23 ޖޫން 2016 - 11:18

ޕެރިސް، ފްރާންސް (ޖޫން 23) - ސްވިޑަން ގައުމީ ޓީމާ އެކު ހޭދަކުރި ދުވަސްތަކާ މެދު ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައިވާ ޒަލަޓާން އިބްރަހިމޮވިޗް ބުނެފި އެވެ.
ސްވިޑަން ގައުމީ ޓީމަށް 2001 ވަނަ އަހަރު ކުޅެން ފެށި އިބްރަހިމޮވިޗް ވަނީ ޔޫރޯގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބެލްޖިއަމް އަތުން ރޭ 1-0 އިން ސްވިޑަން ބަލިވި މެޗަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ.
މި މުބާރާތުގައި އޭނާ އަށް ލަނޑެއް ޖެހިފައި ނުވި ނަމަވެސް އޭނާ ވަނީ 2004، 2008 އަދި 2012 ވަނަ އަހަރުގެ ޔޫރޯގައި ލަނޑު ޖަހައިފަ އެވެ. ގައުމީ ޓީމާ އެކު ބޮޑު ކާމިޔާބެއް ނުހޯދުނު ނަމަވެސް 116 މެޗުން 62 ގޯލް ވަނީ ޖަހައިފަ އެވެ.
"ކެރިއަރާ މެދު ވަރަށް ބޮޑަށް ފަހުރުވެރިވޭ. މަލްމޯގެ ކުޑަކުޑަ ސަރަހައްދަކަށް އުފަންވި މީހަކު، ސްވިޑަން ގައުމީ ޓީމަށް ކުޅެ ގައުމީ ޓީމުގެ ކެޕްޓަންކަން މިކުރީ،" ސްވިޑަންގެ މޮޅު ކުޅުންތެރިޔާގެ މަގާމް ނުވަ ފަހަރު ހޯދާފައިވާ އިބްރަހިމޮވިޗް ބުންޏެވެ.
އުމުރުން 34 އަހަރުގެ އިބްރަހިމޮވިޗް ބުނީ ގައުމީ ޓީމާ އެކު ކާމިޔާބީ ހޯދުމަކީ ލިބުނު ޝަރަފެއް ކަމަށާއި ގައުމީ ޓީމުގެ އުފާވެރި ހަނދާންތައް އަބަދުވެސް ދެމި ހުންނާނެ ކަމަށެވެ.
ކްރޮއޭޝިއާ އަދި ބޮސްނިއާ އަށް ނިސްބަތްވާ އިބްރަހިމޮވިޗް ސްވިޑަން ގައުމީ ޓީމަށް ކުޅެން ފެށީ، އެ ދެ ޓީމުން ލިބުނު ފުރުސަތު ދޫކޮށްލުމަށް ފަހު އެވެ. ގައުމީ ޓީމާ އެކު ތަށްޓެއް ނުހޯދުނު ނަމަވެސް އޭނާ ވަނީ ކުޅުނު ކޮންމެ ކްލަބަކާ އެކު ގިނަގުނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ.