގެންދާނީ ތިން އަހަރު ތެރޭގައި އެ ޓީމަށް ލިބޭ ތިން ވަނަ ކާމިޔާބީ އަށެވެ. ވިޑާލް ދެކޭ ގޮތުގައި މިއީ އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވާން ލިބޭ ހިތްވަރެކެވެ.

"ފައިނަލަށް މި އައީ އަހަރެމެންގެ ހިތްވަރުން. މި މުބާރާތް ކާމިޔާބުކޮށް ވޯލްޑް ކަޕަށް ރަނގަޅަށް ތައްޔާރުވެވޭނެ. އަދި އަހަރެމެން ވޯލްޑް ކަޕަށް ކޮލިފައިނުވި ނަމަވެސް މި މުބާރާތުން އެކަމަށް ވެސް ހިތްވަރު ހޯދޭނެ،" ވިޑާލް ބުންޏެވެ.

ދިހަ ޓީމު ވާދަކުރާ ދެކުނު އެމެރިކާގެ ކޮލިފައިން ބުރުން ވޯލްޑް ކަޕުގެ ސީދާ ޖާގަ ލިބޭނީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމަކަށެވެ. ފަސް ވަނަ އަށްދާ ޓީމު ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ. ޗިލީ މި ވަގުތު ކުޅުނު 14 މެޗުން ލިބުނު 23 ޕޮއިންޓާ އެކު އޮތީ ކޮލިފައިންގެ ހަތަރު ވަނައިގަ އެވެ.

ޖަރުމަން ކެޕްޓަން ޖޫލިއަން ޑްރެކްސްލާ ބުނީ ޗިލީ އަކީ އާދައިގެ ޓީމެއް ކަމަށް ނުދެކޭ ކަމަށެވެ.

"ގްރޫޕް ސްޓޭޖުގައި ވެސް އަހަރެމެން ޗިލީއާ ދެކޮޅަށް ކުޅުނިން. އެ މެޗު ވެސް ވަރަށް އުނދަގޫ. ޔަގީނުން ވެސް އަހަރެމެންނަށް ޗިލީ އަކީ ފަސޭހަ ޓީމެކޭ ނުބުނެވޭނެ. މެޗުގެ 90 މިނިޓްގައި ވެސް އަހަރަމެން ކުޅެން ޖެހޭނީ ވަރަށް ސަމާލުވެގެން،" ޕީއެސްޖީ އަށް ކުޅޭ ޑްރެކްސްލާ ބުންޏެވެ.

މި ފަހަރުގެ ކޮންފެޑެރޭޝަން ކަޕްގައި ވާދަކުރާ ޖަރުމަން ޓީމަކީ މި މުބާރާތުގެ ތާރީހުގައި ކުޅޭ އެންމެ ޒުވާން ޓީމެވެ. އެ ޓީމުގެ އެވްރެޖް އުމުރަކީ 24 އަހަރެވެ. ޗިލީގެ ކޯޗު އެންޓޯނިއޯ ޕިޒީ ބުނީ ޒުވާން ސްކޮޑެއް ނަމަވެސް ޖަރުމަން ޓީމުގައި ތިބި ކުޅުންތެރިންނަކީ ޔޫރަޕްގެ އެންމެ މަތީ ފަންތީގައި ގަވާއިދުން ކުޅޭ ކުޅުންތެރިން ކަމަށް ވުމުން މެޗު އިތުރަށް އުނދަގޫވާނެ ކަމަށެވެ.

ޗިލީ އާއި ޖަރުމަން ކުޅޭ ކޮންފެޑެރޭޝަން ކަޕް ފައިނަލް އޮންނާނީ މިރޭ ރާއްޖެ ގަޑިން 11 ޖަހާއިރު އެވެ.