01 ޖުލައި 2017 - 14:07

ވޮޝިންޓަން (ޖުލައި 1) - ނޯތު ކޮރެއާއާ މެދު ކެތްތެރިކަން ކޮޅުންލައިފި ކަމަށާއި ދެން އޮތީ ވަރުގަދަ ރައްދަކުން ރައްދު ދިނުން ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފި އެވެ.
ސައުތު ކޮރެއާގެ ރައީސް މޫން ޖައެ-އިންއާ ވޮޝިންޓަނުގައި ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނަށް ޓްރަމްޕް ވިދާޅުވީ "އަނިޔާވެރި ވެރިކަމެއްގެ އަނިޔާވެރިކަމާ ކުރިމަތިލާން ޖެހިފައިވާ" ކަމަށެވެ. ޓްރަމްޕް ވަނީ ނޯތު ކޮރެއާ އިން ރަނގަޅު މަގު ވަރަށް އަވަހަށް އިޚްތިޔާރު ކުރުމަށް ގޮވާލައްވައިފަ އެވެ.
މޫން ވިދާޅުވީ ނޯތު ކޮރެއާގެ ލީޑަރުންނާ އެކު މަޝްވަރާތައް ކުރިއަށް ގެންދެވޭތޯ ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ. ސައުތު ކޮރެއާގެ ރައީސް ވަނީ އޭނާގެ ގައުމުގެ ދިފާއު ވަރުގަދަ ކުރުމަށް އިސްކަން ދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ވައިޓްހައުސްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ނޯތު ކޮރެއާ މައްސަލަ އަށް ޑިޕްލޮމެޓިކް ހައްލެއް ފެނޭތޯ ސައުތު ކޮރެއާ އާއި ޖަޕާން އަދި އެ ސަރަހައްދުގެ އެހެން ބައެއް ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޓްރަމްޕް މިމޭރުމުން ވާހަކަ ދެއްކެވި އިރު ވަނީ ނޯތު ކޮރެއާގެ މަނީ ލޯންޑްރިންގައި ތުހުމަތު ކުރެވުނު ޗައިނާގެ ބޭންކަކާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. މި މައްސަލައިގައި ޗައިނާ އިން ހިތްހަމަނުޖެހިފައިވާ އިރު ޚާރިޖީ ވުޒާރާގެ ތަރުޖަމާނަކު ވަނީ އެމެރިކާ އިން ގޯސް ފިޔަވަޅުތައް ނޭޅުމަށް އެދިފަ އެވެ.