މައްސަލަ ހައްލު ކުރަން ސަލާމަތީ މަޖިލީހުގެ އެހީ އަށް ގަތަރުން އެދިއްޖެ
މައްސަލަ ހައްލު ކުރަން ސަލާމަތީ މަޖިލީހުގެ އެހީ އަށް ގަތަރުން އެދިއްޖެ

ދޯހާ (ޖުލައި 1) - ގަލްފުގެ ބައެއް ގައުމުތަކުން ގުޅުން ކަނޑާލުމަށް ފަހު އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލުމުގައި ސަލާމަތީ މަޖިލީހުގެ އެހީ އަށް ގަތަރުން އެދިއްޖެ އެވެ.

ގަތަރުގެ ޚާރިޖީ ވަޒީރު މުހައްމަދު ބިން އަބްދުއްރަހުމާން އަލް ސާނީ އިއްޔެ ވަނީ ސަލާމަތީ މަޖިލީހުގައި ހިމެނޭ ދާއިމީ ނޫން މެންބަރުންނާ ނިއު ޔޯކުގައި ހުންނަ ގަތަރުގެ މިޝަންގައި ބައްދަލު ކުރައްވައިފަ އެވެ. އަދި ގަތަރުގެ ދިފާއުގައި އެ ގައުމުތަކުން މަސައްކަތް ކޮށްދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ. ސަލާމަތީ މަޖިލީހުގައި ހިމެނޭ މި ދައުރުގެ ދާއިމީ ނޫން މެންބަރެއް ކަމަށްވާ މިސްރުން ބައްދަލުވުމުގައި ބައިވެރިއެއް ނުވެ އެވެ. މިސްރުން ވަނީ ގަތަރާ ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ.

އަލް ޖަޒީރާ އަށް އައް ސާނީ ވިދާޅުވީ ގަތަރު މައްސަލައިގެ ފަހުގެ މައުލޫމާތު ސަލާމަތީ މަޖިލީހުގެ މެންބަރުންނަށް ދެއްވި ކަމަށާ އަދި މައްސަލަ ހައްލު ކުރުމަށް ހުރިހާ ގައުމެއްގެ އެހީ އަށް އެދިވަޑައިގެންނެވި ކަމަށެވެ.

"ހުރިހާ ގައުމަކުން ވެސް ސީރިއަސްކަމާ އެކު މަޝަވަރާތަކުގައި ބައިވެރިވުމަށް ގަތަރުން އެދެން،" ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

އަލް ސާނީ ނިއު ޔޯކަށް ވަޑައިގެންނެވީ ވޮޝިންޓަނުގައި އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަންއާ ބައްދަލު ކުރެއްވުމަށް ފަހު އެވެ. ޓިލަސަން ވަނީ ގަތަރު މައްސަލަ ހައްލު ކުރުމުގައި އެމެރިކާ އިން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ޖޫން 5 ވަނަ ދުވަހު ސައުދީ އަރަބިއާ އިސްވެ އޮވެ ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލި ފަހުން ވަނީ ގަތަރުން ތަބާވުމަށް 13 ޝަރުތެއް ކަނޑައަޅައިފަ އެވެ. ނަމަވެސް ގަތަރުން ބުނެފައި ވަނީ އޭގައިވާ ޑިމާންޑްތަކަކީ އަމަލީ ގޮތުން ކުރެވޭނެ ކަންކަން ނޫން ކަމަށެވެ.