23 ޖޫން 2016 - 11:25

ވޮޝިންޓަން (ޖޫން 23) - ފްލޮރިޑާގެ ނައިޓް ކްލަބެއްގައި ބަޑިން ދިން ހަމަލާ އަށް ފަހު ބަޑި ކޮންޓްރޯލް ކުރުމަށް ޑިމޮކްރެޓިކް ޕާޓީން ކުރަމުންދާ ޑިމާންޑުގައި އެންމެ ފަހުން ކޮންގްރެސް ހިސާރުކޮށްފި އެވެ.

ކޮންގްރެސްގެ އިހްތިޖާޖު ދެ ވަނަ ދުވަހަކަށް އެޅި އިރު ހަޅުތާލުގައި އިސްކޮށް ހުރީ މަދަނީ ހައްގުތަކަށް މަސައްކަތް ކުރާ ޖޯން ލުވިސް އެވެ. އޭނާ ވަނީ ބަޑި ކޮންޓްރޯލް ކުރުމުގެ ވޯޓަކަށް ޑިމާންޑްކޮށްފަ އެވެ. އެކަމަކު ރިޕަބްލިކަން ޕާޓީން ބުނީ ވޯޓަކަށް ވެސް އެހިއަކަ ނުދޭނެ ކަމަށާއި އަދި އިހްތިޖާޖަށް ވެސް ފުރުސަތު ނުދޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި ތިބީ މި އިހްތިޖާޖް ކުރިއަށް ގެންދާ ގޮތަށް،" ލުވިސް، 76، ވިދާޅުވި އެވެ.
ބަޑި ކޮންޓްރޯލް ކުރުމާ ބެހޭ ގޮތުން ޑިމޮކްރެޓިކް ޕާޓީން ސެނެޓަށް ހުށަހެޅި ހަތަރު ބިލެއް ވެސް ބޭރުކޮށްލާފައި ވަނިކޮށް ކޮންގްރެސްގައި ހަޅުތާލު ކުރިއަށްދާ އިރު ރިޕަބްލިކަން ޕާޓީން ވޯޓަށް އަހަން މަސައްކަތް ކުރަމުންދާ އެހެން ކަން ކަމަށް ޑިމޮކްރެޓިކުން ދަނީ ހުރަސް އަޅަމުންނެވެ. އެހެންކަމުން މިހާރު އުފެދިފައިވާ ސުވާލަކީ ޑިމޮކްރެޓިކުންގެ ހަޅުތާލަށް ފުރުސަތު ދޭނީ ކިހާ އިރަކަށްތޯ އެވެ. ޑިމޮކްރެޓިކުން ބުނަނީ ބަޑި ކޮންޓްރޯލް ކުރުމާ ބެހޭ ގޮތުން ވޯޓަކަށް އަހަންދެން އެ މީހުން ޗެމްބަރުގައި ތިބޭނެ ކަމަށެވެ.
ރިޕަބްލިކަން ޕާޓީން މިއަދު ހެނދުނު ވަނީ ސިލްސިލާ ވޯޓުތަކެއް ނެގުމަށް ފަހު މަޖިލިސް ނިންމާލަން މަސައްކަތް ކޮށްފަ އެވެ. އެގޭ ފަހުން ރިސެސްއަކަށް ދިއުމަށެވެ.
ކޮންގްރެސް ކޮންޓްރޯލް ކުރާ ރިޕަބްލިކަނުން ބުނެފައި ވަނީ ޑިމޮކްރެޓިކުން އުޅެނީ ސިޔާސީ ގޮތުން ސްޓަންޓެއް ޖައްސަން ކަމަށެވެ.
ވައިޓްހައުސްގެ ތަރުޖަމާން ޖޯޝް އާނެސްޓް ވިދާޅުވީ ކޮންގްރެސްގެ ޗެމްބަރުން ފެނިގެން އެދަނީ މެންބަރުންގެ މާޔޫސްކަން ކަމަށެވެ. އަދި އެ ގޮތަށް ކަންތައް ވަނީ ރިޕަބްލިކަން ކޮންޓްރޯލް ކުރާ ކޮންގްރެސްއަކުން ރައްޔިތުންގެ ހިމާޔަތުގައި ފިޔަވަޅު އެޅުމަށް ފަސް ޖެހުމުން ކަމަށް ވެސް ވިދާޅުވި އެވެ.