ހަސަދަ
ހަސަދަ

(ބުދަ ދުވަހުގެ ނޫހާ ގުޅޭ)

"ނާޒިމާ ތޯ؟" ނުތަނަވަސްވެފައި ހުރި މީހަކު ބުނި އަޑު އިވުނެވެ. "ވަރަށް ވަރަށް އަވަހަށް ސްކޫލަށް ވަޑައިގެންދެއްވަބައްލަވަ!"

ނާޒިމާގެ ގައިން ދިޔައީ ހީބިހިނަގައިގެންނެވެ. ހަމީދަށް ގުޅަން ނާޒިމާ މަސައްކަތް ކުރިއެވެ. އެ ކަމެއް ނުވިއެވެ. އެއީ ފޯނުގެ މައްސަލައެއްކަމެއް ނުވަތަ އެހެން ބާރެއްގެ ނުފޫޒުކަމެއް ނާޒިމާއަކަށް ނޭނގެއެވެ. މަގުމަތިން ޓެކްސީއެއް ހޯދައިގެން ވަރަށް އަވަހަށް ނާޒިމާ އިސްކޫލަށް ދިޔައެވެ. ޕްރިންސިޕަލް ފިޔަވައި ދެން ތިބި އިސްވެރިން ނާޒިމާގެ އިންތިޒާރުގައި ދޮރުމަތީގައި ތިއްބެވެ. އެންމެންގެ މޫނުމަތިން ވެސް ނާޒިމާއަށް ފެނުނީ ހާސްކަމެވެ. ނުތަނަވަސްކަމެވެ. ނާޒިމާގެ ހިތް ހީވަނީ މޭ ފަޅައިފައި ނުކުމެދާނެހެންނެވެ.

"ކިހިނެއްތޯ ވީ؟" ނާޒިމާ ސުވާލުކުރިއެވެ.

"ހިންގަވާ!" ހެޑުމާސްޓަރު އެދުނެވެ.

ނާޒިމާ ގޮވައިގެން އެ މީހުން ދިޔައީ ހޯލަކަށް ނޫނެވެ. ހެލްތުރޫމަށެވެ. އެ ހިސާބުން ނާޒިމާ ހީކުރީ ހައުލާއަށް ބޮޑު އަނިޔާއެއް ވީކަމަށެވެ.

"ނިކަން ބައްލަވަ ދަރިފުޅު." ހެލްތުރޫމަށް ވަންނަމުން ހެޑުމާސްޓަރު ބުންޏެވެ.

ނާޒިމާ ބަލައިލިއިރު ފެނުނީ ރަތްކުލައިގެ ދެ ލޯ ތަންމިނަށް ހުޅުވައިގެން ބަލަހައްޓައިގެން އިން އަންހެންކުއްޖެކެވެ. އެއީ ހައުލާކަން ނާޒިމާއަށް ކަށަވަރެވެ. އެކަމަކު ގަބޫލުކުރަން ދައްޗެވެ. އޭނަ އިނީ ރުޅިއައިސް ރަތްވެފައެވެ. އިސްތަށިގަނޑު ހުރީ ހާވައިލައިފައެވެ. ކަޅިއަޅައިގެން އެތައް އިރަކު ބަލަން އިނދެފައި އަޑުގެކޮޅަށް ހީނގަތެވެ. ނާޒިމާގެ ހިތް ކުދިކުދިވި ކަހަލައެވެ. ލަދު ވެސް ގަތެވެ. ބިރު ވެސް ގަތެވެ. ނާޒިމާޔާ އެންމެ ގާތުގައި އޭރު ވެސް ހެޑުމާސްޓަރު ހުއްޓެވެ.

"ދަންނަވަންތޯ ވީގޮތް،" ހެޑުމާސްޓަރު މަޑުމަޑުން ބުންޏެވެ. "ހައުލާ އިނީ އެހެން ކުދިންނާ އެކުގަ ހޯލުގަ. އެއްވެސް މައްސަލައެއް ނެތް. ވަރަށް ހަމަޖެހިލާފަ އިންކަމަށް ބުނަނީ. ޓެސްޓުހަދަން ފަށައިފަ މުޅި ތަން އަޑު މަޑުވި ވަގުތު، އަޑުގެ ކޮޅަށް ހައުލާ ހަޅޭކޯލަވައިގަތީ. ޑެސްކު ވެސް ހޫރައިލީ. ނަސީބެއް އެހެން ދަރިވަރެއްގެ ގައިގަ ނުޖެހުނުކަން. އެހާ ހިކިކޮށް ހުރި ކުއްޖަކު އެހާ ދުރަށް ޑެސްކު ހޫރައިލީ ކިހިނެއްކަމެއް ނޭނގެ. އެކަމަކު ޔަގީނުން ވެސް އާދަޔާ ޚިލާފުކަމެއް އެ ކަމަކީ. އަނެއްކާ އަޑު ގަދަކަމުން އެ ތަނުގަ ބޭންދޭ ވަރެއް ނޫން. ވާހަކަދައްކައިގެން ހައްލެއް ފެނޭތޯ ވަރަށް މަސައްކަތް ކުރެވުނު."

ހެޑުމާސްޓަރު ވާހަކަ ކިޔައިދިންއިރު ވެސް ހައުލާ އަޑުންއަޑުނަގައިފައި ހެނީއެވެ.

"ނިކަން މަ ލައްވާ ޓެސްޓު ހަދުވަބަލަ!" ހައުލާ ގޮންޖެހިއެވެ. "ލާހިކު ކުޅަދާނަތަ؟"

"އަޅުގަނޑުމެންނަށް ވިސްނުނު ގޮތުގަ، ހައުލާ އެ ހޯލުގަ ބައިންދައިފިއްޔާ އެހެން ކުދިންގެ ޓެސްޓަށް ވަރަށް ބޮޑަށް އަސަރުކުރާނެ. އެހެންވެ އެ ތަނުން ނެރުނީ،" އޯގާތެރި ރާގެއްގައި ހެޑުމާސްޓަރު ބުންޏެވެ. "ކީއްތޯ ކުރާނީ؟ މި ތަނަށް ގެނެސް ވަރަށް ވާހަކަދައްކައިފިން. ވިސްނައިދެވޭތޯ ވެސް ބަލައިފިން. ކުރާހާ ވެސް ކަމަކީ، އަޑުގެކޮޅަށް ހުނުން. ހީނހީނފަ ކިޔަނީ، ކަލޭމެން ތިހެން ކިތަންމެ ވަރަކަށް މަ ލައްވާ ކުރުވަން އުޅުނަސް ނުކުރެވޭނޭ ތި ކަމެއް."

ނާޒިމާގެ ކުރިމަތީގައި އިން ހައުލާއާއި ނާޒިމާގެ ދަރިފުޅާ ވަރަށް ތަފާތެވެ. ނާޒިމާގެ ދެ ދަރިން ބޮޑުކުރީ އަދަބުވެރިކަން ދަސްކޮށްދީގެންނެވެ. ރީތި ބަހުރުވައިން ވާހަކަދައްކަން ޖެހޭ މީހުންނާ އެ ކުދިން ވާހަކަދައްކާނީ އެ ބަހުރުވައިންނެވެ. އިޚުތިރާމަކީ ކޯޗެއްކަން ކުދިންނަށް އެނގޭނެއެވެ. ލަދުވެތިކަމުގެ ފަރުދާ ކަޝްފެއް ނުކުރާނެއެވެ. ދުރުހިލޭ މީހުންގެ ކުރިމަތީގައި ވެސް ހައުލާއަކީ ލަދުރަކި، ބަސްމަދު ކުއްޖެކެވެ. ނާޒިމާގެ ހިތް ރޮއިރޮއިފައި ބުނަމުންދިޔައެވެ. ހައުލާ ކޮބައިހެއްޔެވެ؟

"ހޯލުގަ ބައިންދައިގެން ހާދަ ވާހަކައެއް ދެއްކީމޭ އިނގޭތޯ،" ހެޑުމާސްޓަރު އިތުރަށް ބުންޏެވެ. "ޓެސްޓުހަދާށޭ އަވަހަށް ލިޔާށޭ ކިޔާފަ އެކި ގޮތްގޮތަށް ނަސޭހަތް ދިނީމަ ވެސް ހަމަ ހީނލަހީނލާ އިންނަނީ. ކީއްތޯ ކުރާނީ؟"

"ކަލޭ ތި ހީކުރަނީ ނާޒިމާ ގެނައީމަ މަ ލައްވާ ޓެސްޓު ހެއްދޭނެކަމަށް؟ އޭނ؟" ހައުލާ ހަޅޭއްލަވައިގަތެވެ.

ހައުލާ ތެދުވެގެން އައިސް ނާޒިމާ ގާތަށް ހުއްޓުނެވެ. ނާޒިމާ ހުރި ފިޔަވަޅުމަތީގައި ސާބިތުވެ ހުއްޓެވެ.

"ކަލޭ ހީކުރާ ގޮތް ދޯ؟" ނާޒިމާއާ ދިމާއަށް އިނގިލި ދިއްކޮށްލައިފައި ހައުލާ ބުންޏެވެ. "ކަލޭ ބޭނުންހާ ކަމެއް ނުކުރެވޭނެ. ނިކަން މޮޅިއްޔާ މަ ލައްވާ ޓެސްޓު ހައްދަބަލަ! ލާހިކު ކުޅަދާނައެއް ނޫން. މި ބުނަނީނު ނަހަދާނަމޭ."

ހައުލާ ދުވަހަކު ވެސް ނާޒިމާއާ ދިމާއަށް މަންމަ ނޫން ލަފުޒަކުން މުޚާޠިބެއް ނުކުރެއެވެ. ނާޒިމާ ހުރީ ރޮވެން ކައިރިވެފައެވެ. އަހަރު ދުވަހު ކުރި މަސައްކަތް ފެނަށްވެގެން ދާތީ އެކަންޏެއް ނޫނެވެ. އެންމެންގެ ތެރޭގައި އެ ބަހުރުވައިން ހައުލާ ވާހަކަދައްކާތީއެއް ވެސް ނޫނެވެ. ދަރިފުޅު އެ ކަމުން ސަލާމަތް ނުކުރެވިދާނެތީއެވެ.

"ތިހެން ނޫޅޭ ދަރިފުޅާ!" އޯގާތެރިކަމާއެކު ނާޒިމާ މަޑުމަޑުން ބުންޏެވެ. "އަވަހަށް ޓެސްޓު ހަދަން ފަށާ."

"ދަރިފުޅާއޭ؟" ހައުލާ ހަޅޭއްލަވައިގަތެވެ. "ކޮން ދަރިފުޅެއް؟ މަ މީ ކަލޭގެ ދަރިއެއް ނޫން. އަދި ބުނެފިއެއްނު ދަރިފުޅާއޭ."

ދަރިފުޅުގެ ހަށިގަނޑުގެ ތެރެއަށް ވަދެ އިނީ ޖިންނިއެއްކަން ނާޒިމާއަށް އެނގުނީ ފަހުންނެވެ. ވާހަކަދެއްކީ ވެސް އެ ޖިންނިއެވެ. ރުޤްޔާކުރި ރާޝިދު ފަހުން އެ ހުރިހައި އެއްޗެއް ކިޔައިދިނެވެ. އެ ކަން ކުރީ ކާކުކަމާއި، ސަލާމަތްވާން ކުރަންޖެހޭ ކަންކަން ވެސް ކިޔައިދިނެވެ. އެކަމަކު، އިސްކޫލުގެ ވެރިންގެ ކުރިމަތީގައި ނާޒިމާ ހުރީ ގޮތް ހުސްވެފައެވެ. ވާނުވާ ނޭނގިފައެވެ. ހައުލާ ނިކަން ބާރަށް ހީނގަތެވެ. ލަދުން މަރުނުވިއްޔާ ހިތްދަތިވެގެން ގޮސް ހިތް ފަޅައިގެންދާ ކަހަލަ ހުތުރު ރާގަކަށެވެ.

"އަދި ބުނަންތަ ވާހަކައެއް؟" ހައުލާ ބުންޏެވެ. "ކަލޭގެ އަނެއް ދަރި މިހާރު އޮންނާނެ އެނދުމައްޗަށް ދަންމާލާފަ. މާ މޮޅު ކަމެއްކަމަށް ވެގެން ކަލޭ ނިކަން ހުރެބަލަ މި ތަނުގަ. އޮންނާނީ ވައްޓާލާފަ! އޮންނާނެ މިހާރު ރޯ މަހެއްހެން ތެޅިތެޅި."

ނާޒިމާ އަވަސްއަވަހަށް މޫނިސާއަށް ގުޅިއެވެ. އެ ފޯނު ރަނގަބީލުވެއެވެ. އެކަމަކު ނުއެއް ނަގައެވެ. ނާޒިމާގެ ހާސްކަން ހައްތާ ބޮޑުވިއެވެ. ދުއްވައިގަންނަންވީ ކޮން ދިމާއަކަށް ކަމެއް ނޭނގެއެވެ. ގާތުގައި ހުރި ދަރިފުޅު ގޮވައިގެން ގެއަށް ދާންވީ ހެއްޔެވެ؟ ގޭގެ ހުރި ދަރިފުޅުގެ ހާލުބަލަން ގެއަށް ގުޅަންވީ ހެއްޔެވެ؟ ގުޅާނީ ކާކަށް ހެއްޔެވެ؟ އޭރު ވެސް ހަމީދުގެ ޚަބަރެއް ނުވެއެވެ. ނާޒިމާއަކަށް ހަމީދެއް ނުވެސް ގުޅައެވެ. އަނެއްކޮޅުން ހަމީދަކީ އެ ކަހަލަ ކަންތައްތަކުގައި ނާޒިމާއަށް ވުރެ ހާސްވާ މީހެކެވެ. ދެން ކުރެވުނު ކަމަކީ ހެޔޮއެއްޗެހި ކިޔުމެވެ. ހައުލާ ހަމައަކަށް އެޅުވޭތޯ ބެލުމެވެ. އެންމެންގެ ކުރިމަތީގައި އެ ކަން ކުރަން ނާޒިމާއަކަށް ފަސޭހައެއް ނުވިއެވެ. ހަނދާންނެތެނީއެވެ. ދޫ އޮޅެނީއެވެ.

"ކަލޭ ކޯޗެއް ކިޔާކަށް؟" ހައުލާ ހަޅޭއްލަވައިގަތެވެ. "ރަނގަޅަކަށް ނުވެސް ކިޔެއެއްނު. ކަލެއަށް އެނގޭތަ ތި ކިޔޭ އެއްޗެއް؟ މި ތަނުން ރައްކާވޭ! ތި އެންމެން މި ތާ ތިބެގެން ކިތަންމެ އިރަކު ހޭރުނަސް ނަހަދާނަން ޓެސްޓެއް. މި ބުނީނު ނަހަދާނަމޭ. ނުކުރާނަން. ކަލޭމެން ބޭނުން އެއްކަމެއް ވެސް ނުވާނެ ދެނެއް."

ނާޒިމާ ތުރުތުރުއަޅަން ފެށިއެވެ. ކެތްކޮށްގެން ހުއްޓައި ވެސް ލޮލުން ކަރުނަ ފައިބަން ފެށިއެވެ. އެ ކަމަށް ވެސް ހައުލާ ކުރީ މަލާމާތެވެ.

"ތާހިރުވެއްޖެ؟" ހައުލާ ފައްޗަކަށް އަމުނައިލިއެވެ. "ރާބޮވިއްޖެ؟ ހޭއަރައިފި؟ މޮޅުތަކެއް ވެއްޖެ؟ ގުއިރެވިއްޖެ؟"

ހައުލާ އަވަގުރާނައެއް ނުގޮވައެވެ. އެހެންނަމަވެސް، އޭނަ ބުނެލާ އެއްޗެހިން ނާޒިމާއަށް ކުރި އަސަރު ކުޑައެއް ނޫނެވެ. އިސްކޫލުގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ދިނެވެ. ޓެސްޓުގެ ގަޑި ނިންމައިފައި އިތުރަށް ވެސް ތިރީސް މިނެއްޓު ދިނެވެ. ހައުލާ އެންމެ އަކުރެއް ވެސް ނުލިޔުނެވެ. ނާޒިމާ އަނެއްކާ ވެސް މަސައްކަތްކުރީ ހަމީދަށް ގުޅޭތޯއެވެ. ނަސީބަކުން އެ ފަހަރު ވަރަށް ފަސޭހައިން ގުޅުނެވެ. ވެގެން އުޅޭ ގޮތް ނާޒިމާ ވަރަށް ކުރުކޮށް ކިޔައިދިނެވެ.

"ދޭބަލަ ގެއަށް،" ހާސްނުވެ ވާހަކަދައްކަން އުޅުނަސް ނާޒިމާއަކަށް ހާސްކަމެއް ނުފޮރުވުނެވެ. "ބަލާބަލަ މޫނިސާ ކޮބައިތޯ!"

"ކިހިނެއްވީ ކިހިނެއްވީ؟" ހަމީދު ހާސްވެގެން ތެޅިފޮޅިގަތެވެ. "އޭނަޔަށް ކިހިނެއްވީ؟"

"މީނަ އެބަ ބުނޭ އޭނަ އޮންނާނީ ވައްޓާލާފައޭ. އެބައޮތޭ ތެޅިތެޅި،" ނާޒިމާއަށް ޖެހުނީ އެ ވާހަކަ ވެސް ބުނާށެވެ. "ދޭބަލަ އަވަހަށް."

"އޭނ؟ މަ އެކަނި ދާންވީ؟" ހަމީދު ގަތީ އަމަށަކު ބިރެއް ނޫނެވެ. "ނާޒިމާ ވެސް އަންނަންވީނު. ރާޝިދު ކޮބާ؟ ޕޮލިހަށް ގުޅަންވީނު."

ވާހަކަދައްކައިގެން ހަމީދު ބިރުކަނޑުވާކަށް ނާޒިމާއަކަށް ވަގުތެއް ނެތެވެ. ދައްކާނެ ވާހަކައެއް ނާޒިމާގެ ސިކުނޑިއަކަށް ނުވެސް އައެވެ. ނާޒިމާ ފޯނު ކަނޑައިލިއެވެ.

"ވަރަށް ދެރަ،" ސްޕަވައިޒަރު ވާހަކަދެއްކީ ޙަޤީޤަތުގައި ވެސް ވަރަށް ދެރަވެފައެވެ. "އިތުރު ވަގުތު ދިނުމަކީ އަޅުގަނޑުމެން ކުރާ ވެސް ކަމެއް ނޫން. އޯލެވެލް ހަދާއިރު މި ތަނަކު ސްޕަވައިޒަރުން ކީއްކުރަން ޓީޗަރަކު ވެސް ނުބަހައްޓާނެ. އެއީ އޮންނަ އުސޫލެއް ނޫން. އެކަމަކު މި ކަހަލަ ކޭސްއެއް ވީމަ ބެލެނިވެރިޔާ ވެސް ގެނެސް، ދަރިވަރު ޓެސްޓު ހަދާތޯ އެ ފުރުސަތު ވެސް މި ދިނީ. ހިތަށްއެރީ މަންމަ ނޫނީ ބައްޕަ ކުރިމަތީގަ ފެންނަން ހުރިއްޔާ ވެސް ފަހަރެއްގަ ޓެސްޓު ހަދާފާނޭ. ދެން ކުރާނެކަމެއް ނެތް. ކުއްޖާ ގެންދަވާ ގެއަށް. ވާ ގޮތް އަޅުގަނޑުމެންނަށް ވެސް ޚަބަރު ކޮށްލައްވާތި!"

ހައުލާ ގެއަށް ގެންދަންވެގެން ޓެކްސީ ގެނައެވެ. ނާޒިމާއަށް ދެން ވެސް ކުރިމަތިވީ އަޖައިބެއް ކަހަލަ ކަމެކެވެ. ހައުލާއަކީ އާދައިގެ މިންވަރަށް ވުރެ ވެސް ތަންކޮޅެއް ހިކިކޮށް ހުންނަ ކުއްޖެކެވެ. އެކަމަކު، ނުދާން ގަދަހަދައިލުމުން ހައުލާ ގުޑުވައި ވެސް ނުލެވުނެވެ. ކުޑަމިނުން ގޮނޑިން ނުވެސް ނެގުނެވެ. ނާޒިމާ ހުރީ ހައުލާގެ އެއް އަތުގައި ހިފަހައްޓައިގެންނެވެ. އެކަމަކު ބަރުކަމުން ހައުލާ ހިއްލައެއް ނުލެވުނެވެ. ހީވަނީ ބޮޑު ހިލަގަނޑެއްހެންނެވެ. އެހެންނަމަވެސް، އެތައް ބަޔަކުވެގެން ކާރާ ހަމައަށް ހައުލާ ގެންގޮސްދިނެވެ. ދަރިފުޅު ކާރަށް ލައިގެން ގެއާ ދިމާއަށް ނާޒިމާ ދަތުރު ފެށިއެވެ. އިސްކޫލާ ދުރަށް ތަންކޮޅަކަށް ދެވޭއިރަށް ހައުލާ ތެޅިގެންފައި ބޮޑު ނޭވައެއް ލިއެވެ. އެ ހިސާބުން ދެން ވާހަކަދައްކަން ފެށީ ނާޒިމާގެ ދަރިފުޅު ހައުލާއެވެ. އެހެންޏާ ވެސް ވާހަކަދައްކާ އަޑުންނެވެ.

"މަށަށް ޓެސްޓެއް ނުހެދުނު ދޯ މަންމާ!" ހައުލާ ރޯން ފެށިއެވެ.

ނުނިމޭ